ވިޔަފާރި / ބީއެމްއެލް

ބްރާންޗުތަކުގެ މުވައްޒަފުން ދެން ބަދަލުވާނީ "ފައިނޭންޝަލް އެޑްވައިޒަރުން" ނަށް: ޝަރީފް

ރާއްޖޭގެ ހުރިހާ ރަށެެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި އެ ބޭންކުގެ ސީއީއޯ ޝަރީފް މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގައި ސޮއިކުރައްވަނީ: އޭގެ ފަހުން 8 މަސް ވީއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ބަހައްޓާފައި.

19 ނޮވެމްބަރ 2025 - 20:46

5 comments

މުޅި ރާއްުޖޭގައި އޭޓީއެމް ބެހެއްޓުމަކީ "ޑިޖިޓަލް ބޭންކު" ބޭނުންކުރުމަށް އެޅި ބިންގަލެއް ކަމަށާއި އެ ހިދުމަތާ އެކު، ރަށްރަށުގައި ހިންގާ ބީއެމްއެލްގެ ބްރާންޗުތަކުގެ މުވައްޒަފުން ދެން ބަދަލުވާނީ މާލީ މުއާމަލާތްތަކަށް އާންމުން ހޭލުންތެރިކުރާ "ފައިނޭންޝަލް އެޑްވައިޒަރުން" ނަށް ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ އިއްޔެ ވިދާޅުވީ ރަށްރަށުގައި ހުޅުވާފައިވާ ބީއެމްއެލްގެ ބްރާންޗުތަކުގެ މުވައްޒަފުން ކުރިމަގުގައި ބަދަލުވާނީ މާލީ އެހީތެރިކަން ފޯރުކޮށްދޭ "ފައިނޭންޝަލް އެޑްވައިޒަރުން" ނަށް ކަމަށެވެ. އަދި އެ މުވައްޒަފުންނަކީ ރަށްރަށުގައި ގޭގެ އަށް ގޮސް ޑިޖިޓަލް ބޭންކިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، މޮބައިލް ބޭންކިން ބޭނުންކުރާނެ ގޮތް ކިޔައިދޭނެ ބަޔަކަށް ކުރިމަގުގައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ފިހާރަތަކަށް ވެސް [އެ މުވައްޒަފުން] ވަޑައިގެން ފައިނޭންސް ވެސް ބަލަހައްޓާނެ ގޮތް، ލޯނެއް ނަންގަވަންޏާ ވާންޖެހޭ ގޮތާއި މި ކަހަލަ ކަންކަން ކިޔައިދޭނެ ބަޔަކަށް ފައިނޭންޝަލް އެޑްުވައިޒަރުން ވާނީ. ބްރާންޗުތަކުގައި ހުންނަ ޓެލާސްގެ ބަދަލުގައި އޮޓަމޭޓެޑް ޓެލާސް މި ބޭނުންކުރަނީ. ބްރާންޗުތަކުގެ ސްޓާފުން މާ މުހިންމު ކަމަކަށް އެ ބޭފުޅުންގެ ވަގުތު ހޭދަކުރައްވާނީ މުސްތަގުބަލުގައި،" ސީއީއޯ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރަށެެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ ޕްރޮޖެކްޓް މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގައި ރަައީސް މުއިއްޒު ފައްޓަވައި ދެއްވަނީ: އޭގެ ފަހުން 8 މަސް ވީއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމް ބަހައްޓާފައި.

އޭނާ ވިދާޅުވީ، އެ ބަދަލު އަންނަންޖެހޭ ސަބަބަކީ މުޅި ރާއްޖޭގައި މިހާރު އޭޓީއެމް ބަހައްޓާފައިވާއިރު، އެ ރަށެއްގައި ހުންނަ ބްރާންޗަށް ނުގޮސް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން ފަސޭހަވުން ކަމަށެވެ. ހާއްސަކޮށް، ބީއެމްއެލްގެ ކުރިމަގުގެ މޮޑެލްއަކީ "ޑިޖިޓަލް ބޭންކު" ކަމަށް ވުމުން ރަށްރަށުގެ ބްރާންޗުތަކުގެ މުވައްޒަފުން މެދުވެރިކޮށް، އެ ކަމަށް އާންމުން ހޭލުންތެރިކުރުން މާ ރަނގަޅަށް ހިންގޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކުރީގައި މިވާ ގޮތަކީ އެއްފަހަރާ ފައިސާ ނަގައިގެން އައިސް އަތުގައި ބަހައްޓަނީ. އެހެން ނޫނިއްޔާ ފިހާރައަކަށް ލިބޭ ފައިސާ ވެސް ޖަމާނުކޮށް ބެހެއްޓެނީ. އެއީ [ބޭންކަށް ޖަމާކުރަން] ފަސޭހަ ނުވީމާ،"--- ސީއީއޯ ޝަރީފް

ޝަރީފު ވިދާޅުވީ، 2000 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 82 ރަށުގައި ބީއެމްއެލް އިން އޭޓީއެމް ބަހައްޓާފައިވާއިރު މުޅި ރާއްޖެ އަށް އޭޓީއެމްގެ ހިދުމަތް ދިނުމުގެ ޕްރޮޖެކްޓް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފަހުން މިދިޔަ 8 މަސް ތެރޭގައި އެކަނިވެސް އަލަށް 105 ރަށުގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ.

"އެހެންވީމާ މި ވޭތުވެދިޔަ 25 ވަރަކަށް އަހަރުގެ ތެރޭގައި އޭޓީއެމް ނުބެހެއްޓޭ ވަރަށް ރަށްތަކުގައި އޭޓީއެމް މި ބެހެއްޓީ. އެހެންވީމާ މުޅި ރާއްޖެ އެއްކޮށް މި އޮތީ ކަވަރު ކުރެވިފައި. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާނީ މިއީ ވަރަށް ބޮޑު ފަސޭހައެކޭ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެންދިޔަ ބޭންކިންގެ ހިދުމަތް ހޯދުމުގައި،" ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯ ވިދާޅުވި އެވެ.

ބީއެމްއެލްގެ ކުޑަހުވަދޫ ބްރާންޗުގެ އާ އިމާރާތުގެ ބިންގާ އެ ބޭންކުގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ ފެބްރުއަރީ 2023 ގައި އަޅުއްވައި ދެއްވަނީ.

އޭނާ ވިދާޅުވީ، ރަށްރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ކޮންމެ މަހަކު ސަރުކާރުން 5،000ރ. ޖަމާކޮށްދެމުން އަންނައިރު މިހާތަނަށް އެ ފައިސާ ވެސް ނަގަން ޖެހެނީ އެހެން މީހެއްގެ އަތަށް ކާޑު ދީގެން ވަރަށް އުނދަގޫ މަރުހަލާތައް ކަޑައްތު ކުރުމަށް ފަހު ކަމަށެވެ. އެ އުނދަގޫތައް ކުރިމަތިވެ، އޭޓީއެމްގެ ހިދުމަތަށް ރަށްރަށުން އެދޭތީ، ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކޮންމެ ރަށެއްގައި އޭޓީއެމް ބަހައްޓަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަން ޝަރީފް ފާހަގަކުރެއްވި އެވެ.

"ކުރީގައި މިވާ ގޮތަކީ އެއްފަހަރާ ފައިސާ ނަގައިގެން އައިސް އަތުގައި ބަހައްޓަނީ. އެހެން ނޫނިއްޔާ ފިހާރައަކަށް ލިބޭ ފައިސާ ވެސް ޖަމާނުކޮށް ބެހެއްޓެނީ. އެއީ [ބޭންކަށް ޖަމާކުރަން] ފަސޭހަ ނުވީމާ،" ސީއީއޯ ވިދާޅުވި އެވެ.

އެކަމަކު، ޝަރީފް ވިދާޅުވި ގޮތުގައި އޭޓީއެމްތައް ބަހައްޓަން ފެށުމާ އެކު ފެނުނީ ބޭންކިން ނިޒާމުގެ ތެރެއަށް ފުދޭވަރަކަށް ފައިސާ ޖަމާކުރުން އިތުރުވި ތަނެވެ. އެއީ ބީއެމްއެލް އިން ބޭނުންވި ގޮތް ކަމަށާއި ކުރިމަގުގައި އޭގެ ސަބަބުން ރަށްރަށުގެ ބީއެމްއެލްގެ ބްރާންޗުތަކުން "ޑިޖިޓަލް ބޭންކު" ފުޅާކުރަން މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަށުން

20 November 2025

އަހަރެންގެ ވަޒީފާގެ މިހާރުގެ މަސްއޫލިއްޔަތަކީ ރަށުގައި ހުރި ހުރިހާ ފިހާރަތަކަށާ ގޭގެއަށް ހިނގުމެއްނޫން. ތިހެން ހަމަ ހުރެލާފަ ކަންކަން ބަދަލުކުރެވިގެންނުވާނެ. އެންމެންނަކީ ތިގޮތަށް އުޅެވޭނޭ ބައެއްނޫން. އާ ވަޒީފާއަށް އިޢުލާންކުރޭ. 3 މަހުގެ މުސާރަދީފާ އަހަރެންވެސް ދެން ކަނޑާލާ.

The name is already taken The name is available. Register?

އަފްރާސިޔާބު

20 November 2025

ރާއްޖޭގައި އާވައްތަރެއްގެ ނިޒާމެއް އުފަންމިވީ. ބޭންކުގެ މުވައްޒަފުން ދެން ބަދަލުވާނީ "ފައިނޭންޝަލް އެޑްވައިޒަރުން" ކަމަށް އެވަނީ. އެހެންވީމާ ދެންތިބޭނީ އެޑްވައިޒްދީ ހޭލުންތެރިކަން އިތުރުކުރަންތާ؟ އެހެންވީމާ ރާއްޖެތެރޭގައި ބޭންކްގެ ގޮފިތަކުން މިހާރު ކުރާމަސައްކަތް (ކޭޝް ބަލައިގަތުމާއި ޓީޓީ ހެދުމާއި ކާޑު ހެދުން ފަދަ) ކަންތައްތަކަށް މީހުން ނުތިބޭނެތާ؟ މިހާވަރުންދާނަމަ 2028 އަށް އެއްވެސްކަމެއް ކުރަންނުޖެހި ގޭގައި މީހުން ތިބެގެން އެޑްވައިޒްދޭނީވެސް.

The name is already taken The name is available. Register?

ޕަކަޗޭ

20 November 2025

ނަސީބެއްނު ބްރާންޗް ތަކުގެ މީހުން ކުރިއަށްއޮތާގަ ތިބޭނީ ބުރާންތިންގެ ގޮތުގައޭ ނުބުނިކަން.

The name is already taken The name is available. Register?

ކައްޒާބުދޮންތުއްތު

19 November 2025

މަމިހުރީ މިދެއްކި ވާހަކައަށް ބުނާނެ އެއްޗެއް ނޭންގިފާ.

The name is already taken The name is available. Register?

ބާޞިތު

20 November 2025

އެހެންވީމަ އެނގޭ މީހުން ދައްކާ ވާހަކަ އަޑުއަހަންވީ. ހަޤީގަތަކީ ދިވެހިރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަން. 2040 ވަނަ އަހަރު އަންނަންވާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށްޓަކައި ތިކަހަލަ ބޭފުޅުން މި ފަހިކޮށްދޭ ފުރުޞަތު ތަކުގެ ބޭނުން ހިފަން އެބަޖެހެއޭ. ބުނާނެ އެއްޗެއް ނޭނގިގެން އަނގަ ހުޅުވިފައި ތިބީމަ ކަމަކުނުދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454