ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގެ ގޮތުން ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް ތައްޔާރުވެއްޖެ އެެވެ.
އެ ހަރަކާތް ހުޅުމާލޭގައި އިންތިޒާމުކޮށް ކުރިއަށްދާނެ ގޮތްގޮތަކާއި ގަސް އިންދުމަށް އެންމެ އެކަށޭނެ ސަރަަހައްދުތައް ކަނޑައެޅުމާ ގުޅޭގޮތުން އެންވަޔަރްމަންޓް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މަޝްވަރާކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނީ އެ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުންނާއި ޖަމްއިއްޔާތައް ބައިވެރިކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ އެ މަޝްރޫއުއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މުހިއްމު މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެެ.
މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލެއަކީ ފެހިކަން ގަދަ، ހިތްފަސޭހަ އަދި ދިރިއުޅެން ފަހި ތަނަކަށް ހެދުމަށް އެޗްޑީސީން އަބަދުވެސް ހާއްސަ އިސްކަމެއްދީގެން ދަނީ މަސައްކަތް ކުރަމުންނެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގަސް އިންދުމުގެ އެ ބޮޑު ހަރަކާތް ވަރަށް އަވަހަށް ފަށާނެ އެވެ. އަދި އެ ހަރަކާތުގެ ސަބަބުން ހުޅުމާލޭގެ ތިމާވެށި އިތުރަށް ފެހިވެ، ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖޫން 5، 2024 ގައި ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 2.4 މިލިއަން ގަސް އިންދާފައިވާ ކަމަށް އެންވަޔަރްމަންޓް ބެހޭ މިނިސްޓްރީން ބުނެފައިވެ އެވެ.