ރައީސް މުއިއްޒު މައްޗަންގޮޅީގެ ރައްޔިތުންނާ ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
26 ނޮވެމްބަރ 2025 - 10:32
މި ސަރުކާރަށް ވުރެ ޓެކްސީ ޑްރައިވަރުންގެ އަގުވަޒަންކުރާ ސަރުކާރެއް އަދި ނާންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށަން ތައްޔާރުވެފައިވާ ޓެކްސީ ލައިނާ ގުޅިގެން ޑްރައިވަރުންގެ ކަންބޮޑުވުން އެބަ އޮތެވެ. މައްޗަންގޮޅި ރައްޔިތުންނަށް ރައީސް ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވެސް ބައެއް ޑްރައިވަރުން އެ ކަންބޮޑުވުން ހިއްސާކުރި އެވެ.
އެ ޝަކުވާތަކާ ގުޅިގެން ރައީސް ވިދާޅުވީ މި ސަރުކާރަށް ވުރެ ޓެކްސީ ޑްރައިވަރުންގެ އަގުވަޒަންކުރާ ސަރުކާރެއް ނެތްކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ސަބަބުތައް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި މި ސަރުކާރުން ފަހުން އިއުލާނުކުރި ފްލެޓުތަކުގެ ތެރޭގައި ޓެކްސީ ޑްރައިވަރުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށް ހާއްސަ ކެޓަގަރީއެއް ހަމަޖައްސާފައިވާކަން ފާހަގަކުރެއްވި އެވެ.
މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން އާންމުކުރި އުސޫލުގައިވާ ގޮތުން ޓެކްސީ ޑްރައިވަރުންނަށް 50 ފްލެޓް ހާއްސަކޮށްފައިވެ އެވެ.
"އަޅުގަނޑު ހިތުން އަޅުގަނޑުމެން ސަރުކާރަށް ވުރެ ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ސަރުކާރެއް ނެތް. އެހެން ދެންނެވެން އެބަ އޮތް. އެއީ އަޅުގަނޑު ވައުދުވިން ޓެކްސީ ޑްރައިވަރުންނަށް ހައުސިން ޕްރޮގްރާމެއް ހިންގަދޭނަމޭ. މިފަހަރު މި އަޅާ ފްލެޓުތަކުގެ ތެރެއިން އެއް ކެޓަގަރީއަކަށް އޮންނާނެ ޓެކްސީ ޑްރައިވަރު،" ރައީސް ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުންގެ އެކި މައްސަލަތަކަށް ހައްލު ހޯއްދައިދެއްވުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ޓެކްސީ ޑްރައިވަރުންގެ ދަފްތަރަކީ ގާނޫނީ ހައިސިއްޔަތު ލިބިގެންދާ ދަފްތަރެކެވެ. މި ދަފްތަރުގައި ޖެހުމުން އެކި ހައުސިން ސްކީމުތަކާއި ލުއި ލޯނު ފަދަ ކަންކަމަށް ހުށަހަޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ހިމެނުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން އެ ދަފްތަރުގައި ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ދަފްތަރެއް. އޭގައި ޖެހުނީމާ މި ލިބޭ ފުރުސަތަކީ އެކި ކަހަލަ ލުއި ލޯނަށް އެދެވުމާއި ހައުސިން ސްކީމުތަކަށް އެޕްލައިކުރުމާއި ފުރުސަތު އެބަ ލިބޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ބައްދަލުވުމުގައި ބަޔަކު ބައިވެރިވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީ ލައިނުގެ ހިދުމަތެއް ފަށަން ނިންމީ އެއްގޮތަކަށް ވެސް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށް ފަށާ ހިދުމަތެއް ކަަމަށެވެ.
މިދިޔަ ހަފްތާގައި އެމްޓީސީސީން ވަނީ އެ ހިދުމަތް ފެށުމަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އިއުލާނުކޮށްފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ޑްރައިވަރުން ނެގުމުގައި ވެސް އިސްކަންދޭނީ މިހާރު ޓެކްސީ ޑްރައިވަރުންނަށް އުޅޭ ފަރާތްތަކަށް ކަމަށެވެ.
އެ ހިދުމަތް ފެށުމަށް ބޭނުންވާ 150 އީވެހިކަލް އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ރާއްޖެ ގެނެސް ހިދުމަތް ފެށޭވަރުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އެއާ އެކު އެމީހުންނަށް ގަވާއިދުން ފައިސާ ލިބުމާއި އާއިލާއާ އެކު ވަގުތު ހޭދަކުރަން ލިބުމުގެ އިތުރުން އަބުރުވެރި ދިރިއުޅުމެއް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މައްޗަންގޮޅީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކުރިން ސަރުކާރުން އިއުލާނުކުރީ މިއަހަރުގެ އޮގަސްޓް ހިސާބުގައި މި ހިދުމަތް ފަށާނެ އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ ހިދުމަތް ނުފެށި ވަނީ ލަސްވެފަ އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން 24 ގަޑިއިރު ދޭން ނިންމާފައިވާ މި ހިދުމަތުގައި ބޭނުންކުރާނީ އިލެކްޓްރިކް ވެހިކަލް (އީވީ) އެވެެ. އެ ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކުރިން އިއުލާނުކޮށްފައިވާ ގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހިދުމަތް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިމާލެ އާއި ތިލަފުއްޓަށް ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ އާއި ގިރާވަރާއި އައްޑު އާއި ފުވައްމުލަކުގައި ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިމް
26 November 2025
ޑްރައިވަރުން ރައްޔިތުންގެ ބައްދަލުވުންތައް ހައިޖެކުކުރިޔަސް ގިނަ ދިވެހި ރައްޔިތުން ތާއީދުކުރަނީ ސަރުކާރުން ޓެކްސީ މާފިޔާ ހަމައަކަށް އަޅުވަން.
އަބުދުލް ޤާދިރު
26 November 2025
އެހެން ބުނީމާ ވަޒަން ކުރެވުނީތާ!
ޑޮކްޓަރު
26 November 2025
އުރުދުންގެ ރަސްގެފާނު ކުރަންޖެހުނު ކޮންމެ ހަނގުރާމައެއްގައިވެސް ތިމަންނަމެންތިބޭނީ އިޒްރޭލާއެކު ކަމަށްބުނީވެސް މިހަފްތާގަ. އެވެސް ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެގޮތުންކަމަށްބުނި. އަދި އެވާހަކަ އަޑުއަހައި ގަބޫލުކޮށް އެވާހަކައަށް ތާއީދުކޮށް އަތްޖެހިމީހުންވެސް މަދެއްނޫން. އަދި އެވާހަކައަށް ތައުރީފުކޮށް ސޯސަލްމީޑިއާގަ ޕޯސްޓްކުރާމީހުންވެސް އެހާ ގިނަ.
ޝަޖޫ
26 November 2025
އަލަށް ފަށަން އުޅޭ ޓެކްސީ ލައިނަށް މިހާރު ޓެކްސީކުރާ ޑްރައިވަރުން ބޭނުމެއް ނޫން. ދާމިސްގަނޑުމެން ފާޑަށް އުޅޭ ޑްރައިވަރުން ގިނައީ. ވަރަށް ރަނގަޅަށް ވެޓް ކުރަންޖެހޭނެ ވަޒީފާ ދިނުމުގެ ކުރިން.
ސަސި
26 November 2025
ކޮންމެ ކަމެއް ކުރާކަމަށް ބުނެ ބަޔާން ނުނެރުނަސް އެކަން ރައްދުވާ ބަޔަކަށް އެނގޭނެ އެކަމުގެ ހަގީގަތް.
ހިޔާ
26 November 2025
ބުނަން ޖެހޭނެ އެހެންނޫނީ ބުނާނީ ވަކިބަޔަކައް ދިނިއްޔޭ. ތިޔަކަހަލަ ކޮމެންޓް ކުރާނީ ހިޔާލު ތަފާތުވާ މީހުން