ޗައިނާގެ ހިލޭ އެހީގައި ހުޅުމާލެ 2 ގައި ހަދާ ނާސަރީ އަށް ބޭނުންވާ ބިން އެޗްޑީސީން އެ ގައުމުގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ޗައިނާގެ ހިލޭ އެހީގައި ހުޅުމާލެ 2 ގައި ހަދާ "ގްރީން ނާސަރީ"އަށް ބޭނުންވާ ބިން ޗައިނާ ހާބާ އިންޖީނިއަރިން ކޮމްޕެނީ ލިމިޑެޓް (ސީއެޗްއީސީ)އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.
މިއީ ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑަކީ ސިނަމާލެ ބްރިޖު ހެދި ކުންފުންޏެވެ. އަދި ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކީ ވެސް އެ ކުންފުނިންނެވެ. ރަސްމާލޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް ސަރުކާރުން އެ މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާ އެވެ.
ޗައިނާއިން ރާއްޖެއަށް 100,000 ޔުއާން (213،000ރ.) ގެ ދަޑުވެރިކަމުގެ ސާމާނު މިދިޔަ މާޗު މަހު ވަނީ ހަދިޔާކޮށްފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިން ބުނި ގޮތުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލެ 2 ގައި 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް ޗައިނާއާ އެކު ސޮއިކޮށް، އެ މަސައްކަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެތަނުގައި މީޓިން ރޫމަކާއި ލެބޯޓަރީއަކާއި އޮފީސް އަދި ލޭބާ އެކޮމޮޑޭޝަން ހުންނާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ލ. ގަމުގައި ގަސް އިންދުމަށް ހާއްސަ ދެ ނާސަރީ ހަދަން ވެސް ސަރުކާރުން ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ގަމު ކައުންސިލުން މިހާރު ވަނީ އެކަމަށް ބޭނުންވާ ބިން އެޗްޑީސީއާ ހަވާލުކޮށް، މަސައްކަތް ފަށައިފަ އެވެ.
ތިމާވެށީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ރަށްރަށުގައި އިންދައިފަ އެވެ.