އެސްޓީއޯ އިން މާލޭގެ ބާޒާރުމަތީގައި ހުޅުވި ހޯލްސޭލް ސެންޓަރު: މި ތަން ހުންނާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކުރިން ހިންގި އިމާރާތުގައި.---ފޮޓޯ: އެސްޓީއޯ
01 ޑިސެމްބަރ 2025 - 21:26
ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ވިއްކާ އަސާސީ ބާވަތްތަކުގެ އަދަދު މި އަހަރުގެ އޮކްޓޫބަރު 15 އިން ފެށިގެން އިތުރު ކޮށްފައިވާތީ އެ ބާވަތްތައް ވިއްކުން ފުޅާކުރުމަށްޓަކައި މާލޭގެ ބާޒާރުމަތީގައި އާ ހޯލްސޭލް ފިހާރައެއް މިއަދު ހުޅުވައިފި އެވެ،
"އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯލްސޭލް ސެންޓަ 2" ހުޅުވީ ކުރީގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހިންގި އިމާރާތް ނުވަތަ މާލޭ ނޯތު ހާބަރުގެ ގޭޓު ކުރިމަތީގަ އެވެ.
އެސްޓީއޯ އިން ބުނީ، ބާޒާރުމަތީގައި ހޯލްސޭލް ސެންޓަރެއް ހުޅުވުމުގެ ބޭނުމަކީ އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތުގެ އިތުރުން އެ ކުންފުނިން ވިއްކާ ބްރޭންޑުތަކުގެ އުފެއްދުންތައް ހެޔޮ އަގެއްގައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ފޯރުކޮށްދިނުމާއި މާލެ އިން ރަށްރަށަށް މުދާ އުފުލާ ބޯޓުތަކަށް އެ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
އެސްޓީއޯ އިން މާލޭގެ ބާޒާރުމަތީގައި ހުޅުވި ހޯލްސޭލް ސެންޓަރުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އިން މާލޭގައި ހުޅުވި އާ ހޯލްސޭލް ފިހާރަ މެދުވެރިކޮށް، ދަނޑުވެރިން އުފައްދާ ބާވަތްތަށް ހޯލްސޭލްކޮށް ގަތުމުގެ އިންތިޒާމް ވެސް ހަމަޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މީގެ ސަބަބުން ދަނޑުވެރީންނަށް އެ ފަރާތްތަކުން އުފައްދާ ބާވަތްތައް ވިއްކޭނެ ކަމުގެ ޔަގީންކަން ލިބި، މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އައު ހިތްވަރެއް ލިބިގެންދާނެ އެވެ،" އެސްޓީއޯ އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ވެ އެވެ.
އެސްޓީއޯ އިން ވިއްކާ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރީ ރާއްޖޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނެވެ.
އެސްޓީއޯ އިން މާލޭގެ ބާޒާރުމަތީގައި ހުޅުވި ހޯލްސޭލް ސެންޓަރުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުން މިއަދު ހަރަކާތްތެރިވަނީ.---ފޮޓޯ: އެސްޓީއޯ
ކާޑުގެ ބާވަތްތަކުގެ އިތުރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް މި އަހަރުގެ އޮކްޓޫބަރުމަހުން ފެށިގެން އެސްޓީއޯ އިން އިތުރުކުރީ:
1- ދޮންކެޔޮ
2- އާފަލު
3- އޮރެންޖު
4- ލުނބޯ
5- ޖުމްހޫރީމޭވާ
6- އަނބު
7- ފަޅޯ
8- ކަރާ
9- މިރުސް
10- މޭބިސްކަދުރު
11- ފިޔާ (ރަތް)
12- އިނގުރު
13- ކެރެޓް
14- ބަށި
15- ކައްޓަލަ
16- ލޮނުމެދު
17- އަލުވި
18- ކެބެޖު
19- ބަރަބޯ
20- ބޯވެލި
21- މުގު (ރީނދޫ)
22- ކުކުޅު ބިސް
23- ކާށި
އެސްޓީއޯ އިން ނިންމާފައި ވަނީ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯލްސޭލްކޮށް ވިއްކުން އަދިވެސް ފުޅާކުރުމަށްޓަކައި، ހުޅުމާލޭގައި އެ ކުންފުނީގެ އައުޓްލެޓެއް ވަރަށް އަވަހަށް ހުޅުވާށެވެ.
އެސްޓީއޯ އިން މާލޭގެ ބާޒާރުމަތީގައި ހުޅުވި ހޯލްސޭލް ސެންޓަރުގައި ވިއްކާ ބައެއް ބާވަތްތައް---ފޮޓޯ: އެސްޓީއޯ
އެސްޓީއޯ އިން ބުނީ، އެ ހުރިހާ ބާވަތްތައް އެ ކުންފުނިން މާލޭގައި ހިންގާ ދެ ފިހާރަ ކަމަށްވާ އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް މިހާތަނަށް ވެސް އައީ މެދުނުކެނޑި ވިއްކަމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައިނީސް
03 December 2025
20 އަހަރު ތެރޭ ހުޅުވާ ނުނިމުނު ތަނެއް މީވެސް
އަކުމަރް
02 December 2025
އުންމީދު ކުރަން ތިގޮތަށް އަތޮޅު ތެރޭގަވެސް ހޯލްސޭލް ސެންޓަރު ތަކެއް ހުޅުވާން ކަމަށް. މާލެ ނައިސް އަތޮޅު ތެރޭން މުދާ ރަށަށް ގެންދެވޭ ދުވަހަކުން މުޅި ރާއްޖޭގެ ރައްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ.
ހަސަން ނިހާމް
02 December 2025
ދެން ނުޖެހޭނެ ހަމަ ހަގީގަތުގައިވެސް އާއްމު ކާބޯތަކެތި ނުލިބިގެން އުޅޭކަށް. މީގެ ސަބަބުން އަހަރުމެންގެ މުދާ ލިބުން ނުހިއްޓި ދާނެ ކުރިޔަށް
އަދުހަމް މުހައްމަދު
02 December 2025
ނިކަން އުފާވެއްޖެ. ރައްޔިތުންގެ ބޮޑު ސްޓޯއިން އާއްމުންނަށް ފައިދާވާނެ ކަންކަން ކުރަން ފެށީމަ
ވިދާލި ހަރީރާ
02 December 2025
އޮށް ނުހުންނަ ފޭކު ލުނބޯ ވިއްކާތީ އަހަރެން ވަރަށް ފޫހިވޭ