މާލޭގެ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތަށް ނެގި ހިރުނދު ގަސްތައް ހުޅުމާލޭގައި އިންދުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ބޮޑުތަކުރުފާނު މަގުގައި ހުރި ބޮޑެތި ހިރުނދު ގަސްތައް އެ ސަރަހައްދުން ނަގައިގެން ގެންގޮސް، ހުޅުމާލެ 1 އާއި 2 ގުޅޭ ޗެނަލް ޕާކު ސަރަހައްދުގައި އިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގިނަ ދުވަސްވީ އެ ހިރުނދު ގަސްތައް ހުޅުމާލޭގައި އިންދަމުން އަންނައިރު، މަގު ހަދަން އެ ސަރަހައްދުން ގަސްތައް ނެގުމުން އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑުވި އެވެ. ކޮންމެ ފަހަރަކު ގަސްތައް ނުނަގައި މަޝްރޫއުތައް ހިންގޭނެ ގޮތެއް ސަރުކާރުން ހޯދަން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިދިޔަ ސަރުކާރުގައި މާލޭގެ އަމީނީ މަގުގައި ތާރު އަޅަން ވެސް އެ މަގުގައި ހުރި ބިޔަ ގަސްތައް ނެގި އެވެ. އެ މައްސަލާގައި ވެސް ގިނަ ބަޔަކު ސަރުކާރަށް އޭރު ފާޑުކިޔެވެ. އެ މަގުން ނެގި ބައެއް ގަސްތައް ވެސް ވަނީ ހުޅުމާލެ 2 ގައި އިންދައިފަ އެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފެށީ މި މަހު ކުރީކޮޅު އެވެ. އެކި ބައިތަކަަށް ބަހާލައިގެން އެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނުވަތަ އަންނަ ރޯދަ މަހުގެ ކުރިން ނިންމާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު 18 ވަނަ ދުވަހެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި، 144 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ކަމަށްވާ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު މަގު ހުޅުވާލީ މި މަހު ކުރީކޮޅުގަ އެވެ.
ފުރަތަމަ ސެގްމަންޓުގެ މަސައްކަތެކޭ އެއްގޮތަށް މަސްމާރުކޭޓާ ހިސާބުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ އެވެ. އޭގެ އިތުރުން މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރުގެ މަގަކަށް ބަދަލު ކުރާނެ އެވެ.
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ނިމުމުން ޖުމްހޫރީ މައިދާނާ ހިސާބުން ފަށައިގެން ކާނިވާ ސަރަހައްދާ ހަމައަށް މަގު ފުޅާކޮށް، ތާރު އަޅާނެ އެވެ.