01 ޑިސެމްބަރ 2025 - 13:49
މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 13 ޕަސެންޓު އިތުރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ވަނީ 195،127 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައި 172،987 ޓޫރިސްޓުންނާ އަޅާބަލާއިރު، 12.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ މަހު، ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އޮކްޓޯބަރު މަހަށް ވުރެ ވަނީ އިތުރުވެފަ އެވެ. މިގޮތުން، މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް އެވަރެޖުކޮށް 6،504 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
އެއާ އެކު، މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓުންގެ ޖުމްލަ އަދަދު ވަނީ 2،022،061 އަށް އަރައިފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ހަމަވެފައިވަނީ މިދިޔަ އަހަރު އެވެ. މިގޮތުން، މިދިޔަ އަހަރު ނިންމައިލީ، 2,046,615 ޓޫރިސްޓުން ގެނެސްގެންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާ އިންނެވެ. ނޮވެމްބަރު މަހުގެ ނިޔަލަށް 312,478 ޗައިނާ ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވެ އެވެ. މިއީ މުޅި ޓޫރިސްޓު މާކެޓުގެ 15.5 ޕަސެންޓެވެ.
އެ ލިސްޓުގެ ދެވަނައިގައި 253,834 ޓޫރިސްޓުންނާ އެކު ރަޝިއާ އޮތް އިރު، ތިންވަނައިގައި އޮތް އިނގިރޭސި ވިލާތުން އައީ 181,300 ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
01 December 2025
ޓުއަރިސްޓުން އައި އަދަދު %13 އިތުރު ވިޔަސް ނިސްބަތުން ރެވެނިއު ދިޔައީ ދަށަށް. ސަބަބަކީ ވިއްކާ އެވަރޭޖް އަގު ދަށަށް ދިއުމާ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށަށް ގޮސް ގެސްޓުހައުސް ތަކަށް އަމާޒު ބޮޑުވާތީ. ނަތީޖާއެއްގެ ގޮތުން ސަރުކާރު ޢާންމުދަނީވެސް ކުރިއަރާ ރޭޓްދަށް ވާނެ. ރާއްޖެއަކީ މިހާރު ހަމަ އެކަނި ލަގްޒަރީ ޑެސްޓިނޭޟަނެއް ނޫން. ގިނައީ މާސް މާކެޓް.