ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ގްރީން ސްޓްރީޓްސް ރެލިގޭޝަންގެ ޕްލޭއޮފްގައި ހަމަޖެހިލުމުގެ އުއްމީދު ދަމަހައްޓައިފަ އެވެ.
ޖުމުލަ 10 ޓީމު ވާދަކުރާ ލީގުގެ ފުލަށްދާ ދެ ޓީމު ސީދާ ރެލިގޭޓް ވާނީ ދެވަނަ ޑިވިޝަނަށެވެ. ކުޅުނު 16 މެޗުން، ޔޫވީ އޮތީ ހަތް ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ. މިއަދުގެ މެޗުން ބަލިވެ އެ ޓީމަށް ވަނީ ރެލިގޭޓްވެދާނެ ކަމުގެ ބިރު ކުރިމަތިވެފަ އެވެ.
ހަތްވަނަ ޓީމާއި އަށްވަނަ ޓީމަށް ޖެހޭނީ ރެލިގޭޝަންގެ ޕްލޭޮފްގައި ކުޅޭށެވެ. ހަތްވަނަ މަގާމުގައި އޮތީ 12 ޕޮއިންޓް ހޯދާފައިވާ ޓީސީ އެވެ. މިއަދުގެ މެޗުން ގްރީންއިން ހޯދި ތިން ޕޮއިންޓާ އެކު ގްރީންއިން ވަނީ 11 ޕޮއިންޓް ހޯދައި ޓީސީގެ ފަހަތުގައި ވިއްދައިފަ އެވެ.
އެކަމަކު ޔޫވީ އަށް ވެސް އަދި ނުވަވަނައިގައި އޮތް ވެލެންސިއާ އަށް ވެސް ރެލިގޭޝަންގެ ޕްލޭއޮފް ޒޯނަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ވެލެންސިއާއިން މާދަމާރޭ ނުކުންނާނީ ޓސީއާ ދެކޮޅަށެވެ. ޔޫވީ އަށް ކުރިއަށް އޮތީ ވެލެންސިއާގެ މެޗެވެ.
މިއަދުގެ ގްރީންގެ ހަމައެކަނި ލަނޑު ޖެހީ ދިގު މުއްދަތަކަށް ފަހު އެނބުރި އައި އަންސަރު އިބްރާހިމް (އަންކޮ) އެވެ.