"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެހީގެ ރަމްޒީ ޗެކް ފޮރިން މިނިސްޓަރު ހަލީލްއާ ހަވާލުކޮށް ދެއްވަނީ: އެ ޓެލެތޯންގައި 12.3 މިލިއަން ރުފިޔާ ލިބުނު --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
02 ޑިސެމްބަރ 2025 - 16:00
ސްރީ ލަންކާ އަށް އެރި ތޫފާން ދީތުވާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނަށް ލިބުނު 800،352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ރާއްޖޭގެ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
ދިވެހި މީޑިއާތަކުގެ ބައިވެރިވުމާ އެކު 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ އެ ޓެލެތޯނުން ލިބުނު ފައިސާ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކުރީ ޕީއެސްއެމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެހީގެ ރަމްޒީ ޗެކާ ހަވާލުވެ ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ މީޑިއާ ބައިވެރިވެގެން ފުޅާދާއިރާއެއްގައި އެފަދަ ޓެލެތޯނެއް ބޭއްވުމުން ވަރަށް މުހިންމު ކަންތައްތަކެއް ހާމަވާ ކަމަށެވެ. އަދި އެ އެހީއަކީ ދެ ގައުމުގެ ރައްޔިތުންގެ އޮތް ގުޅުން ވަރަށް ރަނގަޅަށް ހާމަވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެލެތޯންގައި ލިބުނު ފައިސާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ހަލީލް ވިދާޅުވީ ސްރީ ލަންކާގެ ރައްޔިތުންނަށް ދިމާވި ހާލަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން އެ ގައުމަށް އެހީވުމަށް ފެށި ހަރަކާތުގެ ސަބަބުން ހާމަވީ އަވަށްޓެރި ގައުމުތަކަށް އެހީވުމަށް އަބަދުވެސް ރާއްޖެ ދެމިއޮންނާނެ ކަން ކަމަށެވެ.
"އަބަދުވެސް ރާއްޖެ ވިދާޅުވޭ ކުޑަ ގައުމަކަށް ވިޔަސް ރާއްޖެއަކީ ހާއްސަކޮށް އަވަށްޓެރިންނާ ހިސާބަށް ދާއިރު އެންމެ ފުރަތަމަ ކޮޅަށް ތެދުވާނެ ގައުމޭ. އެކަން އެ މަނިކުފާނު [ރައީސް މުއިއްޒު] ވަރަށް ސާބިތުކަމާ އެކު، މި ހާދިސާއާ ގުޅިގެން ވަނީ ސާބިތުކޮށް ދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ލަންކާ އަށް އެހީވުމަށް ހިންގި ޓެލެތޯންގައި ލިބުނު 12.3 މިލިއަން ރުފިޔާ އެ ގައުމާ ހަވާލުކުރަން ފޮރިން މިނިސްޓްރީއާ ހަވާލު ކުރިއިރު، އެ ޓެލެތޯންގައި އެންމެ ބޮޑު އެހީއެއް ދިން ފުލުހުންނާއި ސިފައިންގެ ފަރާތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކުރި އެވެ. އެއީ ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ އަދި ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ އެވެ.
ޓެލެތޯނުން ލިބުނު ފައިސާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ޓެލެތޯންގައި ލިބުނު ފައިސާގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވެސް ވަނީ އެތައް ލައްކަ ޑޮލަރެއްގެ އެހީ ލަންކާއަށް ހަދިޔާކޮށްފަ އެވެ. އަދި ދިވެހި ސަރުކާރުން ވެސް ވަނީ 50،000 (770،000 ރުފިޔާ) އާއި 25،000 މަސްދަޅު ކޭސް ހަދިޔާކުރަން ނިންމައިފަ އެވެ.
ލަންކާއަށް އެރި ތޫފާންގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ އަދި 300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. އެއީ ސުނާމީއަށް ފަހު ލަންކާއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ގުދުރަތީ ކާރިސާ އެވެ.
އެ ހާދިސާއާ ގުޅިގެން ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މީހުން ސަލާމަތް ކުރުމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. އަދި ލަންކާއަށް އެކި ގައުމުތަކުން ދަނީ އެހީ ފޯރުކޮށް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮލަކި މުއްޓަނގާ
02 December 2025
ދިވެހި ރައްޔިތުން ހާލުގަ ބޭސް ސިޓީއަށް ސަލާންޖަހަމުން ދުވާއިރު ހަމަ ތިގޮތަށް ކޮންމެވެސް ބަޔަކު އެހީވެދެވޭނެ ނޫންތޯ؟ އަޅުގަނޑުވެސް ހާދަބަޔަކަށް އާދޭސް ކޮށްފީމެ. އާސަންދައިން ވެސް އާދޭސް ކޮށްގެން ލިބުނު އެތިކޮޅުވެސް އަދި ޑިޕޮސިޓް ކުރަން ކިޔޫއެއްގަ. އަންނަ އަހަރު ކަންނޭގޭ
ކައުންސެލަރު....
02 December 2025
އެހީގެ ގޮތުގައި ލަންކާއަަށް ލިބުނު ފައިސާ އާއި ތަކެއްޗަށް، ރާއްޖޭގައި ކޮރަޕްޝަން ހިންގާހެން ނުހަދާ އޭގެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށް އުންމީދުކުރަން.
ކަކުނިބޯ
02 December 2025
ޢެއްވެސް ގޮތަކަށް ބަޔަކަށް އެހީވާތީ ކަންބޮޑުވަނީކީ ނޫން. ޢެކަމު ވިސްނާލަންޖެހެނީ މިޤައުމަށް ބޭރުފައިސާގެކަންތަށް މިހާ މައްޗަށްގޮސްސާ އޮއްވާ ބޭރުފައިސާ މަދުވާކަންތަޢްތައް ކުރުމުގެ ބަދަލުގައި ރާއްޖޭގެ އުފެއްދުންތަކުން ވެސް އެހީވެވިދާނެ މިސާލަކަށް މަސްދަޅު، ފަރުމަސް، ކަނޑުމަސް ކޮންޓެއިނނަރ ވެސް ފޮނުވިދާނެ އެގެސަބަބުން ރައްޖޭގެ އިޤްތިސާދުވެސްވއެބުރޭނެ އެހީވެސް ވެވޭނެ. ޢަދި މެރިން ސިފައިންނާއި ފަޔާފައިޓަރުން ވެސް ފޮނުވިދާނެ.
ހަސަންދީ(ލ)
02 December 2025
އެއީ ގާތްގަނޑަކަށް ކޮންމެ ދިވެއްސަކަށް 2 ޑޮލަރު. އޭގެ %50 މަދުން އިންޑިއާއިން އެހީވާނަމަ އެއީވެސް 1.4 ބިލިއަން ޑޮލަރު. މިކުޑަ ގައުމުން އަވައްޓެރި ލަންކާއަށް އެހީވުމުގައި މިދައްކަނީ ހާދަ ވަރުގަދަ ނަމޫނާއެކޭ. އެހެނަސް ދުވަސްކޮޅެއް ވާއިރަށް ދިވެހީންގެ މޫނުމަތީ ލަންކާގެ ކޮންމެވެސް ސިޔާސީ ބޮޑު މީހަކު ތަފާލެއް ޖަހާނެ. އެންމެ ފަހުންވެސް ރާއްޖޭގެ ޓުރިޒަމް އަގުވެއްޓޭކަހަލަ މޭރުމަކުން އެގައުމުގެ ސިޔާސީ ބޮޑަކު ވާހަކަދެއްކި.
ހޯރަބޭ
02 December 2025
މިކަހަލަ ކަންތަކުގަ ދިވެހިންނަކީ އަބަދުވެސް ނަންބަރ ވަން. ސުކުރިއްޔާ ރަށްއިތުން
ދިވެހިންސަޅިއޭ
02 December 2025
އަމިއްލަ ފަރާތްތަކުން އެމްބަސީއަށް ހަވާލުކުރި ފައިސާއާއެކު 1 މިލިއަނަށްވުރެގިނަ ޑޮލަރު މިރާއްޖެއިން ހަދިޔާކުރެވުނީ. ވަރަށްވެސް އުފާވެރި. އެމެރިކާނުންނަށްވެސް ދެވުނީ އެއްމެ 2 މިލިއަންޑޮލަރު.
ބޭޗާރާ
02 December 2025
މިވެސް ވާދަވެރި ރޭހެއްކަމަށް ނިންމީތަ؟
ސަހަރޯއި
02 December 2025
ރޭހެއްނޫންތައަޅެ. އެކަކު 10ހާސްޑޮލަރު ދިނީމަ އަނެކަކު 1ލައްކަ އަނެކަކު 2 ލައްކަ. އެއްބަޔަކަށްވުރެ އަނެއްބަޔަކު ގިނައިދިނުމުގެ ވާދަވެރިކަމެއްގަ.