ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ރޯވެ، އެއް އިންޖީނު ހަލާކުވި ނަމަވެސް ކަންކަން ހަމަޔަކަށް އަޅުވައި މީގެ ބައިގަޑިއެއްހާއިރު ކުރިން މުޅި އެ ރަށަށް އަލުން ކަރަންޓު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ، ގަމުގެ ހުރިހާ ތަންތަނަށް ކަރަންޓު އަލުން ދީ ނިންމައިލެވުނީ މިރޭ 11:30 ހާއިރު ކަމަށެވެ.

މިއަދުގެ އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ގަމުގެ އިންޖީނުގެ ހިޔާކުރުމުގެ މަސައްކަތް މިރޭ ކުރަނީ.---ފޮޓޯ: ލާމުއެމްވީ
މިއަދުގެ އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ގަމުގެ އިންޖީނުގެ ހިޔާކުރުމުގެ މަސައްކަތް މިރޭ ކުރަނީ.---ފޮޓޯ: ލާމުއެމްވީ

މިއަދުގެ މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ވީ އިންޖީނުގެ އަށެވެ. އެހެންވެ، އަލުން ކަރަންޓު ދިނީ އެ އިމާރާތް ވަގުތީ ގޮތުން ހިޔާ ކުރުމަށް ފަހު އެވެ.

ގަމުގެ ތިން އަވަށަށް ކަރަންޓު ދޭން ބޭނުންކުރާ ފަސް އިންޖީނުގެ ތެރެއިން އެއް އެއް އިންޖީނު ވަނީ ބޭނުން ނުކުރެވޭ ވަރަށް މިއަދުގެ އަލިފާނުގެ ހާދިސާގައި އަނދައިފަ އެވެ.

"އެހެންވެ އަނެއް ހަތަރު އިންޖީނުން އަލުން ކަރަންޓު މި ދޭން ފެށީ. އެއްވެސް މައްސަލައެއް ދިމާނުވެ ކަރަންޓު އެބަދެވޭ،" އެމްޑީ ނަޖާހް ވިދާޅުވި އެވެ.

ގަމު އިންޖީނުގެ ވަގުތީ ގޮތުން ހިޔާކުރުމަށް ފަހު، އެ ތަނަށް އިންޖީނެއް ވެއްދުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ލާމުއެމްވީ
ގަމު އިންޖީނުގެ ވަގުތީ ގޮތުން ހިޔާކުރުމަށް ފަހު، އެ ތަނަށް އިންޖީނެއް ވެއްދުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ލާމުއެމްވީ

އޭނާ ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި އިންޖީނުގެ ފާރު އަލުން ރޭނުމާއި އެހެނިހެން ގެއްލުންތައް މަރާމާތުކުރުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ އެވެ.

ގަމު އިންޖީނުގޭގައި ރޯވާން ދިމާވި ސަބަބެއް އަދިއެއް ނޭނގެ އެވެ. އެމްއެންޑީއެފް ފަޔަރުންގެ ޓީމާއި ފުލުހުން ގުޅިގެން އެ ކަންކަން ސާފުކުރަމުން އަންނަ ކަމަށް ފެނަކައިގެ އެމްޑީ މިރޭ ވިދާޅުވި އެވެ.