30 ނޮވެމްބަރ 2025 - 22:21
ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތިޖާއަކުން ކާމިޔާބުކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލުމުގެ އުއްމީދު ޔުނައިޓެޑް ވިކްޓަރީން ދަމަހައްޓައިފި އެވެ.
މިއަދު ހަވީރު އެ ދެ ޓީމު ކުޅުނު މެޗަކީ ލީގުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗެވެ.
ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތަށް ފަހު ލީގުގެ ދެވަނަ ބުރު ފަށާނެ އެވެ. މި އަހަރު ލީގުގެ ފުލަށް ދާ ދެ ޓީމު ސީދާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ. ގަދަ ހައެއްގައި ނުހިމެނުނު އަނެއް ތިން ޓީމަށް އޮންނާނީ ދިވެހި ލީގު ކޮލިފައިން މުބާރާތް ކުޅެގެން އަންނަ އަހަރުގެ ދިވެހި ލީގުގެ ޖާގަ ކަށަވަރު ކުރުމެވެ. މެޗުން މޮޅުވެ، ޔުނައިޓެޑް ވިކްޓަރީ ވަނީ ހަތްވަނަ އަށް ޖެހިލާފަ އެވެ. ޔޫވީ އާއި ވެލެންސިއާ އަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ދެ ޓީމަށް ވެސް ހަތް ޕޮއިންޓެވެ.
އެކަމަކު ގޯލްގެ ތަފާތުން ޔޫވީ އަށް ހަތްވަނަ ލިބެ އެވެ. ހަ ވަނައިގައި އޮތް ވިކްޓަރީ އާއި ޔޫވީ އަދި ވެލެންސިއާ ދެމެދު އޮތީ 10 ޕޮއިންޓްގެ ފަރަގެވެ.
މެޗުން ބަލިވެ ގްރީން ސްޓްރީސްޓް އޮތީ ނުރައްކާ ހިސާބެއްގަ އެވެ. ޖުމުލަ 10 ޓިމު ވާދަކުރާ ލީގުގައި އެ ޓީމު އޮތީ ގުރޫޕްގެ ފުލުގަ އެވެ. ނުވަ މެޗުން އެ ޓީމަށް ހޯދުނީ ހަތަރު ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް ޔޫވީންނެވެ. އެ ޓީމުގެ ލަނޑު 18 ވަނަ މިނެޓްގައި ޖެހީ މުސްލިމް މުހައްމަދެވެ. އެ ލަނޑާ އެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ލީޑްގަ އެވެ.
ޔޫވީގެ ދެވަނަ ލަނޑު ޖެހީ މިސްރުގެ މުސްތޮފާ މުހައްމަދު އަލީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނެޓްގަ އެވެ. އަނެއް ލަނޑު އާދަމް ޝިޔާން މުހައްދު ޖެހީ 78 ވަނަ މިނެޓްގަ އެވެ.
ގްރީންގެ ހަމައެކަނި ލަނޑު 84 ވަނަ މިނެޓްގައި ޖެހީ އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy