ހުޅުމާލޭ ފަރަށް ބަޔަކު ގެއްލުން ދެނީ.--
20 ނޮވެމްބަރ 2025 - 12:32
ހުޅުމާލޭ ފަރުމަތިން ބަޔަކު ގާ ނަގައި ގެއްލުން ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ހުޅުމާލޭ 1 ގެ އިރުމަތީ ފަރާތުގައި އެންމެ ރީއްޗަށް ބީޗް އޮންނަ އަދި ގެސްޓް ހައުސްތައް ގިނަ އެ ސަރަހައްދުގެ ފަރު ހަލާކު ކުރީ އިއްޔެ އިރު އޮއްސުނު ވަގުތު ވަރަށް ބޮޑަށް ދިޔަވަރު ހިކިފައި އޮއްވަ އެވެ.
ދިޔަވަރު ހިކި ހުޅުމާލެ ފަޅުތެރެ ވެސް ގާތައް އެއްކޮށް ފެންނަ ވަރަށް ހިކިފައި އޮތުމުން ގިނަ ބަޔަކު އެ ވަގުތު ތޮށިމައްޗަށް އަރައި ވެސް އުޅުނެވެ.
އެ މަންޒަރު ފެނުނު މީހަކު "މިހާރު" އަށް ބުނީ ފަރުމަތިން ވަކި ހިސާބަކުން ގާތައް ނަގައި އަދި ފަރުމަތިން ގާތައް ތަޅަން ހައެއްކަ މީހުން އުޅުނު ކަމަށެވެ.
"ބޮޑަށް ބެލެވެނީ އެކަން ކުރަން އުޅުނީ ވޯޓަ ސްޕޯޓްސްގެ ހިދުމަތްދޭ ބައެއް ކަމަށް. ޖެޓްސްކީ ކަހަލަ އެއްޗެހީގައި ތޮށިމަތިން ގޮސް ފަޅުން ބޭރަށް ނުކުމެވޭ ގޮތަށް މަގެއް ހަދަން އުޅުނު ކަމަށް ބެލެވެނީ،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އެ މީހުން ވަނީ ދަގަނޑާއި އެކި އާލާތްތައް ބޭނުންކޮށްގެން ފަރަށް ގެއްލުން ދިނުމަށް ފަހު ފަރުމަތިން މަގަކަށްވާ ގޮތަށް ޖާގައެއް ވަނީ ހަދައިފަ އެވެ.
މިގޮތަށް ފަރުމަތިން އަދި ފަޅު ތެރެއިން ގާ ނަަގައި ވޯޓަ ސްޕޯޓްސްގައި ގެންގުޅޭ އުޅަނދުތަކަށް ޖާގަ ހެދުމަކީ ހުޅުމާލޭގައި އާންމުކޮށް ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ހުޅުމާލޭ ފަޅު ތެރެ އާއި ފަރުމަތީގެ ބައެއް ހިސާބުތަކުގައި މިހާރު ހިރި ގަލާއި މުރަކަ ހެދި ރީތިވަމުން އަންނަ ކަމަށާއި އެކަމަކު ބައެއް މީހުން މިގޮތަށް ގެއްލުން ދޭ ކަމަށެވެ.
އެ މައްސަލާގައި ސުވާލުކުރި ނަމަވެސް އަދި އެކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ނުލިބެ އެވެ.
އެކަމަކު އެންވަރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެކަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ސަމާލުކަމަށް ގެނެސްދޭނެ ކަމަށާއި އެ އިދާރާ އިން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ.
ފަރަށް ގެއްލުންދީ ފަރުމަތިން ކަނޑިންމައެއް ގޮތަށް ޖާގައެއް ހަދަން އުޅުނު މި މައްސަލަ ފެންމަތިވެފައި ވާއިރު އެޗްޑީސީން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހުޅުމާލެ 1 އާއި 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކަނޑު އުޅަނދުތަކަށް ނުވަދެވޭ ގޮތް ހަދައިފަ އެވެ. މޫދަށް އެރެން އެތަން ބޭނުންކުރަމުން ދިޔައިރު ވެސް އެ ހަނި ޖާގައިގެ ތެރޭގައި ވެސް ޖެޓްސްކީ ފަދަ އެއްޗެހި ބާރު ސްޕީޑު ނުރައްކާތެރިކޮށް ދުއްވަ އެވެ.
އުޅަނދުތަކަށް ޗެނަލް ޕާކް ބަންދުކޮށް އެޗްޑީސީން ކުރި އިއުލާނުގައި އެއީ ކުޑަކުދިންނާއި ބޮޑެތި މީހުން މޫދަށް އެރެން ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރާ ތަނެއްކަން ފާހަގަކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާލުފޮޅިފޮޅި
22 November 2025
ތިކަމެއް ކުރި ބަޔަކު ހޯދާފަ އަދަބުދީ ޖޫރިމަނާ ކުރަންވީ.. ރަށުގަ އުޅޭ ވައްތަރަށް ކޮންމެ ކޮންމެ ތާކު ނޫޅެވޭނެ.. މުޅި ހުޅުމާލެ ސުންނާފަތިކޮށްފިއޭ . .
ދޮންކަރާ
21 November 2025
މީ މޯޑީސް.. ހުއްދަ ހޯދައިގެން ފަރު ތަރާ ސުންނާފަތިކޮށް ނޫނީ ފަސްއަޅާ ފޮރުވުން އޯކޭވާނެ.. ހުއްދަ ނުހޯދާ އޯކޭއެއް ނުވާނެ..
raajje
21 November 2025
ދޮންކަރާ: އާން ތިކަންވާންޖެހޭނީ ތިޔަބުނިހެންތާ! ބޭނުންމީހަކުބޭނުންއިރަކުގޮސް ފަރުގެ ގާތައްނަގާ ތަޅާ އެގޮތްމިގޮތްހަދާ ނެރުކެނޑުން އޯކޭއެއްނުވާނެދޯ! ތިޔަމާނަކުރަނީ ބިންހިއްކުންކަމަށްވާނަމަ އެކަންކުރަނީ އެކަންކުރުމުގެކުރިން ހަދަންޖެހޭ ޓެސްޓުތަކެއްހަދާ ކަންތައްތަކެއް އެސަސްކޮށްފަ، ބޭނުމަކަށް ފަރަށްގޮތެއްހަދަންޖެހިގެންވެސް ހުއްދައަށް އެދުމުން ހުއްދަދޭނީ ބަލަންޖެހޭކަންކަންބަލާފަ، މިހާރު ހުއްދައޮތުމާ ނެތުމުގެ ތަފާތުވިސްނިއްޖެތޯ؟
raajje
21 November 2025
ފުލެޓުގެ ކޮންކުރިޓް ބީމް (ތަނބު) ކަނޑާލާ ނުވަތަ ބުރިކޮށްލައިގެން ދެ އެޕާޓުމެންޓެއް އެއްކޮށްލައިގެންވެސް މިދާކަށްދުވަހުއުޅެފި، މިހާރު އަމިއްލައަށް ފަރުގެގާތަށް ނަގާ ނެރެއްކަނޑާލައިގެންމިއުޅެނީ، ބޮލުރޮދިކެނޑިފަތިބޭމީހުން ގިނައީދޯ!! ތިޔަކަންކުރުމަށްއެންގި އިސްފަރާތެއްހުންނާނެކަމަށްބެލެވޭ، ބޮޑަށްބެލެވެނީ ކޮންމެވެސް ސިޔާސީދުންމާރިއެއްތިޔަކަމުގެ ފަހަތުގާވާނެކަމަށް، މިފަދަކަންކަމަށް ހަރުކަށިއަދަބުނުދެވޭނަމަ މިކަންކަންތަކުރާރުވަމުންދާނެ
ކުޑަ އަލީ
21 November 2025
ގާނޫނާއި ޤަވައިދުތައް ތަންފީޒް ނުކުރެވޭ ގައުމެއްގައި ކަންތައް ހުންނާނީ މިހެން. ހުޅުމާލެ އެޗް.ޑީ.ސީ ކިޔާ ކުންފުންޏެއްގެ ދަށުގައި އޮންނަންޖެހޭ ސަބަބެއްވެސް ނެތް. މާލޭގެ އަވަށެކޭ ކިޔައިގެން މަޖިލީސް މެމްބަރުންވެސް ތިބޭ ހުޅުމާލެ އޮންނަންޖެހޭނީ ކައުންސިލެއްގެ ދަށުގައި.
ތަކުރު...
21 November 2025
މިއީ "މިހާރު ގޭންގެއަކަށް ނުވާ" ގޭންގް ކުދިން. އާމްދަނީ ހޯދުމަށް ޒިންމާދާރު މަސައްކަތް އެކުދިން އެކުރަނީ. ހުއްދައެއް އެއްޗެއް ނެގުމަކާ ނުލާ ހުޅުމާލެ ބީޗުން ބައެއް އެމީހުންގެ ތަނަކަށް ހަދާލާ އެތާ ޖިފުޓިއަޅާ ވޯޓަ ސްޕޯޓްސް ވިޔަފާރި ކުރަނީ. ފަރުވެސް އެވެރިން ބޭނުންވީމަ ހަލާކުކޮށްލަނީ. ރައީސް އާއި ހޯމް މިނިސްޓަރު ވިދާޅު ވާހެން ހަމަ ޒިންމާދާރު މަސައްކަތް އެކުދިން އެކުރަނީ.
ސދސދ
20 November 2025
އިހައްދުވަހު ހުވަދު އަތޮޅު ފަޅުމަތީ ހިނގި މީހުން ކޮބާ ؟ އެއީ ޕޮލިހުންގެ ބަޔަކަށް ވީމަ އެވާހަކަ ލިޔަންވެސް ނުކެރުނު ދޯ
ޙައްވަ1
21 November 2025
ޢެމީހުން ފަޅުމަތީ މުރަކަ އިންދާ ފޮޓޯނަގާލީ އޯ
ފަލިގޫ
20 November 2025
ވީ ޑިއޯއިން ފެންނަނީ ގަސް އިންދަން އެމީހުން ފަސްގަނޑު ޖަހާ މަންޒަރު،ވެދާނެ އެއްނު ހަމަ އެމީހުން ރޯދައަށް ކަރާ ހައްދަން ފެށީ ކަމަށްވެސް،
ބަރަކޫޑާ
20 November 2025
ކޮވިޑު ދުވަސްވަރު އައްޑޫ (ސިޓީ) މަރަދޫ ޒުވާނުންގެ ބަޔަކު ރަށު ބީޗު ސާފުކޮށްގެން މޫދުގަ އުނދޯއްޔެއް އެލުވަން ދަނޑިބުރިއެއް ޖަހައިގެން ތިމާވެށި ހަލާކުވެއްޖެއޭ ކިޔާފަ ސަރީއަތްކުރާހިސާބަށް ނުދިޔައީ ކިރިއާ. ދުވަސްކޮޅެއްނުވޭ ސަރުކާރުން މުޅި ފަޅަށް ފަސްއަޅާ ހިއްކާފަ އެއޮތީ ތިމާވެށި އޯކޭ.
ޢާކީފް
20 November 2025
ޢެއީ މާވަހަރު ހޮދަން ކަނޭގެއެވެ
ސައިބޯނި
20 November 2025
މިހުރިހާ ދުވަހު އެކަން ހިންގާކަން އެއްމެނަަށްވެސް އެނގޭ އެކަމަކު އެންވާރަމަންޓަށް ޖެހޭނީ މީހަކު ލިޔުމުން ހުށަހަޅަން ނޫނީ ސޯސަލް މީޑިއާގައި ޖަހަން މިޤައުމު ހިނގަނީ ފޭސްބުކާ އެކްސްގައި ކުރާ ޕޯސްޓް ތަކަށް ބަލައިގެން،، ނުބީހެއްޏާ ކަނޑާހަމަ އުސޫލަކީ، ވަރަށް ވެދުން