އިންޑިއާއިން ބުނީ އަމަލުކުރާނީ ބަންގްލާދޭޝްގެ ރައްޔިތުންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަށް ކަމަށް
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް މިއަދު އިއްވި މަރުގެ ހުކުމާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް އެމްޑީ އަސަދުއްޒަމާން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ
17 ނޮވެމްބަރ 2025 - 17:50
އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ކުށް ސާބިތުވެ ދަންޖައްސައި މެރުމުގެ ހުކުމެއް މިއަދު އައިސްފައިވާ، ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަނބުރާ ގައުމަށް ފޮނުވަން ބަންގްލާދޭޝް އިން މިއަދު އިންޑިއާއަށް އަނެއްކާވެސް ގޮވާލައިފި އެވެ.
އުމުރުން 78 އަހަރުގެ ހަސީނާގެ ޒަމާންވީ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ނިމުމަކަށް ގެނައި މުޒާހަރާތައް ވަރުގަދަވުމާ އެކު އޭނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ޝަރީއަތަށް ހާޒިރުކުރުމަށް ހަސީނާ ބަންގްލާދޭޝްއާ ހަވާލުކުރަން އެދުނު އެއްވެސް އެދުމަކަށް ވެސް އިންޑިއާއިން އިޖާބަ ދީފައި ނުވާތީ ދެ ގައުމުގެ ގުޅުމަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މެރުމަށް އަމުރުކުރި ކަމުގެ ކުށް ސާބިތުވެ ހަސީނާގެ އިތުރުން ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްގެ މައްޗަށް ވެސް މިއަދު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
އަސަދުއްޒަމާން ވީ ތަނެއް ނޭނގެ އެވެ. އެކަމަކު ބަންގްލާދޭޝް އިން ގަބޫލުކުރަނީ އޭނާ ވެސް ވީ އިންޑިއާގައި ކަމަށެވެ.
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް މިއަދު އިއްވި މަރުގެ ހުކުމާ އެކު ނުރުހުން ފާޅުކޮށް މުޒާހަރާކުރި ހަސީނާގެ ސަޕޯޓަރުން ކޮންޓްރޯލްކުރަން ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
"އިންޑިއާ ސަރުކާރުން މި ދެ ކުށްވެރިން، ބަންގްލާދޭޝްގެ ކަމާބެހޭ އިދާރާތަކާ ވަގުތުން ހަވާލުކުރުމަށް ގޮވާލަން،" ބަންގްލާދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއީ އިންޑިއާއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ "މި ކުށްވެރިންނަށް ހިމާޔަތް ދިނުމަކީ ... އެކުވެރި ގުޅުމާ ދުރު އަދި އިންސާފާ ބީރައްޓެހި" ގޮތެއް ކަމަށެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބަންގްލާދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް އިއްވި ހުކުމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ގާތް އަވަށްޓެރިއެއްގެ ހައިސިއްޔަތުން އިންޑިއާއިން އަމަލުކުރާނީ ބަންގްލާދޭޝް ރައްޔިތުންނާއި ސުލްހަޔާއި ޑިމޮކްރަސީއަށް އެންމެ މަސްލަހަތު ހުރި ގޮތަށް ކަމަށެވެ. އަދި މިކަމުގައި އުފެއްދުންތެރި ގޮތެއްގައި، ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތްކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އިތުރު އެއްވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް މިއަދު އިއްވި މަރުގެ ހުކުމާ އެކު ނުރުހުން ފާޅުކޮށް މުޒާހަރާކުރި ހަސީނާގެ ސަޕޯޓަރުން ކޮންޓްރޯލްކުރަން ފުލުހުން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާ އިން މިދިޔަ އަހަރު ވެސް ވަނީ ހަސީނާ އަނބުރާ ފޮނުވަން އެދި ބަންގްލާދޭޝް އިން ހުށަހަޅާފައިވާކަން ޔަގީންކޮށްދީފަ އެވެ. އެކަމަކު އޭރު ބުނެފައިވަނީ އެކަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށް އެ ގައުމުގެ އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ބަންދުކުރުމާއި ސިޔާސީ ވާދަވެރިން އެކި ގޮތްގޮތުން މެރުން ހިމެނެ އެވެ.
ބަނގްލަދޭޝްއިން މިދިޔަ އަހަރު ވަނީ ހަސީނާ ހޯދުމަށް އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެން ހުށަހަޅާނެ ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު އެ ނޯޓިސް ނެރެފައިވާ ކަމަކަށް އިންޓަޕޮލްގެ ޑޭޓާބޭސް އަކުން ނުދައްކަ އެވެ.
ހަސީނާ އާއި އަސަދުއްޒަމާނަށް މަރުގެ ހުކުމް އިއްވުމާ އެކު ވަގުތީ ރައީސް، ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. މިއީ ތާރީހީ ހުކުމެއް ކަމަށާއި މިކަމާ ގުޅުވައި އެއްވެސް ބަޔަކު ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޯދީ
17 November 2025
ތިހެން ތިކަމެއްނުވާނެ..