ތެޔޮ ތާނގީތައް ކެލިބްރޭޓްކޮށް، ތަރައްގީކުރަން އެސްޓީއޯއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވާހަކަ ދައްކަވަނީ: އެ ކުންފުންޏަށް ބޭނުންވާ ހުރިހާ ތެލެއް އަންނަ މަހުން ފެށިގެން ގަންނާނީ އެސްޓީއޯއިން.-- ފޮޓޯ/ ފެނަކަ
09 އެޕްރީލް 2017 - 11:41
ފެނަކަ ކޯޕަރޭޝަނުން އަމިއްލަ ކުންފުނިތަކުން ތެޔޮ ގަތުން ހުއްޓާލުމަށް ފަހު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަންނަން ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ރަށްރަށަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ކުންފުނީގެ ތެޔޮ ތާނގީތައް ކެލިބްރޭޓްކޮށް، ތަރައްގީކުރަން އެސްޓީއޯއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަލަށް ސޮއިކުރި އެއްބަސްވުމާ އެކު ދެން ފެނަކައިން ތެޔޮ ގަންނާނީ އެސްޓީއޯއިން އެކަނި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ ކުންފުނިން އެސްޓީއޯ މެދުވެރިކޮށް ގަންނަނީ ބޭނުންވާ ތެލުގެ 55 ޕަސެންޓެވެ.
"މިހާރު ވެސް ފެނަކައަށް ބޭނުންވާ ތެލުގެ ބޮޑު އަދަދެއް ގަންނަމުންދަނީ އެސްޓީއޯއިން. އޭގެ މާނައަކީ ޕްރައިވެޓް ޕާޓީތަކުން ތެޔޮ ގަތުން އެކީ ހުއްޓާލީއޭ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެ ކުންފުންޏަށް މަހަކު 5.5 މިލިއަން ލީޓަރުގެ ތެޔޮ ންނަ ކަމަށާއި ނަމަވެސް އެ ތެޔޮ އަޅާ ތާނގީތަކަކީ ކެލިބްރޭޓްކޮށްފައިވާ އެއްޗެހި ނޫން ކަމަށެވެ. އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ފެނަކައަށް ތެޔޮ އަޅާ ހުރިހާ ތާނގީތައް ކެލިބްރޭޓްކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އެއްބަސްވުމުގެ ދަށުން ތެޔޮ ތާނގީތައް ކެލިބްރޭޓްކުރެވި އެއަށް އެޅޭ ތެލަކީ ކިހާވަރެއްގެ ތެލެއްކަން އެނގޭނެ މިންގަނޑެއް އަދި މިހާތަނަށް އަޅުގަނޑުމެންނަށް ގާއިމުކުރެވިފައެއް ނެތް. އެސްޓީއޯއާ އެކީ އަޅުގަނޑުމެންނަށް މިވެވޭ އެއްބަސްވުމުގެ ދަށުން 50،000 އަށް ވުރެ މަތީ ސްޓޯރޭޖްތައް އަންނަ ޖޫންގެ ނިޔަލަށް ކެލިބްރޭޓްކޮށްދެއްވާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ 150 އަށް ވުރެ ގިނަ ރަށުގައި ގާއިމުކޮށްފައިވާ ހުރިހާ ތެޔޮ ތާނގީތައް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކެލިބްރޭޓްކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި ކެލިބްރޭޓްކުރުމަށް ފަހު މަހަކަށް ބޭނުންވާ މިންވަރަށް ސްޓޯރޭޖް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އިތުރު ވަރަށް ބައިވަރު ފައިދާތަކެއް ލިބިގެންދާނެ. އެންމެ ބޮޑު ކަމަކީ އަޅުގަނޑުމެންގެ ކުންފުނި ތެރޭގައި އޮއިލް މެނޭޖްކުރުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިހާތަނަށް އެ ކުންފުންޏަށް ތެޔޮ ބޭނުންވާ ސީދާ މިންވަރެއް ބެލިފައިނުވާ ކަމަށާއި ތެލުގެ ތެރެއިން ނާޖާއިޒު ފައިދާ ނެގުން އެއްކޮށް ހުއްޓިގެންދާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ސްޓޭޝަންތަކުގައި ތެޔޮ ބޭނުންކުރެވޭ މިންވަރު ބެލުމަށް ފްލޯ މީޓަރު ހަރުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އަތޮޅު ތެރޭގައި ފެނަކައިން ހިންގާ ހުރިހާ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއް ނެތި ބަރާބަރަށް ފޯރުކޮށްދިނުމާއި އެ ރަށްރަށުގައި ހަދާފައިވާ ޓޭންކްތައް ކެލިބްރޭޓްކުރުމުގެ އިތުރުން ތެޔޮ އެޅޭމިންވަރު ޔަގީންކޮށްދެވޭނެ ކަމަށެވެ. އަދި އެ ކުންފުނީގެ ސްޓޯރޭޖް ތަރައްގީކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމަށް މެންޑޭޓްކުރެވިފައިވާ ކުންފުނި. އެގޮތުން ރާއްޖެއަށް އެތެރެކުރާ ތެލުގެ 75 ޕަސެންޓް އެތެރެކުރަނީ އެސްޓީއޯ އިން،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައިސް މިދިޔަ ދެ އަހަރުގެ ތެރޭގައި ޑިސްޓްރިބިއުޝަން ނެޓްވޯކް ފުޅާކޮށް އިތުރު ހަތަރު ބާޖު ގެނެސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ޓެކްނިކަލް މުވައްޒަފުން ހޯދައި ތަމްރީނުކޮށް ނިންމާފައިވާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
10 April 2017
ބައެއްމީހުން މާލެ އިން 2 ގޯތިގަނެ ވިޔަފާރިފެއްޓީމަތޯ ތިކަން ހުއްޓާލަން ޖެހުނީ ؟؟ Fenaka Corporation Limited އަށް ގަނެފައިވާ ތެލުގެ ނިސްބަތް ސްޓެލްކޯގެ އިންޖީނުތަކުން އަންދާ ތެލަށްވުރެން ނިސްބަތުން އެތައް ގުނައެއް އިތުރުވެގެން ދިޔައިރު އެކަން ބަލާލާނެ މީހަކުނެތް. ބޯޑްގައި ތިއްބެވި ވެރިންނަށް ހުރިހާ ފައިދާއެއް. . . . އެސްޓީއޯ އަކީ ދައުލަތާއި ރައްޔިތުން ޙިއްސާވާ ކުންފުންޏެއް. އެއްގޮތަކަށް ވެސް Fenaka Corporation Limited ގެ ބެލުމުގެ ދަށޫގައި ހުރި ތާގީތަކަކަށް އެސްޓީއޯ އިން ހަރަދުކޮށް ތަރައްޤީ ކޮށްގެން ނުވާނެ. . . . . އޭގެ ބަދަލުގައި ރާއްޖޭގެ އުތުރުން ކުޅުދުއްސުށި އަދި ދެކުނުން އައްޑޫ (މިހާރުވެސް ހިގަމުންދާ ދެ ބަނދަރުއޮތް) ގައި އެސްޓީއޯގެ Oil terminal ތަކެއް ހަދާ މުޅިސަރަހައްދަށް ބޭނުންވާ ސްޓޯރޭޖް ބެހެއްޓުމަށްފަހު ފެނަކަ ކޯޕަރޭޝަން އާއި ތެޔޮބޭނުންވާ އެހެން ކުންފުނިތަކަށް ވެސް ތެޔޮ ދޫކުރެވިދާނެ. . . . ތެލުގެ ވިޔަފާރިކުރާ މައި ކުންފުނިން ރާއްޖޭގެ ސަރަހައްދު ތަކުގައި އެސަރަހައްދަކަށް ބޭނުންވާ ތެޔޮރައްކާ ކުރެވޭނެ ވަސީލަތް ޤާއިމް ކޮށްފައި ހުރިނަމަ މިފަދަ ވަގުންގެ ގިބައިން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ
ކިރަމޑި
09 April 2017
ސަރީފު އިސްތިއުފާ! މި ހުރިހާ ދުވަހު ފޫނެތްފަޔަށް ފެންފުރާ ކަހަލަ އަޑި ނޭނގޭ ތާނގީތަކެއް. އެޅިޔަސް އަޅާވަރު ނޭނގޭ ތާނގީ ތަކެއް. (އެއީ ކެލިބުރޭޓު ނުކޮށް ހުރުމުގެ މާނަޔަކީ)
ފާތުމަ
09 April 2017
ރިޔާޒުރަޝީދު ވަރަށްދެރަވާނެ
އުދުހޭ
09 April 2017
މެރީޑިއަމަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ތަނެއްކަމަށް ފެންނަނީ އެމްޕީއެލް.
ކޮރަޕްޝަން
09 April 2017
"ޝަރީފް ވިދާޅުވީ މިހާތަނަށް އެ ކުންފުންޏަށް ތެޔޮ ބޭނުންވާ ސީދާ މިންވަރެއް ބެލިފައިނުވާ ކަމަށާއި ތެލުގެ ތެރެއިން ނާޖާއިޒު ފައިދާ ނެގުން އެއްކޮށް ހުއްޓިގެންދާނެ ކަމަށެވެ." ލަދެއްވެސް ނުގަނޭތަ މިހެން ބުނާކަށް؟
ކޮރަޕްޝަންޕްލަސް
09 April 2017
މަށަކަށް ނުފެނޭ ތިޔާ ކެލިބްރޭޓްކުރާކަށް
ހާސަރު
09 April 2017
ތެޔޮވިއްކާ މެމްބަރުން ދެން ހަދާނީ ކިހިނެއްބާ؟ އިދިކޮޅު މީހުން މިއޮއްހާދުވަހު ދެއްކީ ރަގަޅުވާހަކައެއްތާ!
ސެހެރީ
09 April 2017
އަދިކިރިޔާތަ ތި އެގުނީ؟ ހާދަ ފަހަތުގަ؟
ޑރ.ހަނދާންނެތޭ
09 April 2017
ދެން އަޑު އިވޭނީ ފެނަކަވެސް އެސްޓީއޯ އާއި ހިންގުން ހަވާލުކުރީކަމަށް.
LIFE OK
09 April 2017
ތެޔޮކުންފުނިތަށް ހަދައިގެންއުޅޭ ސަރުކާރުގެ މަޖުލިސް މެމްބަރުން މިކަމާ ވަރަށް ރުޅިއަންނާނެ.
ބޯވަ
09 April 2017
އެއްގޮތަކީ ޝަރީފްގެ މަގާމު ގެއްލުމެވެ. ނޫނީ އަޑީގައި ކޮންމެވެސް ނުބައެއް ވާނެއެވެ. ފަހަރެއްގައި އެސްޓީއޯއިން މެމްބަރުންގެ ކުންފުނިތައް މެދުވެރިއެއްގެ ރޯލް އަދާކުރާގޮތަށް ހަމަޖައްސަފާނެއެވެ.
ކޮލަމާފުށި
09 April 2017
އިންޖީނުގެތަކަށް ބޭނުންވާ އަޑީތެޔޮވެސް ގަންނަންވީ އެމްޓިސީއިން..ކީއްވެ މެރީޑިއަމް އަތުން އަޑީތެޔޮ ނަގަންވީ.
33
09 April 2017
ރަނގަޅު. ކުރިންވެސް ތިގޮތް އޮތްވާ ސިޔާސީ ބޭނުމަށް އެކަން ނުކޮށް ތިބީ. ދެން ކުރަން އޮތްކަމަކީ ސިޔާސީ ގޮތުން ވައްދާފައި ތިބި މީހުން ކަނޑާލަންވީ. ރައްތިރުންގެ ބިލުތައް ދަށްވާނެކަމަށް އުންމީދުކުރަން.