މިފްކޯ އިން ފުވައްމުލަކުގައި ހަދާފައިވާ މަސް ފެކްޓަރީގައި ބަޔަކު މަސް ކަނޑަނީ.-- ފޮޓޯ: މިފްކޯ
15 ޑިސެމްބަރ 2025 - 11:50
ސަރުކާރުގެ މަސްކުންފުނި މިފްކޯ އިން ފުވައްމުލަކުގައި ހަދާފައިވާ ފިޝް ޕްރޮސެސިން ފެސިލިޓީ ނުވަތަ މަސް ފެކްޓަރީ އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
މިފްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ފުވައްމުލަކުގައި ހެދި މަސް ފެކްޓަރީގެ މަސައްކަތް ނިންމައި ހިދުމަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
ފުވައްމުލަކުގައި އައިސް ޕްލާންޓެއް ހެދުމުގެ މަސައްކަތް 2019 ގައި ފަށައި، އެތަނާ ޖެހިގެން މަސް ފެކްޓަރީއެއް ހެދުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން 2021 ވަނަ އަހަރު ފެށި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ހުއްޓުނު ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯ އިން ފުވައްމުލަކުގައި ހަދާފައިވާ މަސް ފެކްޓަރީގައި ބަޔަކު މަސް ކަނޑަނީ.-- ފޮޓޯ: މިފްކޯ
މިފްކޯ އިން ބުނީ އެ މަސައްކަތް ހުއްޓިފައި ވާތީ، މަސްވެރިކަމާ ގުޅުން ހުރި މަސައްކަތެއް ފަށައިދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރުގައި އެދުމުން 2022 ވަނަ އަހަރު އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި ކަމަށެވެ.
ނަމަވެސް، އެ މަސައްކަތް ފަށައި އަނެއްކާވެސް ދިގު މުއްދަތަކަށް ހުއްޓިފައި އޮއްވައި، މިދިޔަ އޯގަސްޓް މަހު އެ މަސައްކަތް އަލުން ފެށީ އެ ކުންފުނީގެ ސީއީއޯ ފަރުހަތު ޝަހީރު އެ ރަށަށް ވަޑައިގެން، މި އަހަރު ނިމުމުގެ ކުރިން އެ ފެކްޓަރީގެ މަސައްކަތް ނިންމާނެ ކަމަށް ދެއްވި ޔަގީންކަމާ އެކުގައި ކަމަށް މިފްކޯގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ ފުވައްމުލަކު މަސް ފެކްޓްރީގެ މަސައްކަތް މުޅިން ނިމި، ސިއްހީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތް ގާއިމްކޮށްފައިވާ ފެސިލިޓީއެއް ކަމަށް ނިންމައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ފެކްޓަރީ ހިންގަން މިހާރު ހުއްދަ ވެސް ދީފައިވާ ކަމަށެވެ.
އެހެންވެ، ކުރިއަށް އޮތް ހަފުތާގައި އެ ފެކްޓަރީން މަސް ގަނެ، ޕްރޮސެސް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިފްކޯ އިން ބުންޏެވެ.
މިފްކޯގެ އުއްމީދަކީ އެ ފެކްޓަރީގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފެކުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވުން ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެޓް
15 December 2025
މަހުގެ އަގު ކަޑައަޅަނީ ދިވެހި ސިޔާސީ މީހުނާ ބޭރުގަ އުޅޭ މަސްގަންނަ މީހުން ގުޅިގެން އެމީހުނަށް ބައި އެޅޭ ގޮތައް
ފިޔާޒުބޭ
15 December 2025
މަހުގެ އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބެން ޖެހޭ. ލިބޭނީ ކުރީ ސަރުކާރުތަކުން އަޅާ ނުލާ އޮތް މިފަދަ ކަންކަން ކޮށްގެން.
ޝަހުބާން
15 December 2025
މިހާރު ކެޕޭސިޓީއަކީ 9000 މެޓްރިކް ޓަނު. މިހުރިހާ ތަނެއްގައި ތަންތަން އެޅުނީމާ 25،000 ޓަނު. ސާބަހޭ ރައީސް
ޒިންދަބޭ
15 December 2025
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސް ފެކްޓްރީތައް އަޅަނީ. މިއީ މީގެ ކުރިން ނުކުރެވި އޮތް ބޮޑު ކަމެއް. ކުރީ ސަރުކާރުތައް ފެއިލްވެފައިވާ މިންވަރު.
ޒިޔާން މުހައްމަދު
15 December 2025
މަހުގެ އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބޭނީ ރާއްޖޭގެ މަސް ރައްކާ ކުރެވޭ ކެޕޭސިޓީ އިތުރުވެގެން.
ޔޫކޭ
15 December 2025
މިކަލޯމެން ހަން މިދަމަނީ ކިހިނެތް ކަށިފޮއްޗާ ކިބަ ވަކިކޮއްފަތަ މި ހަންދަމަން އުޅެނީ، ތިހިރީ މަސްފެކްޓަރީ ރަނގަޅަށްވެސް ހިންގިފަ