މިނިސްޓަރު އިހުސާން އަދި ޝަމްއާން: ޝަމްއާން މައްސަލަގައި ވީޑިއޯ ފުޓޭޖް ފުލުހުންނަށް ދޭން މިނިސްޓަރު އެދުނު ކަމަށް ހެކިވެރިޔާ ބުނި
03 ޑިސެމްބަރ 2025 - 13:44
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އެ ތަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ހޯދަން އެންގެވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ހެކިވެރިޔަކު މިއަދު ކޯޓުގައި ބުނެފި އެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
މި މައްސަލަގައި އިމިގްރޭޝަންގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރު ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނެވެ. ހެކިބަސް ދެމުން އެ މީހާ ބުނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަން އޭނާ އަށް އެންގީ އައިސީޓީ ސެކްޝަންގެ އިސް ވެރިޔާ ކަމަށެވެ.
އޭނާ އަށް އައިސީޓީ ސެކްޝަންގެ ހެޑް، ގުޅުއްވާފައި ވިދާޅުވީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރަން ހޯމް މިނިސްޓަރު އިހުސާން އެދިވަޑައިގެންފައިވާތީ އެކަން ކުރުމަށެވެ.
ހެކިވެރިޔާ އެހެން ބުނުމާ އެކު، ޝަމްއާންގެ ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދުގެ އަޑުއެހުމުގައި ވަނީ އެއީ އެކަމުގައި އޮންނަ ރަސްމީ ޗެނަލްތޯ ސުވާލު ކުރައްވައިފަ އެވެ. ހެކިވެރިޔާ ބުނީ އާންމު ގޮތެއްގައި އެފަދަ މައުލޫމާތު ހޯދަން އަންގަނީ ސީދާ ފުލުހުން ކަމަށާއި ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން މިނިސްޓަރު އަދި ފުލުހުންގެ އިސް އޮފިސަރުން އެދިގެން ވެސް ފުޓޭޖް ފޯރުކޮށްދޭ ކަމަށެވެ.
ދައުލަތުގެ ވަކީލް ވަނީ މިނިސްޓަރުގެ އެންގުމެއް ސީދާ އޮފިސަރަށް ލިބުނުތޯ ސުވާލުކޮށްފަ އެވެ. އޮފިސަރު ކުރިން ވެސް ދިން ޖަވާބު ތަކުރާރުކޮށް އޭނާ ބުނީ މިނިސްޓަރު ސީދާ އޭނާ އަށް ނުގުޅުއްވާ ކަމަށެވެ.
މި މައްސަލަގައި ސީން އަށް އެޓެންޑްވި ފުލުހުންގެ ބައެއް އޮފިސަރުންގެ ހެކިބަސް މިއަދު ވަނީ ނަގައިފަ އެވެ.
ޝަމްއާންގެ އާއިލާއިން ގެންދަނީ އޭނާ ހައްޔަރުކުރުމުގައި މިނިސްޓަރު އިހުސާން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. ޝަމްއާން ބަންދުކުރަން ހޯމް މިނިސްޓަރު އިހުސާން މަސައްކަތް ފެއްޓެވީ އިހުސާންގެ "ވީޑިއޯ"އެއް އޮތުމުން ކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުރާ ތުހުމަތު ތަކުގެ ތަފްސީލެއް ނުދެ އެވެ.
ނަމަވެސް ޝަމްއާން ހައްޔަރުކޮށްފައިވަނީ އޭނާއާ އޮތް ޒާތީ ކަމެއްގައި ނޫން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ.
ޝަމްއާންގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އިމިގްރޭޝަންގެ ރިސްކް ސެކްޝަނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީ މީހާ ދޫކޮށްލަން އިރުޝާދު ދީ، އެ މީހާއާ އެކު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އަންގަވާފައި ވާތީ އެވެ.
އެ ފައިސާ ބިދޭސީ މީހާގެ އަތުން ނަގާފައިވަނީ އޭނާ ރާއްޖެ ދޫކޮށް ނުގޮސްފި ނަމަ ދަތިކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައި ވެ އެވެ.
ބިދޭސީ މީހާގެ އަތުން ފައިސާ ފޭރުމަށް ފަހު، އެ ފައިސާ މާޗު 13، 2025 ގެ މެންދުރުފަހު 3:00 ހާއިރު ޝަމްއާންގެ އަތަށް ގެންގޮސްދިނުމުން، އޭގެ ތެރެއިން 400،000 ރުފިޔާ ބަލައިގަނެ އަތުގައި ބަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހަމަ އެ ދުވަހު އެ ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން، ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
05 December 2025
ޙޫމް. މިޒާތުގެ ބައެއް މީހުންނަކީ ވަގުން.
ޢަރުތަ
03 December 2025
ނަމަވެސް ޝަމްއާން ހައްޔަރުކޮށްފައިވަނީ އޭނާއާ އޮތް ޒާތީ ކަމެއްގައި ނޫން ކަމަށް އިހުސާން ވަނީ ވިދާޅުވެފަ އެވެ". ހަމަ އެކަނި މިހެން ބުނުމުން ދޭހަވަނީ، ޒާތީކަމެއް އެބައޮތްކަން ދެއްތޮ.
ކަރީމުއްދީން
03 December 2025
މިއީވެސް ހޯމްމިނިސްޓްރީ ތެރޭގައި ޕީއެންސީ ފޯމުފުރާ ވަގު ފިންގަރ ޕްރިންޓްޖަހައި އެތައްބައެއް ޒާތީ މައުލޫމާތު އައިޑީކާޑް ޔުނިޓުން ނެގި އުސޫލުން ހިނގި ކަމަކާ ވައްތަރު. ޙަޖަމް
ހައްޕޯ
03 December 2025
މީ ރާއްޖޭގައި މިކަހަލަ ހިޔާނާތެއްވި ފުރަތަމަ ފަހަރު، މިސޮރު ފަސްލައްކަ ރުފިޔާ ނަގައިގެން ޖަލުގައި ހުކުމަކާ ނުލާ ހުންނަތާ އެތައް މަހެއް. ސަތޭކަ މިލިއަނުން ފެށިގެންގޮސް ބިލިއަނާ ހަމަޔައް ސަރުކާރުން ހިޔާނަތްތެރިވި މީހުންވެސް ޖަލުގެ އެތެރެއެއް ނުދެކެ މި ސޮރު ފިޔަވާ، މީގެ ހަގީގަތަކީ ކޮބާ؟ މިނިސްޓަރ އަމިއްލެއަށް މިކަމުގެ ތެރެއައް ވަދެގަނެކެން މިއުޅެނީ ކީއްވެބާ؟ މިވިސްނަނީ އެކްސްޕެޓް ސިސްޓަމާ ، މެލޭޝިޔާގެ ކުންފަޔަކައް ސޮފްޓް ވެއާގެ ވާހަކަމަތިން ހަދާންވޭ
ފަރަންޖީ
04 December 2025
އޭނަކުރިކުށަށް އަދަބުދޭކަށް ނުޖެހޭބާ؟ ކުރިންދޫކުރި އެންމެނަށް އަދަބުނުދެވެނީސް އެހެން އެންމެނަށް އަދަބުނުދެވޭނޭ ބުނުމަކީ މިގައުމުގައި ކޮންމެކުށެއް ކުރިއަސް އަދަބުނުދެވޭނޭ ބުނުންނޫންބާ؟ ބަޔަކު ދާއޮހޮރުވައިގެން އެމީހުންގެ އާއިލާ އަށްކާންދޭން ހޯދާފައި ހުރިފައިސާ އޭނާގެމަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ބިރުދައްކައިގެން ފޭރިގަތުމަކީ ކުރެވިގެންވާނެ ކަމެއްނޫން. މިކަން ހުއްޓުވަންޖެހޭތާ ކިތަންމެދުވަހެއް. އެސޮރަށް ހަމްދަރުދީ އެކަމަކު އަދަބުދެވެންޖެހޭނެ.
ޢެޑްމުންޑޯ
03 December 2025
ކޮންމެ ޗެނެލް އެއް އޮތަސް ކުރިކަންތައްތައް އެހެރީ ފެންނާކަށްނުން ،
ޢަލީ ކުރުސީ
03 December 2025
ތިޔަ ބުނާ ބިދޭސީ މީހާގެ ހެކިބަސް ނެގުމެއް ނޯވޭތަ؟ ޤައިމު އެމީހާ ކިޔާ އެއްޗެއްވެސް ބަލައިލުން މުހިންމުހެން ހިވާތީ އަހާލީ!
މރ.އެނގޭ
03 December 2025
އިހްސާން ވަނީ އޭނާ ރާއްޖެއިން ފުރުވާލާފައި. އޭނާއަށް ފަސްލައްކަ ރުފިޔާ ލިބުނު ގޮތް ވެސް ތަހްގީގު ނުކުރޭ.