ހުޅުމާލޭގެ ފިތުރޯނު މަގުގައި އިންދާފައި ހުރި ބޮޑެތި ބައެއް ފިތުރޯނު ގަސްތައް ނަގަން ނިންމާފައި ވިޔަސް އެ ސަރަހައްދުގެ ފެހިކަމަށް ބޮޑު ބަދަލެއް އަންނަ ވަރަށް ގަސްތައް ނުނަގާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ، ފިތުރޯނު ގަސްތަކުގެ ތެރެއިން ނަގަން ނިންމާފައި ވަނީ މިހާރު އިމާރާތް ކޮށްފައި ހުރި ބައެއް އެޕާޓްމަންޓް ބްލޮކްތަކަށް އުނދަގޫވާ ގޮތަށް ހުރި ގަސްތައް ކަމަށެވެ. ނަގާ ގަހުގެ ބަދަލުގައި އެހެން ވައްތަރެއްގެ ގަސްތައް އެ ސަރަހައްދުގައި އިންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ފިތުރޯނުމަގުގެ ހުޅަނގު ފަރާތުގައި ހުރި ގަސްތަކުގެ ތެރެއިން އެއްވެސް ގަހެއް ނަގަން ނިންމާފައި ނުވާ ކަމަށާއި އެ ގަސްތައް ކޮށައިލާނީ ކަމަށެވެ.
"އެ ސަރަހައްދުގެ ފެހިކަމަށް މާބޮޑު ބަދަލެއް އަންނަ ގޮތަށް ގިނަ ގަސްތަކެއް ނަގާކަށް ނޫން އަޅުގަނޑުމެން މި އުޅެނީ. ހުޅަނގު ފަރާތުގެ ގަސްތައް ނުވެސް ނަގާނަން. ޕްރޫން ކޮށްްލާނީ،" އޭނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި އެޗްޑީސީން މިއަދު ޖެހި ޕޯސްޓެއްގައި ބުނީ ފިތުރޯނަކީ ވަރަށް ވަރުގަދަ އަށް ހެދޭ އަދި ވަރަށް ވަރުގަދަ މޫތައް ދެމޭ ބާވަތެއް ކަމަށާއި ހުޅުމާލޭގައި އެ ބާވަތުގެ ގަސްތައް އިންދީ އެއީ ހިއްކާފައިވާ ބިމަކަށް ވާތީ ރަށް ގިރުމުން ސަލާމަތް ކުރުމަށް ކަމަށެވެ. ވައި މަޑުކޮށްދޭ ވަސީލަތަކަށް ވުމަކީ ވެސް އެ ގަސްތައް އިންދުމުގެ އެއް ބޭނުމެވެ.
އެމަަކު މިހާރު އޭގެ ތެރެއިން ބައެއް ގަސްތައް ނަގައި އަދި އަނެއްބައި ގަސްތައް ކޮށައިލަން ޖެހޭ ސަބަބެއްގެ ގޮތުގައި އެޗްޑީސީން ދައްކާ އެއް ކަމަކީ އެއީ ހިމަ ފަތްތަކެއް ހުންނަ ގަސްތަަކަކަށް ވާއިރު، އެ ފަތްތައް ބިންމައްޗަށް އެޅުމުން، ފެންހިންދާ ނިޒާމު ބެދި، އިމާރާތްތަކުގެ މެއިންޓެނެންސަށް ވެސް ދަތިވުމެވެ. ދެވަނަ ސަބަބެއް ކަމަށް ބުނީ ގަސްތައް ބިޔަވެ، މޫތައް މައްޗަށް އަރައި މަގާއި ޔޫޓިލިޓީ ޑަކްޓްތަކަށް ގެއްްލުން ވުމެވެ.
ހުޅުމާލޭގައި އެންމެ ކުރިއްސުރެ އިންދާފައިވާ ފިތުރޯނު ގަސްތައް ހިމެނޭ ސަރަހައްދަކީ ފޮޓޯ ނެގުމާއި ފިލްމީ މަންޒަރުތައް ކުޅޭ ބައެއް މީހުންގެ އެންމެ ހިތްގައިމު އެއް މާހައުލެވެ.