އެމެރިކާގެ ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް: ވައިޓް ހައުސް އަށް ބަދަލުވުމަށް ބާރު އެޅުމަށް ޕެޓިޝަނެއް ވަނީ ތައްޔާރުކޮށްފައި.
05 އެޕްރީލް 2017 - 12:32
ވޮޝިންޓަން (އެޕްރީލް 5) - އެމެރިކާގެ ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕް ނިއު ޔޯކުގައި ދިރިއުޅުއްވާތީ ޚަރަދުތައް ބޮޑުވަމުން ދިއުމާ އެކު އެކަމަނާ ވައިޓްހައުސް އަށް ބަދަލުވުމަށް ބާރު އެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ސްލޮވީނިއާ އަށް އުފަން ކުރީގެ މޮޑެލް މިހާރު ދިރިއުޅުއްވަނީ މެންހަޓަންގެ ޕެންޓްހައުސް އެޕާޓްމަންޓުގަ އެވެ. އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ހުވާ ކުރެއްވުމަށް ފަހު ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް އަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް އަނބިކަނބަލުން ނިއު ޔޯކުގައި ދިރިއުޅުއްވަނީ 11 އަހަރުގެ ދަރިފުޅު ބެރޮންގެ ސްކޫލް އަހަރު ނުނިމޭތީ އެވެ.
ނިއު ޔޯކް ފުލުހުން ބުނެފައި ވަނީ މެލަނިއާ އެ ސިޓީގައި އުޅުއްވާތީ ސެކިއުރިޓީ އަށް ބޮޑު ޚަރަދެއް ހިނގާ ކަމަށެވެ. ފުލުހުންގެ ވެރިޔާ ޖޭމްސް އޯނެއިލް ފެބްރުއަރީ މަހު ވިދާޅުވެފައި ވަނީ މެލިނިއާ އާއި ހަގު ދަރިފުޅުގެ ސެކިއުރިޓީ އަށް ދުވާލަކު 146،000 ޑޮލަރު ޚަރަދުވާ ކަމަށެވެ. އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވި ދުވަސް ކަމަށްވާ ނޮވެމްބަރު 8 އިން ފެށިގެން ޖެނުއަރީ 20 ވަނަ ދުވަހު ޓްރަމްޕް ހުވާ ކުރެއްވުމާ ހަމައަށް ނިއު ޔޯކް ފުލުހުން ވަނީ ޓްރަމްޕުގެ ސެކިއުރިޓީ އަށް 24 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.
"މެލަނިއާ ނިއު ޔޯކުގައި ދިރިއުޅުއްވާތީ އޭނާގެ ސެކިއުރިޓީ އަށް ޓެކްސް ދައްކާ މީހުންގެ އަތުން ދަނީ ބޮޑު އަދަދެއް ހޭދަކުރަމުން،" ޕެޓިޝަނުގައި ބުނެފައިވެ އެވެ.
މީގެ ދެ ހަފުތާ ކުރިން ފެށި ޕެޓިޝަނުގައި މިހާތަނަށް ވަނީ 514،200 މީހުން ސޮއިކޮށްފަ އެވެ. މި ހަރަކާތް އިންތިޒާމް ކުރާ މީހުންގެ އަމާޒަކީ އެއް މިލިއަން ސޮއި ހޯދުމެވެ. އެއަށް ފަހު ޕެޓިޝަން ހަވާލުކުރާނީ ސެނޭޓަރުން ކަމަށްވާ ބާނީ ސެންޑާސް އާއި އެލިޒަބަތު ވަރެން އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުރޯ
05 April 2017
އަހަރުމެނާ ކޮންބެހޭ ކަމެއް؟
ކޮށްލާދެން
05 April 2017
އެމެރިކާގެ ފަސްޓް ލޭޑީ ވައިޓް ހައުސް އަށް ދެން ބަދަލުވާންވީއެވެ. ޓެކްސް ޕޭޔަރ މަނީން އެންމެ މީހެއްގެ ސެކިއުރިޓީ އަށް އެހާ ބޮޑު އެއްޗެއް ޚަރަދު ކުރުމަކީ އެއީ ވޭސްޓް އޮފް މަނީ އެވެ. އެކަން ކޮށްލާ ދެން އަވަހަށް.