ހުޅުމާލޭގައި މެރީ ބްރައުން ހިންގާ އިމާރާތުގެ ކުރިމަތިން ވަރަށް ބޮޑަށް ހިޔާވާ ގޮތަށް ހެދިފައި ހުރި ފިތުރޯނު ގަސްތައް ނަގައި، އެތަނުގައި އެހެން ވައްތަރެއްގެ ގަސްތަކެއް އިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ. 

ފިތުރޯނު ގަސްތައް އެތަނުން ނަގާފައިވަނީ މޫލައި، ގިނަ ބަޔަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާތީ އެެވެ. އަދި މޫދާވީ ފަޅީގައި ހައްދާފައިވާ އެ ގަސްތަކުގެ ސަބަބުން ހިޔާ ލިބުނަސް މޫލައި، ތާރުގަނޑަށް ގެއްލުންތަކެއްވާ އެޗްޑީސީން ބުނެފައިވެ އެވެ. 

އެޗްޑީސީން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނާތީ ވޯޓާފްރަންޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހަދައި މަލްޓިފަންޝަނަލް ޕަބްލިކް ސްޕޭސްއަކަށް ތަރައްގީކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެޗްޑީސީން ބުނި ގޮތުގައި އާ ލޭންޑްސްކޭޕްގެ ދަށުން އެ ސަރަހައްދުގައި އިންދާނީ ދިވެހި އަދި ރާއްޖޭގެ މޫސުމާ ގުޅޭ ތަފާތު ގަސްތަކެވެ. އޭގެ ތެރޭގައި ދިއްގާ ގަހާއި ކާނި އަދި ހިރުނދު ގަހާއި މަގޫ ގަހާއި ކުރެނދި އަދި ރުއް އިންދާނެ އެވެ. 

އެ ސަރަހައްދުގައި ކުރިން އިންދާފައި ހުރި ފިތުރޯނު ގަހަކީ ރަށުގެ އައްސޭރިފަށުގެ ރައްކާތެރިކަމަށް ވިސްނައިގެން އޭރު އިންދާފައި ހުރި ގަސްތަކެކެވެ. އަދި އަލަށް އިންދުމަށް ނިންމާފައިވާ ގަސްތަކުގެ ސަބަބުން އެ ސަރަަހައްދުގެ ތިމާވެއްޓާއި މޫސުމީ ހާލަތަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް އެޗްޑީސީން ބުންޏެެވެ. 

ގިނަ އަދަދެއްގެ ގަސްތައް ހިމެނޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރާނީ އާއިލާތަކާ ގުޅޭ ޖާގައެއްގެ ގޮތުގަ އެވެ.އަދި  އެޗްޑީސީން ބުނި ގޮތުގައި އެތަން ތަރައްގީކޮށް ނިމޭއިރު ތަފާތު އުމުރުފުރާތަކުގެ ކުދިންނަށް ކުޅެވޭނެ ޖާގަ އާއި އެހެނިހެން ޝައުގުވެރި ކުޅިވަރުތައް ވެސް ކުޅެވޭނެ ގޮތަށް އޮންނާނެ އެވެ. 

އެ ސަރަަހައްދު ތަރައްގީ ކުރާއިރު ހިމެނޭ ކޮމިއުނަލް ސީޓިން އޭރިއާތަކުގެ ސަބަބުން ދުވަސްވީ މީހުންނަށް ހަމަޖެހިލައިގެން އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި އަރާމުކޮށްލަން ތިބެވޭނެ އެވެ. އަދި ބޮޑެތި ހަރަކާތްތައް ބާއްވަން ވެސް އެ ސަރަހައްދުން ޖާގަ ލިބޭނެ އެވެ. 

ހަޓުތަކާ އެކު އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާއިރު އޭގެ ސަބަބުން އެ ސަރަހައްދަށްދާ މީހުންނަށް ވެސް ހަމަޖެހިލައިގެން ހިޔަލުގައި ތިބުމަށް ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. 

އެޗްޑީސީން ބުނި ގޮތުގައި އެ ސަރަހަައްދު ވެގެންދާނީ ތަފާތު މިޒާޖުތަކުގެ މީހުންނަށް އެއް ތަނަކުން ބައްދަލުވެ، އެންމެންނާ ވެސް މަރުހަބާ ކިޔާނެ ޖަގައަކަށެވެ. 

އެޗްޑީސީގެ އޮފިޝަލަކު މިދިޔަ އާދިއްތަ ދުވަހު "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގެ ފޭސް 1 ގެ "އޯޝަން ފްރަންޓް" ސަރަހައްދުގައި ޕާކުތަކެއް ހަދައި، މިހާރަށް ވުރެ ހިތްފަސޭހަ މާހައުލަކަށް ތަން ބަދަލުކުރުމުގެ ޕްލޭނެއް އެ ކުންފުނީގައި އެބައޮތެވެ.

އެހެންވެ، ފިތުރޯނުގަސްތައް ނަގައި އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ އޭރު ވިދާޅުވެފައިވެ އެވެ. 

ހުޅުމާލޭގައި ހިޔާދޭ ގަސްތައް އެންމެ ރަނގަޅަށް ހައްދާފައި ވަނީ ފިތުރޯނުމަގުގައި ކަމަށް ވިޔަސް، އެކިއެކި ސަބަބުތަކާ ގުޅިގެން ބޮޑު ސަރަހައްދަކުން މިހާރު ވެސް ވަނީ ގަސްތައް ނަގައިފަ އެވެ. އަދި އެކަމުގެ ޝަކުވާ ހުޅުމާލޭގައި ދިރިއުޅޭ އެތައް ބަޔަކު އަބަދުވެސް ކުރެ އެވެ.