މޫސަގެ ވާހަކަ ސީރީޒް ޑރ. ޒާހިރު މިއަދު ނެރެދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
03 ޑިސެމްބަރ 2025 - 19:59
ތަޖުރިބާކާރު ލިޔުންތެރިޔާ އަދި ނޫސްވެރިޔާ މޫސާ ލަތީފް ލިޔުއްވި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީޒް "ދޮންކޮ" މިއަދު ހަވީރު ނެރެފި އެވެ.
މޫސަގެ ދިގު ކެރިއަރުގައި ލިޔުއްވި ކުޑަކުދިންގެ ފުރަތަމަ ފޮތް ނެރެދެއްވީ، ސިޓްރޮން ރެސްޓޯރަންޓުގައި ބޭއްވި ހަފުލާއެއްގައި، މޫސަ އެ ނޫހެއްގައި އެތައް ޒަމާންތަކެއް ވަންދެން މަސައްކަތް ކުރެއްވި "ހަވީރު" ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
މޫސަ އަމިއްލަ ހިޔާލެއްގެ މައްޗަށް އުފަން ކުރެއްވި "ދޮންކޮ" ގެ ކެރެކްޓަރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފަސް ފޮތެއް މި ސީރީޒްގައި ހިމެނެ އެވެ. އެއީ "ދޮންކޮ އާއި އެދުރުބެ"، "ކެތީގެ ބޮޑު ތޫފާން"، "ކަމަނަގެ ކަޅު ލައް"، ކަނޑު ވިގަނި"، އަދި "އިއައްކަ" އެވެ.
މޫސަ ވިދާޅުވީ މިއީ ނެތެމުންދާ ދިވެހި ބަސް ދިރުވުމަށްޓަކައި، ކުޑަކުދިންނަށް އެ ބަހުން ކިޔާނެ ފޮތްތަކެއް ލިޔަން ކުރެއްވި މަސައްކަތުގައި، މީގެ 11 އަހަރު ކުރިން ލިޔުއްވައި ނިންމާފައިވާ ވާހަކަތަކެއް ކަމަށާއި މިއަދު މި ނެރުނީ މި މަސައްކަތުގެ ފެށުން ކަމަށެވެ.
މޫސަގެ ފޮތުގެ ސަފުހާއެއް. -- ފޮޓޯ: ނިޝާން އަލީ| މިހާރު
"އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ ދިވެހި ބަހުގެ ތެރެއަށް ކުޑަކުދިން ވެއްދުން،" ނޫސްވެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.
"ކުޑަކުދިން ގަޔާވާނެ ގޮތަށް ފެންޓަސީ ދުނިޔެއެއް މީގައި ދައްކުވައިދޭނީ. އެކަމަކު މީގެ ކޮންމެ ކެރެކްޓަރެއް ވެސް، ކޮންމެ ވާހަކައެއް ވެސް ދިވެހި ވެށްޓާއި ދިވެހީންގެ އާދަކާދަތަކުގެ ތެރޭގައި އެނބުރޭނީ."
މޫސަ ނިންމަވާފައިވަނީ "ދޮންކޮ" ގެ ކެރެކްޓަރު އިތުރަށް ޑިވެލޮޕްކޮށް، އެކި އުމުރުފުރާތަކަށް ހާއްސަކޮށް ވާހަކަތައް ނެރުމަށެވެ. އެގޮތުން ޓީންއޭޖަށް ހާއްސަ ވާހަކަތަކެއް ވެސް ކުރިއަށް އޮތްތަނުގައި ނެރޭނެ އެވެ.
މި ފޮތްތަކުގެ ބަސްމަގު ކުޑަކުދިންގެ އުމުރުފުރާއަށް ފެތޭ ގޮތަށް ބައްޓަން ކުރުމުގައި މޫސަ ވަނީ ދިވެހި ބަހުގެ މާހިރެއް ކަމަށްވާ، ކުޅަދާނަ ޅެންވެރިޔާ ފަރެސް މުހައްމަދު އާމިރުގެ އެހީ ހޯއްދަވައިފަ އެވެ. އަދި މި ފޮތުގެ އިލަސްޓްރޭޝަންގެ މަސައްކަތް ކޮށްދެއްވީ ފާތިމަތު މުނާލް ސުޖާއު އެވެ.
މިއަދުގެ ހަފުލާގައި މޫސަ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ހަވީރު" ނޫހާއި "މިހާރު" ގެ ކުރީގެ އެޑިޓަރު އަދި މިވަގުތު "ދައުރު" ނޫހުގެ އެޑިޓަރުކަން ކުރައްވާ މޫސަ ވަނީ މީގެ ކުރިން ހަތަރު ފޮތެއް ލިޔުއްވައިފަ އެވެ. އެއީ ދިގު ތިން ވާހަކަ ކަމަށްވާ "އަނިޔާ" އާއި "އަނދިރިފަރާތް" އަދި "އެކަނި" ގެ އިތުރުން ސިޔާސީ ހާދިސާއެއްގެ މައްޗަށް ލިޔުން ނޮންފިކްޝަން ފޮތެއް ކަމަށްވާ "ހަތެއް ފެބްރުއަރީ" އެވެ. މޫސަގެ ވަނީ ދިވެހި ފިލްމުތަކަށް ވެސް ސްކްރިޕްޓް ލިޔެ ދެއްވައިފަ އެވެ. އޭގެ ތެރޭގައި "ހިމޭން ދުނިޔެ" ފާހަގަކުރެވެ އެވެ.
މޫސަގެ ކުޑަކުދިންގެ ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ފޮތެއް 65ރ. އަށެވެ. ފަސް ފޮތް އެއްކޮށް ގަންނަ ނަމަ ހާއްސަ އަގެއްގައި 315ރ. އަށް ލިބޭނެ އެވެ.
ފޮތް ގަންނަން ބޭނުންވާ މީހުން 7335353 އަށް ވައިބާ ކުރުމުން އެކަން ހަމަޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެފް
05 December 2025
ދިވެހި ބަހާއި އަދަބަށް މިވަގުތު ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ތުއްތުކުދިން ކިޔާނެ ނުވަތަ ކިޔާފާނެ ދިވެހި ފޮތްނެރެދެއްވުން. މިކަމާ ގުޅުވާލަންޖެހެނީ މައިންބަފައިންގެ ވިސްނުން.
ޒާނާޝި
04 December 2025
ފޮތް ޚާއްޞަކުރި ޢުމުރު ފުރާއަކީ ކޮބާބާ؟
އެބުނާހެން
04 December 2025
މޫސަގެ ކުޑަކުދިންގެ ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ ފޮތެއް 65ރ. އަށެވެ. ފަސް ފޮތް އެއްކޮށް ގަންނަ ނަމަ ހާއްސަ އަގެއްގައި 315ރ. އަށް ލިބޭނެ އެވެ. އަގުހަމަ ވަރަށްޚާއްޞޮ. 5 ފޮތް އެއްކޮށް ގަތީމާ ކެނޑެނީ 10ރުފިޔާ. ފޮތަކުން2ރުފިޔާ. ޚާއްޞޮ ވިއަސް މިހާ ބޮޑުތަނެއް އަގު ކުޑަކުރާކަށްނުވާނެ.
ހެޔުކޮށް
04 December 2025
އަސްލުވެސް. 300 ހަދާލަން ވެސް ރަގަނޅު ދޯ!!!
އަސަރު68
04 December 2025
ގައުމަށް ކަމެއްކޮށްދެވޭތޯ ބަލާށެވެ. ތިމާވެސް ނިމިދާނެއެވެ. އެކަމަކު ކޮށްފާވާ އަގުހުރިމަސައްކަތް އެއީ އެތައް ޒަމާނަކަށް ދެމިގެންދާނޭ އެއްޗެކެވެ. މިވަގުތު މިގައުމަށް ބޭނުންވަނީ ސިޔާސީނުވެ ދެގޮތެއްނުވެހުރެ އެންމެނާ ގުޅިގެން މަސައްކަތްކުރާނޭ ތެދުވެރީންނެވެ. އެފަދަވެރީން މިވަނީ ގައުމަށް ނުހަނު ބޭނުންވެފައެވެ. ރަނގަޅުމީހުނާ ނުރަނގަޅުމީހުން ދެނެގަންނާން އުނދަގޫވާހިސާބަށް ކަންކަން ގޮސްފިއެވެ. އެންމެންގެ އިތުބާރާއެކު މަސައްކަތްކުރާށެވެ. ކާމިޔާބުވާނެއެވެ.
އަފީފުބެ
04 December 2025
މި ހަފުލާއިން މޫސައާ އެކު އެންމެ ގިނަ ދުވަހު އުޅުނު ހިރިގާ ނުފެނުމަކީ އުނިކަމެއް. އަނެއްކާ ހިރިގާއަށް ކިހިނެއްވީބާ؟
ގަވީ
04 December 2025
ގާވީ
އޮނަރަބްލް އަފީފު ދީދީ
04 December 2025
މޫސަ އަކީ ގަދަ މީހެއް.