މެމްބަރު މީކާއިލް ނަސީމް: އެއްވެ އުޅުމުގެ ގާނޫނު އުވާލަން ހުށަހެޅި ބިލް ވަނީ ބޭރުކޮށްލާފައި --- ފޮޓޯ/މަޖިލިސް
24 ނޮވެމްބަރ 2025 - 16:22
އެއްވެ އުޅުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މިއަދު ބޭރުކޮށްލައިފި އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނު 2013 ވަނަ އަހަރު ފާސްކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ގާނޫނު ވަނީ އިސްލާހުކޮށް، މާލޭގެ ވަކި ސަރަހައްދުތަކެއް ފިޔަވައި އެހެން ތަންތަނަށް އެއްވާ ނަމަ ފުލުހުންގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
އެ ގާނޫނު އުވާލަން އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިނުގަތުމަށް ފާސްކުރީ މިއަދު ނެގި ވޯޓުގައި 48 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެމްބަރުންނެވެ.
އެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އެމްޑީޕީގެ ވެސް އިހުލާސްތެރިކަމެއް ހުރި ނަމަ އެ ޕާޓީގެ ވެރިކަމުގައި އަދި މަޖިލީހުގެ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އިސްލާހު ކުރާނެ ކަމަށެވެ.
"މި ވާހަކަ މި ދައްކަނީ އިހުލާސްތެރި ކަމެއް އޮވެގެނެއް ނޫން. ހަމަ ކޮންމެ ބައެއް ވެސް އެ ބައެއްގެ އަމިއްލަ އެދުމުގެ މައްޗަށް މި ވާހަކަ ދައްކަނީ. އެހެންވީމާ އެ ވާހަކަ ނުދައްކަމާ ހިނގާ. ނުދައްކާ އެ ބަޔަކު ބޭނުން ގޮތަކަށް ކަން ކުރީމާ އެ ނިމުނީނު،" ސަލީމް ވިދާޅުވި އެވެ.
"ވެރިކަން ނުލިބޭހާ ހިނދެއްގައި މި ހުރިހާ ސަކަރާތެއް ޖަހަމުންދާނެ." ސަލީމް ވިދާޅުވި އެވެ.
ކޮންމެ ބަޔަކު ވެސް ވެރިކަން ލިބޭ އިރަށް އަނެއް އަތަށް ޖަހާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. މިހާރު އިިދިކޮޅުގައި ތިބި މީހުން މާދަމާ ވެސް ވެރިކަަމަށް އަތުވެއްޖެ ނަމަ ހުރިހާ ކަމެއް އަނެއް ކޮޅަށް [އެއްވެ އުޅުމުގެ މިނިވަންކަން ހަނިވާ ގޮތަށް] ކަންތައްތައް ބަދަލުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
"އެހެންވީމާ މި ވާހަކަ އަަޅުގަނޑުމެން ނުދައްކާ ހިނގާ އެ ބައެއްގެ ސަރުކާރު އައިމާ އެ ބަޔަކަށް ފެންނަ ގޮތަށް ރަނގަޅަށް ހިންގަމާ. ރަނގަޅަށް ހިންގާފައި އެ ރަނގަޅު ނޫނިއްޔާ ރައްޔިތުން ބަދަލު ކުރާނެ،" ސަލީމް ވިދާޅުވި އެވެ.
ހުއްދަ ހޯދައިގެން ނޫނީ މުޒާހަރާ ނުކުރެވޭ ގޮތަށް 2016 ވަނަ އަހަރު ގާނޫނަށް ގެނައި އިސްލާހު އުވާލަން އެމްޑީޕީގެ ވެރިކަމުގައި މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވެގެން ދިޔައިރު ވެސް އެ ބިލް ފާހެއް ނުކުރި އެވެ.
މިއަދުގެ ޖަލްސާގައި މެންބަރު މީކާއީލް ވެސް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަން ފުޅާކޮށް ބާއްވަން ކޮންމެ ޕާޓީއަކުން ވެސް ބޭނުން ވަނީ ވެރިކަން ގެއްލުމުން ކަމަށެވެ. އަދި މިފަހަރު އެ ގާނޫނު އުވާލަން ހުށަހެޅުއްވީ ކުރިން ވެސް އެކަމަށް ތާއީދުކޮށް، ވޯޓު ދީފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަރުބޮލާ
25 November 2025
ބަލަ އީވާން މިދިޔަ 5 އަހަރުވެސް ތެޅުނު ތިޔަ މަޖިލީހުގަ. އޭރުގަ ކީއްވެތޯ ތިޔަ ބުނާ އެއްޗެއް އުވާނުލީ؟؟؟؟؟ ބުނަންތަ ވާހަކައެއް. ކަލޭމެންގެ ބާރުހުރި އިރު ރައްޔިތަކަށް ހެޔޮ އެދިގެން ކަމެއް ކުރެވުނީކީ ނޫން.
ޢަރުތަ
24 November 2025
ފޭހުނު އިލޮށިގަނޑު ލޮލަށް ހެރޭތަން، ދުނިޔޭގަ ތިބި ބަޔަކަށް ދުރުނޫން މުސްތަޤްބަލެއްގަ ދައްކަވާނެ.
އަލީި
25 November 2025
ކޮންބަޔަކަށްތަ މިކަން އިތުރަށް ދެން ދައްކަވާނީ. އާރާއި ބާރު އޮތްއިރު ވެރިކަން ދަމަހައްޓަން މިކަން ނުކުރިބަޔަކަށް މިހާރު މިކަން ކުރަން ފެނުމުން ކޮން ބައެއްގެ ލޮލަށްތޯ ދެން އިތުރަށް އިލޮށި ހެރެނީ. އެންމެންގެ ލޮލަށްވެސް ތިޔަ އިލޮށި ތިއޮތީ ހެރިފަ. ދެން ރަގަޅުވާނީ މިގޮތަށް ދާއިމަށް ބޭއްވީމަ. ތިޔައޮތީ ރަގަޅަށް. އޭރުން އޭރަކު އޮންނަ ސަރުކާރަކަށް ހިންދަމާލައިގެން ދުވަސްކޮޅަކުވެސް އޮވެވޭނީ. ވަރަށްސަލާމް.
1828
24 November 2025
އިދިކޮޅުގައި ތިބޭއިރު ހުރިހާ ޕާޓީތަކަށްވެސް ތިޔަ ޤާނޫނު ގޯސް. ވެރިކަމަށް އައީމައި ތި ޤާނޫނު ރަނގަޅު.
ކޮރަލް
24 November 2025
ގަބޫލު ކުރިއަސް ނުކުރިއަސް ގާނޫނުތައް ހަދަމުންދާނީ އެއިރަކު މަސޖްލިސް މެޖޯރިޓީ ކޮންޓްރޯލް ކުރާ ޕާޓީ އަކުން ބޭނުން ވާ ގޮތަށެވެ. މިޖްލީހަށް ގާބިލް ތައުލީމީ މީހުން ހޮވަން ވީ އެވެ.
އަލީ ބުނީ
24 November 2025
އަދިވެސް ހަނިކުރަން ވީ. އެކަމުގެ ސަބަބުން އާންމުރައްޔިތުންނައް ގެއްލުންވުން ނޫން ކަމެއް ނުވޭ.
އެކަލޯ 1
24 November 2025
ސަލީމް ތިވިދާޅުވި ބަސްފުޅުން އަޅުގަޑަށް ދޭހަވީ ސަލީމުމެންގެ ޕާޓީ (ޕީ އެންސީ)ގަވެސް އަދި އެމްޑީޕީގަވެސް އިހުލާސްތެރިކަމެއް ނެތޭ.
ތުއްތުބޭބެ
24 November 2025
ޢެއީ އަނގަ ގޮއްވަން ކުރާކަމެެއް ގޮތްދައްކަނީ