ކުޅިވަރު / ގައުމީ ވޮލީ ޓީމް

ހުރިހާ ތީރެއް ޝަރަފާ ދިމާލަށް، އޭނާ ބުނަނީ ކީކޭ؟

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ޝަރަފް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްއީީސީގައި ކިޔެވި ދުވަސްވަރު ވޮލީބޯޅަ ކުޅުނު ނަމަވެސް ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ފާހަގައެއް ނުކުރެވުނެވެ. އެކަމަކު ސިފައިންގެ ވޮލީބޯޅަ ޓީމުގެ ކޯޗުކަމާ 1997 ވަނަ އަހަރު ހަވާލުވެ ފެށި ކޯޗިން ކެރިއަރުގައި މުހައްމަދު ޝަރަފަކީ މިއަދު މަޝްހޫރު، ކާމިޔާބު މޫނެކެވެ. ރާއްޖެ އަށް ވޮލީބޯޅައިން ރިހި މެޑެއްޔެއް ހޯދައިދީފި އެވެ. އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އިޝާން މުހައްމަދު (ބަޓިސް) އަދި އަޝްފާގް އާދަމް (އައްކަޅޭ) ފަދަ އެތައް ކުޅުންތެރިންނެއް ނެރެދީފި އެވެ.

އެކަމަކު ޝަރަފުގެ ކޯޗުކަމުގެ ދަށުން، މާލޭގައި މިދިޔަ ހަފުތާގައި ނިމުނު އޭޝިއަން ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ ވާދަކޮށް ތިން މެޗުން ބަލިވެ ކެޓުމާ އެކު ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ޝަރަފް ވަކިކޮށް ބޭރު ކޯޗަކު ގެންނަން އެތައް ބަޔަކު ގޮވާލި އެވެ. ޓީމު ބައިބައިވެފައި އޮތީ އޭނާގެ ސަބަބުން ކަމަށް ވެސް އެއް ބަޔަކު ބުނެ އެވެ. މި ވާހަކަތަކަށް ޝަރަފް ދޭ ޖަވާބުތަކަކީ ކޮބާ ހެއްޔެވެ؟

ސިފައިންގެ ޓީމަށް އަށެއްކަ އަހަރު ކޯޗުކޮށްދީ، އަދި އެ މުއްދަތުގައި ވައިޑީޕީ ޕްރޮގްރާމުގައި ވެސް ހިންގުމަށް ފަހު، ޝަރަފަށް ގައުމީ ޓީމުން ފުރަތަމަ ފުރުސަތު ލިބުނީ އެސިސްޓަންޓް ކޯޗެއްގެ ގޮތުންނެވެ. އެކަމަކު 2008 ވަނަ އަހަރު ހެޑްކޯޗުކަން ލިބި ޓީމު ގޮވައިގެން އޭނާ އެންމެ ފުރަތަމަ ވެސް ކުރި ތަޖުރިބާއަކީ އޭޝިއަން ސީނިއާ ޗެމްޕިއަންޝިޕާއި ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިންނެވެ. މީގެ ތެރެއިން ކޮލިފައިންގައި 2009 ވަނަ އަހަރު ވާދަކޮށް މަކާއޫ އަތުން ރާއްޖެ މޮޅުވުމަކީ ދެކުނު އޭޝިއާ އިން ބޭރުގެ ޓީމެއްގެ އަތުން ރާއްޖެ އަށް ލިބުނު ފުރަތަމަ މޮޅެވެ.

ދެ އަހަރަށް ފަހު ޝަރަފް ދުރުވެ، 2010 ވަނަ އަހަރު ޓީމު ހަވާލުކުރީ އިންޑިއާގެ ސަނީ ޖޯސެފާ އެވެ. އޭނާއާ އެކު ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރު އެ މުބާރާތަށް ފަހު އަނެއްކާ ވެސް ޝަރަފާ ޓީމު ހަވާލުކުރި އެވެ. މި ފަހަރު ޝަރަފް ޓީމު ގޮވައިގެން ނުކުތީ 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށެވެ. މޮރިޝަސް ބަލިކޮށް ސެމީ ފައިނަލަށް ގޮސް ސެމީގައި ރިޔޫނިއަންއާ ވާދަކޮށް ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. ރާއްޖެ އަށް ފުރަތަމަ ފަހަރަށް ދަށްވެގެން ރިހި މެޑެއްޔެއް ހޯދުމާ ދެމެދަށް ވަނީ އެންމެ ދެ ޕޮއިންޓުގެ ފަރަގެކެވެ. ފަހު ސެޓު ރިޔޫނިއަން ގެންދިޔައީ 15-13 އިންނެވެ.

"އެ މެޗަށް ފަހު އެތަނުގައި ތިބި ބައެއް ދިވެހިން ކިޔަން ފަށައިފި ރާއްޖެ އަށް ބޭނުންވަނީ ބޭރު ކޯޗެކޭ،" ޝަރަފް ބުންޏެވެ. "އެކަމަކު ދިވެހި ކޯޗަކާ އެކު، ރާއްޖޭން އެ ހިސާބަށް ދިޔައީތީ އެކަމާ ބެހޭގޮތުން އެހެން ގައުމުތަކުގެ އޮފިޝަލުން އޭރު ދިޔައީ ސުވާލުކުރަމުން."

އޭގެ ފަހުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީއާ އެކު 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އަށް ދެކުނު ކޮރެއާގެ ކޯޗެއް ލިބުނެވެ. އެކަމަކު އެނބުރެމުން ސެނބުރެމުން ގޮސް ޝަރަފަށް އަނެއްކާ ވެސް ހެޑްކޯޗުކަން ލިބުނެވެ. އަދި 2013 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއާ މުބާރާތަށް ޓީމު ގޮވައިގެން ގޮސް ރާއްޖެ ފައިނަލަށް ގެންގޮސްދިނެވެ. ސްރީ ލަންކާ އަތުން 3-1 ސެޓުން ބަލިވެ ތަށި ގެއްލުނު ނަމަވެސް ދެ ވަނަ ލިބުމަކީ ރާއްޖޭގެ ވޮލީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

ޖެހިގެން އައި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ދުނިޔޭގެ ގަދަ ހަތަރެއްގައި އޮތް އީރާނާ ވާދަކޮށް ސީދާ ތިން ސެޓުން ރާއްޖެ ބަލިވި ނަމަވެސް ފަހު ދެ ސެޓު ރާއްޖެ އަތުން ގެއްލުނީ ވާދަވެރި ކުޅުމަކަށް ފަހު 25-19 އަދި 25-21 އިންނެވެ.

"އެ މުބާރާތަށް ފަހު އަހަރެން އައިސް އެސޯސިއޭޝަނުގައި ބުނިން ބޭރު ކޯޗެއް ގެންނަން ހިނގާށޭ. މިހާރު ރާއްޖޭގެ ވޮލީ މިއޮތީ ވަރަށް ކުރިއަރާފައޭ. އެކަމަކު ބޭރު ކޯޗަކު ގެންނަން ޖެހޭނީ ބޭރު ކޯޗަކަށް މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކޮށްފަޔޭ، ހަމައެކަނި ނަމަކަށް ބޭރު ކޯޗަކު ގެނެޔަސް ކަމަކުނުދާނެޔޭ އަހަރެން ބުނީ،" ޝަރަފް ބުންޏެވެ.

ޝަރަފް ފާހަގަކުރި ގޮތުގައި ކުރިން ގެނައި ސަނީ ޖޯސެފަކީ 1998 ވަނަ އަހަރު އިންޑިއާގައި އޭނާއާ އެކު ލެވެލް ދޭއްގެ ކޯސް ހެދިއިރު ފާސްނުވާ ކޯޗެއް ކަމަށެވެ. އަދި ފަހުން ގެނައި ކޮރެއާ ކޯޗަކީ ވެސް ހެޑްކޯޗުގެ މަގާމް ދުވަހަކު ވެސް ފުރާފައިވާ މީހެއް ނޫން ކަމަށާއި އޭނާ އަކީ ސެޓަރު ޓްރޭނަރެއް ކަމަށެވެ.

"ނަމެއްގައި ބޭރު ކޯޗުން ގެނަޔަސް އޭގެ ބޭނުމެއް ނެތް،" ޝަރަފް ބުންޏެވެ. "ރާއްޖޭގައި ނެތް ބޭރު ކޯޗަކު އުފެއްދި ކުޅުންތެރިޔެއް. ރާއްޖޭގައި އުފެދުނު ހުރިހާ މޮޅު ކުޅުންތެރިންނަކީ ވެސް ދިވެހި ކޯޗުންގެ އުފެއްދުން. ރާއްޖޭގައި އެބަތިބި ވަރަށް މޮޅު ކޯޗުން ލެވެލްގެ ގޮތުން ބެލިޔަސް. އެހެންވީމާ ބޭރުން ގެންނަ ކޯޗު ވާން ޖެހޭނީ، މިއަށް ވުރެ ފެންވަރު ރަނގަޅު ކޯޗުންނަށް. އެ އުސޫލުން ބޭރު ކޯޗެއް ގެންނަން ތާއީދުކުރަން އަދި އެ ވާހަކަ އެންމެ ފުރަތަމަ ދެއްކި އެކަކަކީ ވެސް އަހަރެން."

ޝަރަފް ބުނީ އިންޑޯ ކޯޓުގެ ކޮންޓްރޯލެއް ވޮލީއަށް ނެތް ކަމަށާއި އެތަނަކީ އެހެން ކުޅިވަރުތަކާ ހިއްސާކުރަން ޖެހޭ ތަނެއް ކަމަށެވެ. އެހެންވެ ވޮލީ ޕްރެކްޓިސް ކުރާނެ ހާއްސަ ތަނެއް ނެތްކަން އޭނާ ފާހަގަކުރި އެވެ. އަދި ގިނަ ކުޅުންތެރިންގެ ދިރިއުޅުމާއި ވަޒީފާގެ ކަންތައް ހުރި ގޮތުން ރަށުގައި ނުވަތަ ރިޒޯޓުގައި ދިރިއުޅޭއިރު، އެ ކުޅުންތެރިންނަށް އެކޮމަޑޭޝަން ދީގެން މާލޭގައި ގެންއުޅެވޭނެ ގޮތެއް ނެތެވެ.

"މިކަންކަން މިހެން ހުއްޓާ ބޭރު ކޯޗެއް ގެނެސްގެން ވާނެ ފައިދާއެއް ނުފެނޭ. އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައަކީ ބޭރު ކޯޗެއް ގެންނަން ޖެހޭނީ، އެ ކޯޗަކަށް މަސައްކަތްކުރެވޭނެ ސިސްޓަމެއް ގާއިމްކޮށްފަޔޭ،" ޝަރަފް ބުންޏެވެ.

- ކުޅުންތެރިން ކުށްވެރިނުކުރާނަން -

މި ފަހަރު ތައިލެންޑް ކޭމްޕުގައި ބައެއް ކުޅުންތެރިން ޕްރެކްޓިހަށް ނާންނަ ދުވަސްތައް ދިޔަ އެވެ. އެ މައްސަލައިގައި އެ ކުޅުންތެރިންނާ ދޭތެރޭ ފިޔަވަޅެއް ނާޅާތީ އޭނާ އަށް ފާޑުކިޔުން އަމާޒުވި އެވެ. ޝަރަފް ބުނީ ކުޅުންތެރިންނަށް ދެ މަހުގެ މުސާރަ ނުލިބި އެބައޮތް އެފަދަ ބައެއް ސަބަބުތަކާ ހެދި ކުޅުންތެރިންގެ މޯޓިވޭޝަން ދަށްވުމަކީ ވެދާނެ ކަމެއް ކަމަށެވެ.

"މީގެ ކުރިން ހުރި ބޭރު ކޯޗު ހަތް ދުވަހު ޕްރެކްޓިހަށް ހާޒިރުނުވެ ދިޔަ ޓްރެއިނިން ކޭމްޕެއްގައި. އެކަމާ ފިޔަވަޅެއް ނާޅާ، ދެން ކުޅުންތެރިޔަކު އެއް ދުވަހު ޕްރެކްޓިހަށް ނައިސްގެން ފިޔަވަޅު އެޅުން އެއީ އިންސާފެއް ނޫން. ވޮލީގައި ނެތް އެފަދަ އުސޫލުތަކެއް. ކުޅުންތެރިޔަކަށް އަދަބު ދިނުމުގެ ކުރިން އެހެން ކަންކަން ވެސް އެބަ ޖެހޭ ފުރިހަމަވާން،" ޝަރަފް ބުންޏެވެ. "ކުޅުންތެރިން މޯޓިވޭޝަން ދަށްވެދާނެ. އެފަދަ ސަބަބުތައް އެބަހުރި."

މުސާރަ މައްސަލައިގައި ކުޅުންތެރިން ޝަކުވާކޮށްފައިވަނިކޮށް، އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ވަނީ، އެހެން ގައުމުތަކުގެ ކުޅުންތެރިންނަކީ މުސާރައެއް ނެތި ގައުމަށް ކުޅޭ ކުޅުންތެރިން ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަކީ މުސާރައެއް ލިބިގެން ކުޅޭ ކުޅުންތެރިންކަން ފާހަގަކޮށްފަ އެވެ. މިއީ މުސާރަ ނުލިބޭ މައްސަލައިގައި ޝަކުވާކުރާތީ ލަތީފް ކުޅުންތެރިންނަށް ނުސީދާކޮށް ދެއްވި މެސެޖެއް ކަމަށް ބެލެވޭ ކަމަށް ބައެއް މީހުން ފާހަގަކުރެ އެވެ.

އެކަމަކު ޝަރަފް ބުނީ މުސާރަ މައްސަލައިގައި ކުޅުންތެރިން ޝަކުވާކުރުމަކީ މައްސަލައެއް ނޫން ކަމަށާއި މުސާރައެއް ދޭން ކަނޑައެޅިފައި އޮންނަ ނަމަ، އެކަން ފުރިހަމަވާން ޖެހޭނެ ކަމަށާއި ސަބަބަކީ އެ ކުޅުންތެރިން ތިބޭނީ އެ ފައިސާއަށް ބަރޯސާވެފައި ކަމަށްވީތީ އެވެ.

"މީގެ ކުރިން ގައުމީ ޓީމަށް ކުޅުންތެރިން ކުޅުނީ ފައިސާ ނުލިބިއޭ ބުނެފާނެ. އެކަމަކު މިހާރު މުސާރަ ދޭން ހަމަޖެހިފައި އޮންނަ ކަމަށް ވަންޏާ ކުޅުންތެރިން ތިބޭނީ އެ ފައިސާ އަށް ބަރޯސާވެފައި. ގިނަ ކުޅުންތެރިންނަކީ ކައިވެނިކޮށްގެން ދަރިން ވެސް ތިބި ކުޅުންތެރިން. އެހެންކަމުން މުސާރަ ނުލިބޭ ނަމަ ކުޅުންތެރިންނަށް ދަތިތަކެއް ކުރިމަތިވާނެ،" ޝަރަފް ބުންޏެވެ.

ރާއްޖޭގެ ނިލާމްގެ ޝޮޓެއް ބްލޮކްކުރަން ތުރުކުމެނިސްތާން ކުޅުންތެރިޔަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ތައިލެންޑް ކޭމްޕަށް ފުރައިގެން ދިޔައިރު، ދަތުރުގެ ތެރެއިން އެ ފައިސާ ޖަމާވާނެ ކަމަށް ޝަރަފް އޮތީ ކުޅުންތެރިން ގާތު ބުނެފަ އެވެ. އެކަމަކު އެ ބުނި ތާރީހުގައި ވެސް މުސާރަ ޖަމައެއްނުވެ އެވެ. އެފަދަ ކަންކަމަކީ ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރުކުރާނެ ކަމަށް ކަމަށް ޝަރަފް ފާހަގަކުރި އެވެ. އެކަމަކު ތަށި ހޯދުމުގެ ރޫހަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.

މި ކުޅުންތެރިން ފާއިތުވި 10 ވަރަކަށް އަހަރު ސޯޝަލް ސެންޓަރުގެ އުދާހުގެ ތެރޭގައި ބުރަކޮށް ތަމްރީން ހަދައި، އިންތިޒާރުކުރަމުން އައީ އަމިއްލަ ގައުމުގައި ކުޅެ ގައުމަށް ރީތި ނަމެއް ހޯދައިދޭން ކަމަށާއި އެހެންވެ މި ކުޅުންތެރިން ތަށި ހޯދަން ބޭނުންނުވާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

"ދިވެހި އެއްވެސް ރައްޔިތަކަށް ވުރެ، އެއްވެސް ރައްޔިތަކަށް ވުރެ ބޮޑަށް މި ކުޅުންތެރިން ބޭނުންވާނެ ތަށި ހޯދަން. އިންޑޯގެ ހޫނުގައި ކުޅުންތެރިން މުބާރާތެއްގެ ކުރިން ތިން މަސް ނުވަތަ ހަ މަސް ދުވަހު ޕްރެކްޓިކޮށްފައި ނުކުމެ ތަށި ހޯދަން ބޭނުންނުވެ ހުންނާނެތަ؟،" ޝަރަފް ބުންޏެވެ.

"މީގެ ކުރިން ވޮލީން ބޮޑެތި ކާމިޔާބީތައް ހޯދައިފި ބައިނަލްއަގްވާމީ މައިދާނުގައި. އެތަނެއް ނުފެނޭ ގިނަ ބަޔަކަށް. މިއަދު އަމިއްލަ ގައުމުގައި ކުޅުނީމާ މި މުބާރާތް ގިނަ ބަޔަކަށް ފެނިއްޖެ. އެހެންވީމާ ހަމައެކަނި މި މުބާރާތަށް ބަލައިގެން ޓީމަށް އިންސާފުކޮށްގެން ނުވާނެ،" ޝަރަފް ބުންޏެވެ.

ސީނިއާ ބައެއް ކުޅުންތެރިން ފުރަތަމަ ހަޔެއްގައި ނުހިމަނައިގެން ޝަރަފަށް ފާޑުކިޔުން އަމާޒުވި އެވެ. ލޯންގޭ ފަދަ ކުޅުންތެރިން ފުރުސަތު ނުދިނުމުން ސިފައިންގެ ޓީމުގެ ބައެއް ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"އަހަންނަކީ ފޭވާކުރާ މީހެއް ނަމަ އަހަރެން ލޯންގޭ އަރުވާނެތާ. ލޯންގޭ އަރުވައިގެން އެކަމުން ފަހުރެއް ލިބެންޏާ ލިބޭނީ އަހަންނަށް. އަހަންނަކީ ވައިޑީޕީން ފެށިގެން ލޯންގޭ ގެންއުޅެ ގައުމީ ޓީމާ ހަމަޔަށް ގެންގޮސްދިން ކޯޗު. ލޯންގޭ ނާރުވައިގެން މައްސަލައެއް ޖައްސަންޏާ ވެސް ޖައްސަން ހުރި މީހަކީ އަހަރެން،" ޝަރަފް ބުންޏެވެ. "ހަގީގަތުގައި ލޯންގޭ އަށް ވުރެ، ޒުވާން ކުޅުންތެރިޔާ ނިލާމް ޓެކްނިލަކީ މޮޅު."

ޝަރަފް ބުނީ ކިރްގިސްތާނުގައި ރާއްޖެ އަށް ވުރެ ވަސީލަތް ގިނަ ކަމަށައި އެކަމަކު ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ފަދަ އެންމެ ކުޅުންތެރިޔަކު އުފެއްދިފައި ނެތް ކަމަށެވެ. ކުޑަކާއްޓޭ ފަދަ ކުޅުންތެރިޔެއް އެ ޓީމުގައި ހުރި ނަމައޭ، ކިރްގިސްތާން ކޯޗު ވަނީ ބުނެފަ އެވެ. އެފަދަ ހުނަރުވެރި ކުޅުންތެރިން ނެތި ވެސް ކިރްގިސްތާން ޓީމުން ކާމިޔާބީ ހޯދީ އެ ޓީމުގައި މޮޅު އެތުލީޓުން ތިބުމުން ކަމަށް ޝަރަފް ބުންޏެވެ.

"ދިވެހި ކޯޗުން ހުނަރުވެރި ކުޅުންތެރިން އުފައްދައިފި. އެކަމާ ޝައްކެއް ނެތް. އުފެއްދިފައި ނެތީ މޮޅު އެތުލީޓުން. ހުނަރު އެކަންޏެއް ނޫން، ބޭނުންވަނީ. ހުނަރު ހުރި އަދި ކެއުމާއި ނިދުމާއި މިހުރިހާ ކަމެއް ރަނގަޅު ގޮތުގައި ބަލަހައްޓާ އަދި ފިޒިކަލީ އާއި ހުރިހާ ގޮތަކުން ފުރިހަމަ އެތުލީޓުންތަކެއް ބޭނުންވަނީ ކާމިޔާބީ ހޯދަން. ދިވެހި ކޯޗުންނަށް އެތުލީޓުންތަކެއް އުފެއްދިފައި ނެތީ އެކަމަށް ބޭނުންވާ އެހީތެރިކަން ނުލިބިގެން،" ޝަރަފް ބުންޏެވެ.

އެހެންވެ މިއީ އެކަކު އަނެކަކަށް އިނގިލި ދިއްނުކޮށް، ރާއްޖެ އަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ދިރާސާކޮށް ބަލައި، މަދުވާ ކަންކަން ރަނގަޅުކުރަންވީ ދަނޑިވަޅު ކަމަށް ޝަރަފް ބުންޏެވެ. އެގޮތުން އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް ތިބި މީހުން ވެގެން ދިރާސާކޮށް ނެތީ ކޮންކަމެއްތޯ ބަލައި އެއަށް ފަހު އެކަންކަމަށް ބަލައިގެން، މަސައްކަތްކުރެވޭނެ ރަނގަޅު ސިސްޓަމެއް ގާއިމްކުރަންވެއްޖެ ކަމަށް ޝަރަފް ބުންޏެވެ. އަދި އޭގެ ދަށުން މަސައްކަތްކުރީމާ ކާމިޔާބު ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝަރަފް ބުންޏެވެ.

"އަހަރެން ޔަގީނުން ވެސް އިސްތިއުފާ ނުދޭނަން. ޒިންމާ ނަގާ ކަމަށް ބުނެ އިސްތިއުފާ ދީފައި ގެޔަށް ދިއުމަކީ ފިނޑި އަމަލެއް. އޭގެ ބަދަލުގައި އަހަރެން ހުންނާނީ ގޯސްކޮށް ދިޔަ ކަންކަން ރަނގަޅުކުރުމުގެ އަޒުމުގައި. އަހަންނަކީ ވަރަށް ޕޮޒިޓިވްކޮށް ވިސްނާ މީހެއް،" ޝަރަފް ބުންޏެވެ.

12 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 15%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަ

02 April 2017

"ދިވެހި ކޯޗުން ހުނަރުވެރި ކުޅުންތެރިން އުފައްދައިފި. އެކަމާ ޝައްކެއް ނެތް. އުފެއްދިފައި ނެތީ މޮޅު އެތުލީޓުން. ހުނަރު އެކަންޏެއް ނޫން، ބޭނުންވަނީ. ހުނަރު ހުރި އަދި ކެއުމާއި ނިދުމާއި މިހުރިހާ ކަމެއް ރަނގަޅު ގޮތުގައި ބަލަހައްޓާ އަދި ފިޒިކަލީ އާއި ހުރިހާ ގޮތަކުން ފުރިހަމަ އެތުލީޓުންތަކެއް ބޭނުންވަނީ ކާމިޔާބީ ހޯދަން. ދިވެހި ކޯޗުންނަށް އެތުލީޓުންތަކެއް އުފެއްދިފައި ނެތީ އެކަމަށް ބޭނުންވާ އެހީތެރިކަން ނުލިބިގެން،" ޝަރަފް ބުންޏެވެ. ވަރަށް ތާއީދު ކުރެވޭ ތަންކޮޅެއް، ހަމަ އެކަނި ވޮލީ އެއްނޫން ފުޓްބޯޅައިގައިވެސް ކަންއޮތީ މިހެން.

The name is already taken The name is available. Register?

މުންކޮ

01 April 2017

ޝަރަފް ތުބުނީ ހަމަ ރަނގަޅު ވާހަކައެއް، ކާމިޔާބީއެއް ލިބޭއިރައް ފުންމާނަގަނީ އެކާމިޔާބީ ލިބުނީ ކިހިނަކުން ތޯ ބަލާވެސް ނުލާނެ، ކުޅުންތެރިންނަށް މުސާރަ ނުދެންޏާ ސަރުކާރުގެ މުއައްޒިފުނަނައްވެސް މުސާރަދޭނެ ސަބަބެއްނެތް ދޯ

The name is already taken The name is available. Register?

އިޙްސާންތެރިޔާ

01 April 2017

ލޯންގޭ ދެން ވޮލީގެ ޤައުމީ ޓީމަކަށް ނުކުޅޭނެނު. އެހެންވީރު މިމައްސަލަ ނިމުނީތާދޯ؟

The name is already taken The name is available. Register?

ކޫލަރު

01 April 2017

ސަރަފު ހަލާކުވަނީ އަނގަޔާހުރެ

The name is already taken The name is available. Register?

ށަވިއަނި

01 April 2017

ކުޅުންތެރިންގެ ކިތަންމެ ހުނަރު ހުއްޓަސް އެކުދިން މޮޓިވޭޓްކޮށް ޕްރެޝާ ސިޓްވޭޝަނުގައި އެކުދިންގެ މެންޓަލް ޓަފުނަސް ހިފެހެއްޓޭނީ ފެންވަރު ރަގަޅު ކޯޗެއް ހުރެގެން. ދިވެހިޓީމު މޮޅުވާން ދިޔަ ސެޓްތަކުންވެސް ފަހުވަގުތު ބަލިވީ ކޯޗަށް އެބައި އެންމެ ފުރިހަމައަށް ނުގެންދެވުނީމަ. ދިވެހިކޯޗް މޮޅުނަމަ ކުޅުންތެރިން ސެޓް ނިންމަން ނޭގިގެން އުޅެން ނުޖެހުނީސް.

The name is already taken The name is available. Register?

ކައުންސެލަރު

01 April 2017

އޯކޭ ނިލާމް މޮޅު ލޯންގޭއަށްވުރެ. ކޯޗަށްފެނުނުތަ ފުލް 6 ގައި ކޯޗް އަރުވާފައި ތިބި ކުޅުންތެރިންގެ ތެރެއިން ވިޔާދާ ސޮޓެއް ނުޖެހޭ ބްލޮކެއް ނުހެދޭ ރިސީވެއް އަމުދުން އެއްގޮތަކަށްވެސް ނުދެވޭ ކުޅުންތެރިޔެއް. ނުފެންނަނަމަ މިނޫހުގައި މިމުބާރާތާއި ގުޅިގެން ގެނެސްދީފައިހުރި ޚަބަރު ތަކަށް އަހަރެން ފޮނުވާފައި ހުރި ކޮމެންޓްތައް ބަލާ. ލޯންގޭ އަރުވައިގެން ޝަރަފަށް ޝަރަފު ލިބޭގޮތަށް ދިވެހި ޤައުމަށް ވެސް ޝަރަފު ލިބޭނެ. ލޯންގޭ އަރުވައިގެން އެޝަރަފު ނުހޯދީ ކީއްވެ؟

The name is already taken The name is available. Register?

ރަދީފް

01 April 2017

ކުރިއެރުން ފެނިއްޖެ. އެވެސް ސްކޯ ބޯޑުން

The name is already taken The name is available. Register?

ޝަރަފް

01 April 2017

ބޭރު ކޯޗެއް އުފެއްދި ކުޅުންތެރިއަކު ނެތޭ.. .ބަލަ މޮޔަގޮވަނީތަ... ބޭރު ކޯޗުން އުފައްދާ ކުޅުންތެރިން ނެތިއްޔާ ކޯޗަކު ކަމަކު ނުދަނީތަ... މެޗެއް އަނބުރާލުމުގެ ކުޅަދާނަކަން ނުވަތަ ލިބިފަ އޮތް ލީޑެއް އިންޓަނޭޝަނަލް މުބާރާތެއްގައި ދެމެހެއްޓުމުގެ އެއްވެސް ހުނަރެއް ގާބިލުކަމެއް ޝަރަފްގެ ނެތް.. މިހެން މިބުނީ އިންޑިއަން އައިލެންޑް އޯޝަން ގޭމްސްގެ ސެމީ ފައިނަލުވެސް އަދި ނިމިގެން މިދިޔަ މުބާރާތުގައިވެސް ހިނގާ ދިޔަ ކަންތައްތައް ވަރަށް ކައިރިން ބެލުމަށްފަހު. ޝަރަފް ބޭނުންވަނީ އެސޯސިއޭޝަނުގައި ޝަރަފުގެ ނުފޫޒު ގަދަ ކަން ދައްކަން.. ޓެކްނިކަލް ކޮމިޓީ ވެސް ޑިސިޕްލިނަރީ ކޮމިޓީވެސް ޓީމުގެ މެނޭޖަރު ކަން ވެސް އަދި ނުވިތާކަށް ޖެނެރަލް ސެކްރެޓަރީކަން ވެސް ދީފިއްޔާ ބޭނުން.. ތިއީ ތަންކޮޅެއް ބޮޑުވަރު..

The name is already taken The name is available. Register?

ރަދީފް

01 April 2017

ލަތީ ބުނީ ރައީސް ޔާމީންގެ މަސައްކަތުންނޭ މިމުބާރާތްވެސް ރާއްޖޭގަ ބޭއްވަން ފުރުސަތުލިބުނީ.އެހެންވީމަ އެސޯސިއޭޝަންގެ ރައީސް އެއީ ބޭކާރު މީހެއްތާ.

The name is already taken The name is available. Register?

ސަރީ

01 April 2017

ތީ ވޮލީ އަށްޖެހިފަ އޮތްބޮޑު ވަބާއެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454