ބަޖެޓް ފޮތް މެންބަރަކު ބަލަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
25 ނޮވެމްބަރ 2025 - 14:08
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓް ފާސްކުރީ 74 މެންބަރުންގެ ވޯޓާ އެކު އެވެ. އެމްޑީޕީގެ 12 މެންބަރުން ވޯޓު ދެއްވީ ބަޖެޓާ ދެކޮޅަށެވެ.
ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލެއް ނުގެނެސް އޮތް ނަމަވެސް، ބައެއް ދާއިރާތަކުގެ ހަރަދުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ކޮމިޓީ މަރުހަލާގައި ގެނެސްފައިވެ އެވެ. އެގޮތުން، މަޖިލީހުގެ ބަޖެޓަށް 3.5 މިލިއަން ރުފިޔާ އިތުރުކޮށްފައިވެ އެވެ.
އެހެންވެ މަޖިލީހުގެ ބަޖެޓު 229 މިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ. މަޖިލީހުގެ ބަޖެޓުގެ 50 ޕަސެންޓް ހޭދަކުރަނީ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ.
ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓާ ގުޅޭ ގޮތުން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 40.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް 8.7 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް 373.6 މިލިއަން ރުފިޔާ އަންދާޒާކުރެ އެވެ.
ޖުމްލަ ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 62 ޕަސެންޓެވެ. މިއީ މިއަހަރުގެ ބަޖެޓަށް ވުރެ 3.3 އިތުރު އަދަދެކެވެ. ރިކަރަންޓް ހަރަދުގެ ތެރެއިން މުވައްޒަފުންގެ މުސާރައަށް އެކަނި 17 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާ އެވެ.
މަޖިލީހުގެ ތަޅުމުގައި މެންބަރަކު ބަޖެޓް ފޮތް ބަލަނީ -- ފޮޓޯ: މަޖިލީސް
އަންނަ އަހަރުގެ ބަޖެޓު ދަރަންޏަށް ގާތްގަނޑަކަށް 18 ބިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. އޭގެތެރޭގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކާއި 2018 ވަނަ އަހަރު އަބޫދާބީ ފަންޑަށް ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑެވެ. އެ ދެ ބޮންޑަށްވާ ފައިސާ ވެސް އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި ބޮންޑް ހޯލްޑަރުންނަށް އެއްފަހަރާ އަނބުރާ ދައްކަން ޖެހެ އެވެ. އަބޫދާބީ ފަންޑަށް ވިއްކި ޔޫރޯ ބޮންޑުގެ އަދަދު މިހާރު ވަނީ ދެއްކުން ފަސްކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސް ކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. ޑެފިސިޓްގެ އިތުރުން ބަޖެޓަށް ދަރަންޏަށް ބޭނުންވާ ފައިސާ ހޯދުމަށް 26.3 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަންނަ އަހަރުގެ އިގްތިސާދު ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވަނީ 5.3 ޕަސެންޓުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
25 November 2025
ކޮންމެ އެއްޗެއް ދިނަސް ފާސް ކުރާނެ އެވެ. ބަޖެޓް ފާސް ކުރަން ތައުލީމާ ގާބިލް ކަން ހުރި މެމްބަރުންނެއް ނެތެވެ. އޭގެ ގެއްލުން ވާނީ އާއްމު ރައްޔިތުންނަށެވެ. އަންނަ އަހަރުވެސް ދަރަނި ދައްކަން ދަރަނި ލޯންނަގަން ޖެހޭނެ އެވެ.