ހުޅުމާލޭގައި މޭރީ ބްރައުން ހިންގާ އިމާރާތުގެ ކުރިމަތިން ވަރަށް ބޮޑަށް ހިޔާވާ ގޮތަށް ހެދިފައިވާ ފިތުރޯނު ގަސްތައް ނަގަނީ މޫލައި، ގިނަ ބަޔަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާތީ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ. 

މޭރީ ބްރައުން އާއި ކޮފީ ރިޕަބްލިކް ހުންނަ ވޯޓާ އެޖް އިމާރާތުގެ ކުރިމަތިން މޫދާވީ ފަޅީގައި ހައްދާފައިވާ އެ ގަސްތަކުގެ ސަބަބުން ހިޔާ ލިބުނަސް އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މޫލައި، ތާރު ހަލާކުވެ އޭގެ ސަބަބުން ގެއްލުންތަކެއްވާ ކަމަށެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ގަސްތައް އެ ތަނުން ނެގުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށައިފަ އެވެ.

"ފިތުރޯނުގަހަކީ ވަރަށް ބޮޑަށް މޫލައި، ވަރަށް ބޮޑަށް މޫ ފެތުރޭ ގަހަކަށް ވީމާ އޭގެ އުނދަގޫ މިވަނީ. އަޅުގަނޑުމެން ނިންމާފައި ވާނީ އެ ގަސްތައް އެ ތަނުން ނެގިޔަސް އޭގެ ބަދަލުގައި ގަސްތަކެއް އިންދަން. އެކަން އަޅުގަނޑުމެން ކުރާނަން،" ފިތުރޯނުގަސްތައް ނަގާ މައްސަލާގައި ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވި އެވެ. 

ހުޅުމާލޭގެ މޭރީބްރައުން ކުރިމަތީގައި ހުރި ފިތުރޯނުގަސްތައް ކަނޑާލާފައި.---ފޮޓޯ: މިހާރު
ހުޅުމާލޭގެ މޭރީބްރައުން ކުރިމަތީގައި ހުރި ފިތުރޯނުގަސްތައް ކަނޑާލާފައި.---ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ 1 ގެ "އޯޝަން ފްެރަންޓް" ސަރަހައްދުގައި ޕާކުތަކެއް ހަދައި، މިހާރަށް ވުރެ ހިތްފަސޭހަ މާހައުލަކަށް ތަން ބަދަލުކުރުމުގެ ޕްލޭނެއް ވެސް އެޗްޑީސީގައި އެބައޮތެވެ. އެހެންވެއާ އެކު، ފިތުރޯނުގަސްތައް ނަގައި އެ ޕްލޭން ތަންފީޒު ކުރުމަކީ ވެސް ބޭނުމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"އެއީ ތަރައްގީގެ ޕްލޭނެއް ވެސް އޮތް ސަރަހައްދެއް. އެހެންވީމާ އެ ކަމަށް ވެސް ޖާގަ ދީގެން ހަމަ މި ނަގާ ގަސްތަކުގެ ބަދަލުގައި ގަސްތައް އިންދަމުން އަޅުގަނޑުމެން ކުރިއަށް ދާނީ،" އޮފިޝަލް ވިދާޅުވި އެވެ. 

ހުޅުމާލޭގައި ހިޔާދޭ ގަސްތައް އެންމެ ރަނގަޅަށް ހައްދާފައި ވަނީ ފިތުރޯނުމަގުގައި ކަމަށް ވިޔަސް އެކިއެކި ސަބަބުތަކާ ގުޅިގެން ބޮޑު ބަޔަކުން މިހާރު ވެސް ވަނީ ގަސްތައް ނަގައިފަ އެވެ. އެ ޝަކުވާ ހުޅުމާލޭގައި ދިރިއުޅޭ އެތައް ބަޔަކު އަބަދުވެސް ކުރެ އެވެ.