މަޖިލީހުގެ ކޮމެޓީއެއްގައި މެމްބަރުން ވޯޓު ދެއްވަނީ: އަންނަ އަހަރުގެ ބަޖެޓް ކޮމެޓީން ވަނީ ފާސްކޮށްފައި --- ފޮޓޯ/މިހާރު
19 ނޮވެމްބަރ 2025 - 16:41
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން މިއަދު އެ ބަޖެޓް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރަން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވުމުން، އެގޮތަށް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެކަމާ ދެކޮޅަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބައެއް އިދާރާތަކުގެ ބަޖެޓު އިތުރު ކުރުމަށް އެދުނު ނަމަވެސް، އެގޮތަށް ބަދަލު ގެނެވެން ނެތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
"މިއަންނަ އަހަރު ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާތީ އިތުރަށް ބަޖެޓަށް އިތުރު ކުރެވެން ނެތް ކަމަށް. އެހެން ނަމަވެސް މަޖިލީސް އިދާރާއަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ދޫކުރާ ގޮތަށް ބަޖެޓުގެ ތެރެއިން އެޖަސްޓް ކޮށްގެން ހަމަޖައްސާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު ސަލީމު ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ސަލީމް ވިދާޅުވީ އެހެން އިދާރާތަކަށް ދިމާވާ ބަޖެޓްގެ ދަތި ކަމަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓް ތެރެއިން އަންނަ އަހަރު ބަޖެޓް ދޫކުރާނެ ކަމަށެވެ.
މިއަދުގެ ބަޖެޓު ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަސްވެރިންނަށް ދޭ ސަބްސިޑީ މިއަހަރު 341 މިލިއަން ރުފިޔާގައި ހުރި ނަމަވެސް އަންނަ އަހަރު އެ އަދަދު 280 ދަށްވެފައިވާ ކަމަށެވެ. އެހެންވެ، ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށް 120 މިލިއަން ރުފިޔާ އިތުރު ކުރުމަށާއި އަދި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް 165 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމެނުމަށް އޭނާ ހުށަހެޅުއްވި އެވެ.
މީގެ އިތުރުން ދަނޑުވެރިންނަށް ބަޖެޓުގެ ތެރެއިން 50 މިލިއަން ރުފިޔާ ކަނޑައަޅަން އޭނާ ހުށަހެޅުއްވި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވި ލަފާ ބަޖެޓް ރެކޮމެންޑޭޝަންގެ ގޮތުގައި ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ދެ މެމްބަރުންގެ އެއްވެސް ހުށަހެޅުމެއް ކޮމެޓީން ފާހެއް ނުވި އެވެ.
ބަޖެޓުގެ މުހިއްމު އަދަދުތައް • ޖުމްލަ ބަޖެޓް: 64 ބިލިއަން ރުފިޔާ • ޖުމްލަ ހަރަދު: 49.2 ބިލިއަން ރުފިޔާ • ޖުމްލަ އާމްދަނީ: 40.4 ބިލިއަން ރުފިޔާ • ރިކަރަންޓް ހަރަދު: 39.9 ބިލިއަން ރުފިޔާ • ޑެފިސިޓް: 8.8 ބިލިއަން ރުފިޔާ • ޖީޑީޕީ ކުރިއަރާ މިންވަރު: 5.3 ފަސެންޓް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިއަލިސްޓިކް
20 November 2025
ޖުމްލަ ލިބޭނެ ލަފާ އާމްދަނި އިން 20% ކަނޑާފައި ޖުމްލަ ހިނގާނެ ލަފާ ބަޖެޓަށް 20% އިތުރު ކޮށްލީމާ ލަފާ ތަންކޮޅެއް ސީދާވާނެ ދެއްތޯ؟ އެހެންވިއްޔާ ބަޖެޓް ދަރަނިވާ އަދަދު އުޅޭނީ 25 ބިލިޔަނުން މަތީގައި. ގައިގާދުރު!
އަބްޑޫޅް +
20 November 2025
1960 ހުގެ އަހަރުތަކުގައި، ދިވެހި ދައުލަތުގެ އަހަރީ ބަޖެޓު އުޅުނީ، ޖުމްލަ 75 ހާސް ވަރުގަ. މިހާރު ކަލޭމެންތެރޭ ބަޖެޓުކާ ތިބުން ގިނަވެގެން، ނުވަގަޑީ ސަޔަށްވެސް ތިޔަ ބޮނީ ބަޖެޓު.
ރައީސް މީހާ
19 November 2025
މުގައްރިރު ސަލީމުގެ އުރައްޕެއް ނެތީމާ ބަޖެޓު ފާސްކުރާއިރު، ފަހުން ޚާއްސަ ބަޖެޓުން ހަމަޖައްސާ ގޮތަށް ދަންނަވަނީ. އަސްލު ބުނަން ޖެހެނީ ދީފައިވާ ބަޖެޓުން ހަމަޖައްސައިގެން ނަތީޖާ ނެރެދޭން. މިސާލަކަށް، އޭސީސީން އެދުނު ބަޖެޓު ބޮޑުކުރަން. އަންނަ އަހަރު ޚާއްސަ ބަޖެޓުން އިތުރުކުރަން ރިކަމެންޑް ކުރުމަކީ ގޯހެއް. ނިންމާ ގޮތް ރީއްޗަށް ބުނެވެން ވާނެ. މި ފަދަ މީހުން މި ފަދަ މަޤާމްތަކުގައި ތިބެގެން އިސްލާހެއް ވާކަށް ނެތް.
ހުސެއިން 1
19 November 2025
ކިތަންމެ ބޮޑު ބަޖެޓެއް ވެސް ފާސްކުރެވިދާނެ. އެކަމަކު ދައުލަތަށް އާމްދަނީ ނުލިބެންޔާ ކިހިނެއް ހަރަދު ކުރާނީ.
ޢަޒުނީމާ
19 November 2025
ޢެކަނިވެރި މައިން ބަފައިނަށް ދޭ އެލަވަންސް ބޮޑުކުރާ ވާހަކަ ދައްކާ، ތެދެއްބާ؟
ޕާޕާ
19 November 2025
100 ބިލިޔަން ބަޖެޓެެއްވެސް ފާސްކުރެވިދާނެ ސުޕަމެޖޯރިޓީ އޮތިއްޔާ. އެކަމަކު 100 ބިލިޔަން ހޯދާނީ ކޮންގޮތަކުން؟
ބޯޓުދެލި
19 November 2025
64 ބިލިއަނުގެ ބަޖެޓެއް ފާސްކުރާއިރު އާބާދީގެ ނިސްބަތުން 15 ބިލިއަން އައްޑޫއަށް ހަރަދު ނުކުރާކަމުގައިވާނަމަ ތިޔަ ބަޖެޓަށް އައްޑޫގެ މެންބަރުން ވޯޓުނުދޭން އަހަރެމެން މިގޮވަނީ.
ސަނަދު
19 November 2025
މިރާއްޖޭގެ ޤަބީލާތަކުގެތެރެއިން އައްޑޫއަކީ ވަކިން ޚާއްސަ ޤަބީލާއެއްތަ؟
ބޯޓުދެލި
19 November 2025
ހާއްސަނުވާތީ މިބުނީ ރާއްޖޭ އާބާދީގެ ނިސްބަތުންނޭ.
އެހެންނެއްނޫން
19 November 2025
ދައުލަތުގެ ބަޖެޓަކީ އަތޮޅުއަތޮޅުގެ ނުވަތަ ސިިޓީސިޓީގެ ނުވަތަ ރަށްރަށުގެ އާބާދީގެ ނިސްބަތުން އެކި ބައިބަޔަށް އެލޮކޭޓްކޮށްގެން ހަދާ އެއްޗެއްނޫން. އެހެން ހަދާނަމަ، އެންމެ އާބާދީ މަދު ރަށަށް ކަނޑައެޅޭ އެއްޗަކުން ކުރެވޭނެ ކަމަކަށްވާ ކަހަލަ ކަމެއް ނޯންނާނެ.