05 ޑިސެމްބަރ 2025 - 14:55
ހުޅުމާލެ 1 އަދި 2ގެ ބައެއް މަގުތައް މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެޗްޑީސީގައި މިދިޔަ ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި 1.1 ކިލޯ މީޓަރުގެ މަގު 5-6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ނިންމަން ހަވާލުކުރީ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ އެވެ.
މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.
މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1 ގައި މިހާރު މަރާމާތުކުރަން ޖެހިފައި ހުރި ހުރިހާ މަގުތަކެއް ހުޅުމާލެ 2 ގެ ވިނަރެސް ފްލެޓްތަކާ އިންވެގެން ހުރި މަގުތައް ހަދާނެ އެވެ. މި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ ތާރުގަނޑު ހަލާކުވެފައި ހުރި މަގުތަކަށެވެ. އޭގެ ތެރެއިން ވެސް ހުޅުމާލެ 1 ގައި ފިތުރޯނު މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުގެ ތެރެއިން ތާރުގަނޑު ހަލާކުވެފައިވާ މަގުތަކަށެވެ.
މީގެ ތެރޭގައި އެޕޯލޯ ޓަވަރު، ފިތުރޯން، ވަން އެވެނިއު އަދި އައިރާ ރެސިޑެންސް ހިމެނޭ ސަރަހައްދުގެ މަގުތަކާއި ވަން ސެންޓްރަލް ކުރިމަތިން އޮންނަ މަގާއި ގޯޅި އާއި ޓްރީ ޓޮޕް ޕާކް ކައިރި އާއި ދަ ގާޑެންސް ރެސިޑެންސް ކައިރި ހިމެނެ އެވެ.
މަސައްކަތް ކުރިއަށް ގެންދަން ރާވާފައި ވަނީ ހުޅުމާލެ 1 އިން ފަށައި، ހުޅުމާލެ 2 އަށް ނިންމާ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy