ދުންފަތް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތައް ފާހަގަކޮށް ރާއްޖެއަށް ދިން އެވޯޑާ.
20 ނޮވެމްބަރ 2025 - 00:01
ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރަން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކޮށް ބައިނަލް އަގުވާމީ ޖަމިއްޔާއަކުން ރާއްޖެއަށް އެވޯޑެއް ދީފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރަން ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ދިރާސާކުރާ، "ގްލޯބަލް ސެންޓަ ފޯ ގުޑް ގަވާނެންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)" އިން ރާއްޖެ އަށް ދިނީ އެ ޖަމިއްޔާ އިން ދެމުން އަންނަ "އިންޓެގްރިޓީ" އެވޯޑެވެ.
ރާއްޖެއަށް އެ އެވޯޑު ދިނުމުގައި ޖީޖީޓީސީ އިން ރިއާޔަތްކުރި ކަންތައްތަކުގެ ތެރޭގައި، އެ ޖަމިއްޔާ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ޝާއިއު ކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބުނު ސްކޯ ހިމެނެ އެވެ.
އެ އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަކީ ދެފުށް ފެންނަ، އިހުލާސްތެރި އަދި ދުންފަތުގެ ވިޔަފާރިކުރާ އިންޑަސްޓްރީގެ ނުފޫޒުން ސަލާމަތް ވެފައިވާ ސިޔާސަތެއްކަން ކަށަވަރުކުރަން ކުރާ ދިރާސާތަކުގެ ނަތީޖާ ހިމެނެ އެވެ.
އިންޓެގްރިޓީ އެވޯޑް ރާއްޖެއާ ހަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ގެންދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް، (އެފްސީޓީސީ)" ގެ ގަވަނަންސް ބައްދަލުވުން "ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގަ އެވެ.
ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދެވެ.
ރާއްޖެއަކީ އެފްސީޓީސީގެ މެންބަރު ގައުމެކެވެ. އަދި ކޮޕް 11 ގައި ދިވެހި ވަފުދެއް ބައިވެރިވެ އެވެ.
ދުންފަތް ކޮންޓްރޯލް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އޭގެ ފަހުން ފުލުހުން އަންނަނީ ވޭޕް ގެންގުޅުމާއި ބޭނުން ކުރާ މީހުން ޖޫރިމަނާ ކުރަމުންނެވެ.
ރާއްޖޭގައި ވަނީ ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭންއަށް ވެސް މި މަހުގެ އެކަކުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ދެހާސް ހަތްވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތުގައި ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
20 November 2025
އެވޯޑް ހިފައިގެން ވަޑައިގަންނަވާ އަހަރެމެން މިއުޅެނީ ސިގިރޭޓް ދުމާ ހެދި މަގެއްގަ ހިގާނުލެވިގެން! މިކަން ހުއްޓުވާދީބަލަ އަހަރެމެން އެވޯޑްދޭނަން އޭރުން.
ވަލިޑު ހީނާ
20 November 2025
ލޮބުވެތި ރައިސް މުއިއްޒްއަށް ދަންނަވާލަން ދުންފަތެކޭ އެއްހަމައެއްގައި ދިވެހި މުޖުތަމައު ހަލާކުކުރަމުން އަންނަ އެހެމްކަމެއްގެ ވާހަކަ. ގޯތިގެދޮރު ކުއްޔައްދީގެން އާމްދަނީހޯދުން. ކުލީގެ އަޅުން ގެންގުޅޭ ނުރަނގަޅު ސަގާފަތެއް މިގައުމުގައިވަނީ އާނމުވެފައި. އެހެންކަމުން ގޯތިގެދޮރު ކުއްޔައްދިނުމަކީ ގާނޫނީގޮތުން މަނާކަމެއް ކަމމުގައި ކަނޑައަޅާދިނުމަށް ދަންނަވަން. އަދި ގޯތިގެދޮރު ކުއްޔައްދީގެން އާމްދަނީހޯދާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށްވެސް ގޮވާލަން.
ކޮރަލް
20 November 2025
ކެޕިޓަލް ސިޓީގަ އާއްމު ތަންތަނުގަ ގަވާއިދާ ހިލާފައް ސިނިގިރޭޓް ބޯ މީޙުންނަށް ބަލާ ލާއިރު ރާއްޖެ ރެކޯޑް ހަދާނެ އެވެ. 1 ކިލޯމީޓަރުގެ ތަނެއް ގެ ކޮންމެ ދުވަހަކު އެތައް ސަތޭކަ ބިދޭސީން މަގުމަތީ ގާނޫނާ ހިލާފައް ސިނގިރޭޓް ބޮއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ސަރުކާރު އާއްމުންނާ މުވައްޒަފުން ޔުނީފޯމްގަ މަގުމަތީ ސިނގިރޭޓް ބޯން ހުރެ އެވެ. ހަނި ގޯޅި ތަކުގަ 10×10 ކެފޭ ހަދާ ބިދޭސީ އަންހެން ކުއްޖަކު ބަހައްޓައިގެން ވަކިން ސިނގިރޭޓް ވިއްކަ އެވެ.
މަގުމަތި
20 November 2025
މަގުމަތީ ސިނގިރޭޓް ބުއިމަކީ މަނާ ކަމެއްތަ؟؟
ޒޒްް
20 November 2025
އަދި އިތުރު އެވޯޑްތައް ލިބޭނެ ދުންފަތް ޤާނޫނުތައް ތަންފީޒުކުރާނަމަ.
ސސސސސ
20 November 2025
ހަސަން ތި ފޮޓޯ އިން ފެނުމަކީ ގައުމުގެ ހައިބަތު ދައްކައިދޭ ކަމެއް! ރާއްޖެޭގައި ދުންފަތާ ދެކޮޅަށް ކުރެވޭ މަސައްކަތު އެންމެ މުހިއްމު އެއް ތަބަކީ ޓޮބޭކޯ ހަސަންގެ ނަމުން މަޝްހޫރު ހަސަން މުހައްމަދު! މަރުހަބާ ހަސަން އަދި ޓީމް