ދުނިޔެ / އިޒްރޭލް

އެއްބަސްވުން ތަންފީޒުވާނީ ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމުން: ގަތަރު/މިސްރު

ގަތަރުގައި ކުރިއަށްދާ ދޯހާ ފޯރަމްގައި އިއްޔެ ޕެނަލް ޑިސްކަޝަނެއް ކުރިއަށްދަނީ: މިސްރާއި ގަތަރުން ވަނީ ޣައްޒާގައި ސުލްހަ ގާއިމުވާނީ އިޒްރޭލު ސިފައިން ފައިބައިގެން ކަމަށް ބުނެފައި. -- ފޮޓޯ: އޭއެފްޕީ

07 ޑިސެމްބަރ 2025 - 05:49

އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށް އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށޭނީ ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައި ބައިނަލްއަގުވާމީ ފައުޖު ފޮނުވިގެން ކަމަށް، އެއްބަސްވުމަށް ޔަގީންކަން ދީފައިވާ ދެ ގައުމު ކަމަށްވާ މިސްރާއި ގަތަރުން ބުނެފި އެވެ.

ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައި، ބައިނަލްއަގުވާމީ ފައުޖަކުން ސުލްހަ ބެލެހެއްޓުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވައި އަދި އދ.ގެ ސަލާމަތީ މަޖިލީހުން އެންޑޯޒްކޮށްފައިވާ ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. މި އެއްބަސްވުމަށް އޮކްޓޫބަރު 10 އިން ފެށިގެން އަމަލުކުރަމުން އަންނައިރު ޣައްޒާގައި ޖުމްލަ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް މި ފިޔަވަހި ނިމި ދެ ވަނަ ފިޔަވަހީގައި ބުނާ ކަންކަން ތަންފީޒުކުރަން ފަށާނެ ގޮތަކާ މެދު އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ވަނީ "ރީނދޫ ރޮނގު" ގެ ފަހަތަށް ޖެހިފަ އެވެ. ސިފައިން ފަހަތަށް ޖެހުމުން ހަމާސް އިން ވަނީ އިޒްރޭލުގެ ދިރިތިބި ހުރިހާ ރަހީނުން މިނިވަންކޮށްފަ އެވެ. އަދި ރަހީނުންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ހަވާލުކުރަން ފަށައި، އެންމެ ހަށިގަނޑެއް ނޫނީ ހުރިހާ ހަށިގަނޑެއް ވަނީ ހަވާލުކޮށްފަ އެވެ.

"މިހާރު މި ތިބީ އެންމެ މުހިންމު ހިސާބަށް އާދެވިފައި... ޣައްޒާގައި ހަމަޖެހުން ގާއިމުވުމުން ނޫނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒެއް ނުވާނެ،" ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީ، ޑިޕްލޮމެޓުންގެ އަހަރީ ކޮންފަރެންސެއް ކަމަށްވާ ދޯހާ ފޯރަމްގައި އިއްޔެ ވިދާޅުވި އެވެ.

ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްކުރުވީ ގަތަރާ އެކު މިސްރު އަދި އެމެރިކާ ވެސް މަސައްކަތްކޮށްގެންނެވެ. އެ އެއްބަސްވުމާ އެކު ދެ އަހަރަށް ފަހު ޣައްޒާގެ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނުވި އެވެ.

ފަލަސްތީނުގެ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ހަމަލާތައް ހުއްޓުމަކަށް ގެނައި އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި ޣައްޒާ ހިންގުން ވަގުތީ ކޮމިޓީއަކާ ހަވާލުކުރުމާއި ބައިނަލްއަގުވާމީ ފައުޖަކުން ސުލްހަ ބެލެހެއްޓުން ހިމެނެ އެވެ.

"ޣައްޒާއަށް ވީ އެންމެ އަވަހަކަށް ފައުޖުތައް ފޮނުވަންޖެހޭ. ސަބަބަކީ އެއްބަޔަކު، އިޒްރޭލުން، ކޮންމެ ދުވަހަކު ދަނީ އެއްބަސްވުމާ ހިލާފް އަމަލުތައް ހިންގަމުން،" މިސްރުގެ ފޮރިން މިނިސްޓަރު ބަދްރު އަބްދުއްލަތީ ދޯހާ ފޯރަމްގައި ވިދާޅުވި އެވެ.

އެކަމަކު ޣައްޒާއަށް ފައުޖު ފޮނުވުމުގައި އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ ފަސްޖެހިފަ އެވެ. އެއީ އެ ފައުޖާއި ފަލަސްތީނުގެ ޖަމާއަތްތަކާ ދެމެދު ކުރިމަތިލުމަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ދޯހާ ފޯރަމްގައި ތުރުކީ އާއި އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ޣައްޒާގައި ދާއިމީ ސުލްހައެއް ގާއިމުކުރުމުގައި ކުރިއަށްދާންވީ ގޮތަކާ ބެހޭ ގޮތުން މުހިންމު ވާހަކަތައް ދައްކައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454