ދަންޖައްސަން މަޅިގަނޑު ތައްޔާރުކޮށްފައި: އީރާންގައި ވަނީ ބޮޑު ޕިރަމިޑް ސްކީމެއް ހިންގި މީހަކު ދަންޖައްސައި މަރާލާފައި.
07 ޑިސެމްބަރ 2025 - 13:38
އީރާނުގައި ކާރު ވިއްކުމުގެ ނަމުގައި އެތައް ހާސް ބައެއްގެ އަތުން ފައިސާ ނަގައި ޕިރަމިޑް ސްކީމެއް ހިންގުމުގައި އިސްކޮށް ހުރި މީހެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް މިއަދު ތަންފީޒުކޮށްފި އެވެ.
ރެޒާޔަތު ޚުދްރޯ ތަރަވަތު ނޮވިން ކުންފުނީގެ ވެރިޔާ މުހައްމަދު ރޭޒާ ޣައްފާރީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ ގައުމުގެ އިގްތިސާދަށް ގޮންޖެހުން ކުރިމަތިވާނެ އަމަލުތައް ހިންގި ކަމުގެ ކުށުގައި އިއްވި މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުންނެވެ.
އީރާންގެ އުތުރުގެ ގަޒްވިން ޕްރޮވިންސްގައި 2013 ވަނަ އަހަރު މި ސްކީމް ފެށީ މާކެޓް ރޭޓަށް ވުރެ ހެޔޮ އަގުގައި ކާރު ވިއްކާ ކަމަށް ބުނެ އެވެ. އެކަމަކު ފަހުން ރިއަލް އެސްޓޭޓް އަދި އިންވެސްޓްމަންޓް ޕްލޭންތައް މީގެ ދަށުން ހިންގި އެވެ.
ޕްރޮސިކިއުޓަރުން ވިދާޅުވެފައިވާ ގޮތުގައި ޣައްފާރީ އާއި އޭނާގެ ބައިވެރިން އާންމުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގަމުން، އިންވެސްޓްމަންޓުގެ ފައިދާ ކަމަށް ބުނެ، ފަހުން ބައިވެރިވާ މީހުންނަށް ފައިސާ ދެމުން ދިޔައީ ކުރިން ބައިވެރިވި މީހުންގެ ފައިސާއިން ކަމަށެވެ.
ޖުޑީޝަރީން ބުނި ގޮތުގައި މިހާރުގެ އެކްސްޗޭންޖް ރޭޓަށް ބަލާއިރު ޣައްފާރީ އާއި އޭނާގެ ގްރޫޕުން ވަނީ 350 މިލިއަން ޑޮލަރު މީހުންގެ އަތުން ނަގައިފަ އެވެ. ކާރު ވިއްކާނެ ކަމަށް ބުނެ އެތައް ހާސް ބައެއްގެ އަތުން ފައިސާ ނެގި ނަމަވެސް ކާރު ލިބިފައިވަނީ އެންމެ ހަތަރު ޕަސެންޓް މީހުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ސްކީމުން ގެއްލުމާ ކުރިމަތިވި 28،000 މީހަކު މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި ކޯޓުގައި 28 މީހަކަށް ދައުވާ އުފުލި އެވެ.
ޖުޑީޝަރީން ބުނީ ގެއްލުންވި މީހުންނަށް ފައިސާ ހޯދައިދޭން ކޯޓުން މަސައްކަތްކުރި ކަމަށާއި ފައިސާ އަދާކޮށްފި ނަމަ ޣައްފާރީ މަރުގެ އަދަބު ސަލާމަތްވާނެ ފުރުސަތު ވެސް ދީފައިވާ ކަމަށެވެ. އެކަމަކު ފައިސާ އަދާކޮށްފައި ނުވާ ކަމަށާއި ގެއްލުންވި މީހުންނަށް މާލީ އަދި ނަފްސާނީ ބޮޑެތި މައްސަލަތަކާ ކުރިމަތިވި ކަމަށް ބުނެފައިވެ އެވެ.
އީރާނުގައި މަރުގެ އަދަބު ދެނީ ހަމައެކަނި މީހުން މެރުމާއި، ރޭޕް ކުރުން ފަދަ ކުށްތަކަށް އެކަންޏެއް ނޫނެވެ. އިގްތިސާދީ ބޮޑެތި ކުށްތަކާއި ޖާސޫސްކުރުން ފަދަ ކަންކަމަށް މަރުގެ އަދަބު ދެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޫހި
08 December 2025
ފެނޭތަ؟ ޖެމްކިއު ފަދަ ކަންކަން ކުރާ މީހުންނަކީ ނުރައްކާތެރިބައެއް. އެތައްބަޔަކަށް މަކަރާހީލަތް ހެދުމަށްފަހު ތިމަ ތިމާމެން އަރާމުގަ މަރުދުވަހަށް އުޅެވޭވަރަށް ފައިސާ ފޭރޭ. މި ގައުމުގައި މިކަންކުރާ މީހުން ހިތްފުރޭވަރުވުމުން ސްކީމް ހުއްޓާލަނީ. ސަޅިދޯ. ސަރުކާރު ހަނު.
އެމްސް
07 December 2025
އީރާނުގަ އިސްލާމްދީން . . ! ކަމަކީ ފައިސާގެ މައްސަލައެކެވެ! މީހާ މަރާލީމަ 350 މިލިޔަން ޑޮލަރު ލިބުނީބާއެވެ؟
ސަހޭމާޑ
07 December 2025
އިހައްދުވަހު ޖެމްކިޔު ގެ ނަމުގައި ދިވެހިރާއްޖޭގައި ޕިރަމިޑް ސްކީމެއް ހިންގައި އެތައްބަޔަކު ބުރަމަސައްކަތުން އެއްކޮށްފައި ހުރި ރުފިޔާތައް ދަވާލި މީހުން ރުފިޔާތައް ހިފައިގެން ލަގްޒަރީ އެޕާޓްމެންޓުގަނެގެން ފުރިހަމަ މިނިވަންކަމުގައި. ސަރުކާރަށް ކުރެވުނުކަމެއް އެމީހުނަށް އެޅުނު ފިޔަވަޅެއް ނެތް.
އެމްސް
07 December 2025
އެންމެބޮޑެތި ވައްކަމާއި ކަރަޕްޝަންވެސް ހިނގަނީ ސަރުކާރުތެރެއިން ނޫންތޯއެވެ؟ ނުވިތާކަށް ސަރުކާރު އަބަދުވެސް އޮންނަނީ ޢާއްމު ވިޔަފާރިތަކަށްވެސް ދަރާނޫންތޯއެވެ؟ އެހެންކަމުން ނަމޫނާ ދެއްކުންވެސް އޮތީ ސަރުކާރު ކިބައިގަ ނޫންތޯއެވެ؟
އަލްބާން ފަހުމީ
07 December 2025
މީ ދޫނިރާއްޖެޔޭ
އެމްސް
07 December 2025
މައްސަލަ އުޅެނީ ޤައުމަކު ނޫނެވެ، މީހުންގެ އެވެ!