އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން މިރޭ އެ ސިޓީ އަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނެރޭޓަރު ބާލަނީ: ގިނަ ވެގެން ދެ ދުވަހެއްގެ ތެރޭގައި މި ޖަނެރޭޓަރު ބޭނުންކުރަން ފެށޭނެ ކަަމަށް އެ ކުންފުނިން ބުނި.---ފޮޓޯ: ފެނަކަ
27 މާޗް 2025 - 00:04
މިވަގުތު ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު އިރުއިރުކޮޅާ ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ ކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ފެނަކައިން މިރޭ ބުނެފި އެވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލަ މިދިޔަ ހައެއްކަ މަހު ވެސް ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާއިރު އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އެބައޮތެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ ކަމަކީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުން ކަމަށެވެ. އެހެންވެ، ޖަނެރޭޓަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، މިދިޔަ ތިން މަސް ތެރޭގައި އާ ތިން ޖަނެރޭޓަރު އައްޑު އަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން މީގެ ދެ ދުވަސް ކުރިން އައްޑު އަށް ފޮނުވި 1.8 މެގަވޮޓުގެ ޖަނެރޭޓަރު އެ ސިޓީ އަށް މިރޭ ބާލައި އެންމެ ގިނަ ވެގެން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ޖަނެރޭޓަރުން ކަރަންޓު ދޭން ފެށޭނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އެ އަށް ވުރެ ވެސް އަވަސް ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވަޓް ގެ އައު އިންޖީނު ގެންދިޔަ ދޯނި މިހާރު ވަނީ އައްޑޫ އަށް ބަނދަރު ކޮށްފައި. އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން. 48 ގަޑިއިރުތެރޭ މި… pic.twitter.com/RWrnNufxSW
— Fenaka Corporation Ltd (@TeamFenaka) March 26, 2025
ނަޖާހު ވިދާޅުވިގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން މިހާރު 19 ޖަނެރޭޓަރު ހިންގާއިރު އެންމެ ބޮޑު ޖަނެރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫގައި އާންމުކޮށް ގެންގުޅެނީ 1.8 މެގަވޮޓް ނުވަތަ އެ އަށް ވުރެ ކުދި ސައިޒުގެ ޖަނެރޭޓަރުތަކެވެ.
"ކުދި ގިނަ ޖަނެރޭޓަރުތަކުގެ ބަދަލުގައި ބޮޑެތި ޖަނެރޭޓަރުތައް ގެނެސްގެން ދާއިމީ ހައްލެއް ގެނެވެން އޮތީ. އެންމެ ބޮޑު ޖަނެރޭޓަރަކަށް މިހާރު ބޭނުންކުރަނީ ދެ މެގަވޮޓުގެ ޖަނެރޭޓަރެއް. އެކަމަކު، އެ އަށް ވުރެ މަތީގެ މެގަވޮޓުގެ ޖަނެރޭޓަރު މިހާރު އައްޑު އަށް ބޭނުންވޭ. އެއީ ދާއިމީ ހައްލަކީ،" ނަޖާހު ވިދާޅުވި އެވެ.
"ރައީސް އޮފީހާއި ފިނޭންސް މިިނިސްޓްރީ އާއި ފެނަކަ ގުޅިގެން އެ މަސައްކަތް އެބަކުރެވޭ. ވަރަށް އަވަހަށް އޭގެ ކަންކަން ނިންމައި އިއުލާން ކުރެވޭ ހިސާބަށް ދާނެ ކަމަށް މި ބަލަނީ."
އައްޑޫން މި ފަހުން މިދިޔަ ފަސް ވަރަކަށް ދުވަހު އިރުއިރުކޮޅާ ކަރަންޓު ކަނޑާލަން ޖެހިފައި ވަނީ އެމްޑީ ވިދާޅުވިގޮތުގައި ޓެކްނިކަލް މައްސަލައަކާ ހެދި ތިން ޖަނެރޭޓަރެއް މަރާމާތު ކުރަން ޖެހިގެންނެވެ. އެކަމަކު، އޭގެ ތެރެއިން އެއް ޖަނެރޭޓަރުގެ މަރާމާތުތައް މިހާރު ނިމިފައިވާ ކަމަށާއި މާދަމާ އެ ޖަނެރޭޓަރު ވެސް ހިންގަން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކައިގެ އެމްޑީ ނަޖާހު
"އެ ޖަނެރޭޓަރު ވެސް އަޕްކޮށް، އަލަށް މިރޭ މި ގެނައި 1.8 މެގަވޮޓްގެ ޖަނެރޭޓަރު ވެސް ބޭނުންކުރަން ފެށުމުން މިވަގުތަށް ހައްލު ވާނެ ކަމަށް އަޅުގަނޑުމެން މި ގަބޫލުކުރަނީ. ވީ ގޮތަކަށް މިއީ ރޯދަމަސް ކަމަށް ވެފައި ހަވީރު ގަޑީގައި ޕީކް މައްޗަށް ދިޔައީ. އަވަން ކަހަލަ އެއްޗެހި އެއްވަގުތެއްގައި ޖެއްސުން ކަހަލަ ކަންކަމާ ހެދި މާ ލޯޑު ބޮޑުވީ. އެކަމަކު، ރޯދަމަސް ނިމުނީމާ ދަށްވާނެ ކަމަށް މި ބެލެވެނީ،" ނަޖާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރަން ފެނަކައިން ހުއްޓުމެއް ނެތި އަންނަނީ މަސައްކަތް ކުރަމުން ކަަމަށެވެ. އެއީ ފެނަކައިން މިހާރު އެންމެ އިސްކަންދޭ އެއް ކަންތައް ވުމުން ދާއިމީ ހައްލަކާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އެބަހުރި މިހާރު ވެސް ވަރަށް ބޮޑަށް އޯވަހޯލް ކުރަންޖެހޭ ދެ ޖަނެރޭޓަރެއް. މިރޭ މި ގެނައި 1.8 މެގަވޮޓުގެ ޖަނެރޭޓަރު ބޭނުންކުރަން ފެށުމުން އެ ދެ ޖަނެރޭޓަރު އޯވަހޯލް ކުރަން ވެސް ޓައިމް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ފެނަކައިން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ބޮޑުވީ، މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ޖަނެރޭޓަރުތައް މަރާމާތު ކުރުން ހުއްޓާލާފައި އޮތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 March 2025
ރައީސްގެ ރަނގަޅު ތަސައްވަރެއްހުރިނަމަ އަދި "ޤާނޫނަކުންބާރުދީގެން އުފައްދަވާނެކަމަށްވަޢުދުވި، ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނާއި، ހަކަތައިގެ %30 އަކީ އިއާދަކުރުވަނިވި ހަކަތަބޭނުންކޮށްގެންއުފައްދާ ކަރަންޓަށްހައްދަވާނެކަމުގެ ތަސައްވުރުފަދަ ވާހަކަތަކަކީ، ޙަޤީގަތުގައިވެސް އެކަންކަން ޙާސިލްކުރުމަށް ބޭނުންވެގެން" ދެއްކެވި ވާހަކަތަކެއްނަމަ، އިތުރު ވަގުތުނަގާނުލާ އަވަހަށް އައްޑޫގެ ކަރަންޓްގެ މަސައްކަތް State Electric Company ގެ ދަށަށް ބަދަލު ކުރައްވާ.
އޮނަރަބްލް އަފީފު ދީދީ
27 March 2025
ކ.މާލޭގެ އިތުރަށް ރާއްޖޭގެ ސިޓީތައް ކަމަށް ޤާނޫނުން ކަޑައަޅާފައިވާ ކުޅުދުއްފުއްށި، ހުވަދޫ އަތޮޅު ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީ އާއި މިސިޓީތަކާއި އެންމެ އަވަހަށް އަރާ ހަމަކުރާނެ އަދި މިހާރުވެސް އެރަށް ތަކުގެ ބިމުގެ އަގު އުފުލި އެކިއެކި ސިނާއަތް ތަކުގެ މީހުން އެރަށުގެ ބިންތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ރާއްޖޭގެ ބިން ބޮޑު ރައްތަކުގެ ތެރޭގައި ހިމެނޭ ހަނިމާދުއާއި ލ.ގުޅިފައިވާ ރަށްތަކުގެ ކަރަންޓްވެސް ސްޓެލްކޯގެ ދަށަށް ބަދަލު ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
27 March 2025
ބާރުގަދަ އެތައް ބަޔަކު މިހާރު އެމަޤާމަކަށް އެދިގެން މަސައްކަތް ކުރާ ސްޓެލްކޯގެ އެމްޑީ ކަމުގެ މަޤާމްގައި ހުސެން ފަހުމީ ހުންނަވަނިކޮށް، މަތީގައި ދެންނެވި ބަދަލު ގެނެސް މިދެންނެވި ރަށްތަކަށް ކަރަންޓްގެ ހިދުމަތް ދިނުމަކީ ސްޓެލްކޯގެ ޒިންމާއެއްކަމަށް ރައީސް ކަޑައެޅުއްވި ނަމަ މި ރޯދަ މަހު އައްޑޫ ރައްޔިތުން ކަނު އަނދިރީގައި ތިބެން ނުޖެހޭނެގޮތް ފަހުމީ ހަދާދޭނެކަން ޔަޤީން. އަދިވެސް މިކަންކަމަށާއި އައްޑޫގެ ކަރަންޓަށްވެސް އޮތް ޙައްލަކީ ހަމަ ސްޓެލްކޯ އިގޭތޯ.
ކަމެއް ވޭތަ؟
27 March 2025
ނުވާވަރުގެ ކަންތަކާ ނޫޅެ، އައްޑޫގެ ލޮބުވެތި ރައްޔިތުން އަމިއްލައަށް މެނޭޖްކުރަން ދޫކޮށްލަންވީނުންތޯ؟
އޮނަރަބްލް އަފީފު ދީދީ
27 March 2025
އައްޑޫގެ ކަރަންޓް މައްސަލަ މ ސަރުކާރުން ސީރިއަސްކޮށް ނުނަގާކަމުގެ ހެއްކަކީ ރާއްޖޭގެ އެންމެ ބިންބޮޑު އަދި ކ.މާލެފިޔަވާ ރާއްޖޭގެ އެންމެ އާބާދީބޮޑު އައްޑޫސިޓީ ސެންޓްރަލް ޕަވަރ ހައުސްގައި އަމުނާލާފައި އޮތް ތަސްބީހަފައްޗެއް ހެން އެކިސައިޒްގެ އެކިވައްތަރުގެ އިންޖީނުތަކުން (އައްޑޫމީހުން އެއީ އިންޖީނު ތޮނށި ގަނޑުތައްކަމަށް ވިދާޅުވިޔަސް ސަރުކާރުން އަންގަނީ ރަނބަރުންވެސް ކަޑާނުލާ ބުރެންޑްނިއު އިންޖީނުތައްކަމަށް) ފުރާލާފައި އޮންނާކަށް ނުޖެހޭނެ.
ގަން ފޭދޫ އައްލާ
27 March 2025
ތެދެއް 19 އެބަހުރި؟ ޢެ 19 އެތި އެނބުރޭ އިރު އޭގެ ތެރެއިން ބައެއް އެއްޗެއްހި އިދިކޮޅަށް އެނބުރޭ ކަމަށް ބެލެވޭތީ އިރު އިރު ކޮޅުން ކަރަންޓު ކެނޑޭ މައްސަލަ ދިމާވަމުން ދަނީ؟؟ ކަން ބޮޑު ވަނީ ކީއްކުރަންބާއޭ އިދިކޮޅު ޖެންސެޓުތައް މި ކޮޅަށް ފޮނުވަނީ؟؟
އިދުރީސު
27 March 2025
އައްލާ ގޭގައި ވެސް މިހާޜު ގެން ގުޅެނީ ފުޅި ބައްތި؟ ކަރަންޓު ކެނޑޭތީވެ އައްލާ ގެ ގެއިން 5 ރުފިޔާ ގެ ދެ ބޮކިވަނީ އަނދާފައި
ޑޮކްޓާރ. ބަނާނާ
27 March 2025
އަސާސީ ހައްގު ގެއްލި ވޭނުގައި ރޯދަ ވެސް ނިމުނީ! ދެން ސަރުކާރަށް ނުބަވާ އައްޑު އަތޮޅު ނާގާބިލު ސިޔާސީ ކަނޑުކޮހުން ކުރަން ޖެހޭކަމަކީ ކޮންމެ ގެއަކަށް ބައިކިލޯގެ ޖެނެރޭޓަރެއް ހަދިޔާކުރުމުގެ ނަމުގައި ޖެނެރޭޓަރު ގަންނަން ތައިލެންޑަށް ދަތުރެއް ރާވާލަން! ޢެއޮތީ ދާއިމީ ހައްލު ! ވ.ސަލާމް!
މުދިމު
27 March 2025
Fenaka ހިތަދޫ ބްރާންޗް ތިއޮތީ، ގޭންގް ކުދީން ކޮޅެއްގެ އަތްދަށުވެފައި. ތިޔަތަނުގެ ހިންގުން ރަގަޅު ކޮށްގެން ނޫނީ، މަތިމައްޗަށް 100 އިންޖީނު ގެނައަސް ތިތަން ރަގަޅުނުވާނެ. ތަން ތިއޮތީ މިހާރު ސިޔާސަ ވެގެންގޮސް ހައްދު ފަހަނަޅާ ސިޔާސަ ވެފައި.
މޮހޮދަރަހާގޭ ވަލު ޕޮލިޓިކްސް
27 March 2025
އައްޑޫއަށް މިހާރު ބޭނުންވަނީ، ހަމައެކަނި އިންޖީނު އޯވަރހޯލް ކުރުމެއް ނޫން. އިދާރީ ހިންގުމާއި މުވައްޒަފުން އޯވަރހޯލް ކުރަންޖެހޭ. އެތަނުގެ ޚާއްޞަކޮށް ޕަވަރ ސްޓޭޝަންގެ ކޮންޓްރޯލް އޮތީ އެތަނުގެ ވެރިންނަށް ގެއްލިފައި. ސައިން އިން ކޮށްފައި ގެއަށް ދަނީ. މިހާރު އެތަނުގެ އިންޖީނު ރާވާ ހެދުމުގެ މަސައްކަތުގައި ގިނައިން އުޅެނީ ފެނަކައަށް ޢިމާރާތްކުރުމަށް ނަގާފައި ތިބި މަސައްކަތު މީހުން. މެނޭޖްމަންޓް ބޮއްސުން ލާފައި އޮތްތަނެއް. ހިންގުން ހަރުދަނާނުކޮށް ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
27 March 2025
ފުރަތަމަ ކަމަކަށް ރަނގަޅު ނިޔަތެއްނެތި ތިފަދަ ކަމެއް ނުކުރެވޭނެ. އައްޑޫ ކަރަންޓްގެ މައްސަލަ ތަކަށް ދާއިމީ ޙައްލު ހޯދުމަށާއި، ނޯޓިސް ދިނުމެއްނެތި އިރު އިރުކޮޅާ ހިތުހުރި ގޮތަކަށް ހިތައް އެރި ތަނަކުން ކަރަންޓް ދުއްވާލުމުގެ ސަބަބުން އައްޑޫ މީހުންގެ މުދަލަށާއި ބިޔަފާރިވެރިންގެ ވިޔަފާރި މުދަލަށް ލިބެމުންދާ އިޢާދަ ނުކުރެވޭގެއްލުމާއި މެދު މާލޭސަރުކާރުގެ އެއްވެސް ކަންބޮޑުވުމެއް ފިކުރެއްވެސް ނެތްކަން އެމީހުންގެ އަމަލުތަކުން ވަރަށް ރަނގަޅަށް ސާފުވެގެންދޭ.