ލ. ގަމުގައި ހުންނަ އިންޖީނުގޭގައި މީގެ އިރުކޮޅެއް ކުރިން ރޯވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ދެންމެ ބުނީ، އިންޖީނުގޭގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށާއި ތިން އިންޖީނު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވަނީ އެއް ޖަނެރޭޓަރު ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
ގަމުގެ އިންޖީނުގެއިން ކަރަންޓު ދެމުން އަންނަނީ އެ ރަށުގެ ތިން އަވަށެވެ. ނަމަވެސް، އަލިފާން ރޯވުމާއެކު މުޅި ރަށުން ވަނީ ކަރަންޓު ކަނޑައިގެން ގޮސްފަ އެވެ.
އިންޖީނުގެއަށް ބޭނުންވާ ތެޔޮ ޓޭންކުތައް ވެސް ހުންނަނީ ފެނަކައިގެ ގޯތި ތެރޭގަ އެވެ.
"ޕެނަލް ސަލާމަތްވި. އެއް ޖެންސެޓު ވެސް ވަނީ ސަލާމަތްވެފައި. އެކަމަކު، އެއިން މުޅި ރަށަށް ކަރަންޓު ދޭނެ ކެޕޭސިޓީއެއް ނުހުންނާނެ،" އޭނާ ބުންޏެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ، ގަމުގެ އިންޖީނުގޭގައި އަލިފާން ރޯވެގެން ސެންޓްރަލް އޭރިއާ ކޮމާންޑުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.