މުނިފޫހިފިލުވުން / ކޭން ފިލްމް ފެސްޓިވަލް

ކާންސްގައި މި ފަހަރު 19 ފިލްމެއް ވާދަކުރޭ

މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށްފައިވާ ފިލްމްތައް އިއުލާން ކުރުމުގެ ހަފުލާގެ ތެރެއިން.

އަންނަ މަހު 17 ގައި ފަށާ ކާންސް ފިލްމް ފެސްޓިވަލަށް ވާދަކުރާ ފިލްމްތައް އިއުލާންކޮށްފި އެވެ.

މި ފެސްޓިވަލްގެ ޝަރަފުވެރި ޕަލްމެ ޑި އޯއަށް މި ފަހަރު ޖުމްލަ 19، ފިލްމެއް ވާދަކުރާ އިރު، ވާދަވެރިކަން ވަރަށް ބޮޑު ވާނެ ކަމަށް ބެލެވެ އެވެ.

ސަބަބަކީ ވަރުގަދަ ފިލްމުތަކެއް ހުރުމެވެ. ހަމައެއާ އެކު މަޝްހޫރު އެކްޓަރުންތަކެއްގެ ފިލްމްތަކަށް މި ފަހަރު ވެސް އެބަ ހުއްޓެވެ.

ހަތްދިހަ ވަނަ ކާންސް ފިލްމް ފެސްޓިވަލަށް ވާދަކުރާ ފިލްމްތަކަށް ކުރު ގޮތަކަށް ބަލައިލަމާ ހިގާށެވެ.

ދަ ބިގްލްޑް

މިއީ ކުރީގެ ލިޔުންތެރިޔާ ތޯމަސް ޕީ ކަލިނަން ލިޔެފައިވާ 1966 ގެ ވާހަކަ "އަ ޕެއިންޓެޑް ޑެވިލް" އަށް ބިނާކޮށް ހަދާފައިވާ ޑްރާމާއެކެވެ. ސޯފިއާ ކޮޕޯލޯ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ދަ ބިގިލްޑް" ގެ ތަރިންގެ ތެރޭގައި ނިކޯލް ކިޑްމަން، ކޮލިން ފެރެލް އަދި ކާސްޓެން ޑަންސްޓް ހިމެނެ އެވެ.

"ދަ ބިގިލްޑް" ސިނަމާތަކަށް ރަސްމީކޮށް އަންނާނީ ޖޫން 23، 2017 ގަ އެވެ.

ޔޫވާ ނެވަ ރިއަލީ ހިއާ

މިއީ ލީން ރަމްސ ޑައިރެކްޓްކޮށްފައިވާ މިސްޓްރީ ޑްރާމާއެކެވެ. ޖިންސީ ވިޔަފާރީގެ ތެރޭގައި ތާށިވާ އަންހެން ކުއްޖަކު ސަލާމަތްކޮށް ދޭން، ކުރާ މަސައްކަތުގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖޮއަކީން ފީނިކްސް އާއި އެލެސެންޑްރޯ ނިވޯލާ އެވެ.

ވޮންޑަސްޓްރަކް

މަޝްހޫރު ބަތަލާ ޖޫލިއަން މޯ އާއި މިޝެލް ވިލިއަމް ފެނިގެންދާ "ވޮންޑަސްޓްރަކް" އަކީ ޓޮޑް ހޭނެސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ ހަމަ އެ ނަމުގައި 2011 ވަނަ އަހަރު ބްރަޔަން ސެލްޒްނިކް ލިޔެފައިވާ ވާހަކައަކަށް ހަދާފައިވާ ޑްރާމާއެކެވެ.

ގުޑް ޓައިމް

ޓޮމް ހޭންކްސްގެ ފިލްމް "ކެޕްޓަން ފިލިޕް" މަތިން ހަނދާން އެބަ ހުރި ހެއްޔެވެ؟ އެ ފިލްމުގައި ސޯމާލިއާގެ ކަނޑުފޭރޭ މީހެއްގެ ރޯލުން ގެނިގެންދާ ބަރްހާދް އަބްދީ މުހިއްމު ރޯލެއް ކުޅެެފައިވާ "ގުޑް ޓައިމް" އަކީ ޖޯޝް ސަފްޑީ އާއި ބެނީ ސަފްޑީން ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖެނިފާ ލޭޒަން ލީ އާއި "ޓްވައިލައިޓް" އިން ވިދާލި ރޮބަޓް ޕެޓިސަން ހިމެނެ އެވެ.

ހެޕީ އެންޑް

މިއީ ފްރާންސް ބަހުން އުފައްދާފައިވާ ޑްރާމާއެކެވެ. ފިލްމުގެ ޑައިރެކްޓްކޮށްފައި ވަނީ މައިކަލް ހެނެކީ އެވެ. ރެފިއުޖީންތަކެއްގެ ތެރޭގައި ހިނގާ ކަންތައްގަނޑެއް ދައްކުވައިދޭ "ހެޕީ އެންޑް" ގެ އެންމެ މުހިއްމު ތަރިއަކީ އިސަބަލް ހަޕާޓެވެ.

އިސްމާއީލްސް ގޯސްޓް

މެރިއަން ކޮޓިލާޑް މުހިއްމު ރޯލަމުން ފެނިގެންދާ މި ފިލްމަކީ ފްރާންސް ބަހުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ވާހަކަ އެނބުރެނީ ފިލްމް އުފައްދާ މީހެއްގެ ވަށައިގެންނެވެ.

ދަ މެޔެރޮވިޒް ސްޓޯރީޒް

މިއީ ހެއްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ކޮމެޑީއެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އެޑަމް ސެންޑްލާ، ބެން ސްޓިލާ، ޑަސްޓިން ހޮފްމަން އަދި އެމާ ތޮމްޕްސަން ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

"ދަ މެޔެރޮވިޒް ސްޓޯރީޒް" ޑައިރެކްޓްކޮށްފައި ވަނީ ނޯއާ ބޯމްބަޗް އެވެ.

އިން ދަ ފޭޑް

މިއީ ޖަރުމަން ބަހުން އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ އެންމެ މުހިއްމު ތަރިއަކީ ޑައެން ކްރުގާ އެވެ. "އިން ދަ ފޭޑް" ޑައިރެކްޓްކޮށްފައި ވަނީ ފާތިހް އެކިން އެވެ.

އޮޖާ

ބޫންގް ހޫ ޖޯ ޑައިރެކްޓްކޮށްފައިވާ "އޮޖާ" އަކީ ސައިންސް ފިކްޝަން ފިލްމެކެވެ. ފިލްމުގެ ކާސްޓުންނަކީ ޖޭޖް ގިލެންހާލް، ޓިލްޑާ ސްވިންޓަން، ލިލީ ކޮލިންސް އަދި ޕޯލް ޑާނޯ ހިމެނެ އެވެ.

ނެޓްފްލިކްސް އިން ޑިސްޓްރިބިއުޓް ކުރާ "އޮޖާ" ރަސްމީކޮށް ސިނަމާތަކަށް އަންނާނީ ޖޫން 28، 2017 ގަ އެވެ.

ދަ ކިލިން އޮފް އަ ސެކްރެޑް ޑިއާ

މިއީ އަނެއްކާ ވެސް ކޮލިން ފެރެލް އާއި ނިކޯލް ކިޑްމަން މުހިއްމު ރޯލެއް ކުޅެފައިވާ ސައިކޮލޮޖިކަލް ތުރިލާއެކެވެ. ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޔޯގޮސް ލަންތިމޮސް އެވެ.

"ދަ ކިލިން އޮފް އަ ސެކްރެޑް ޑިއާ" ގެ ކާސްޓުންގެ ތެރޭގައި އެލީޝިއާ ސިލްވަސްޓޯން އާއި ބިލް ކޭމްޕް ވެސް ހިމެނެ އެވެ.

ލަމަންޓް ޑަބަލް

މިއީ ފްރާންސް ބަހުން އުފައްދާފައިވާ އިރޮޓިކް ތުރިލާއެކެވެ. ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޖެކޮލިން ބިސެޓާއި ޖެރެމީ ރެނިއާ އާއި މެރިން ވަތު އެވެ. މީގެ ޑައިރެކްޓަރަކީ ފްރަންކޮއިސް އޮޒޮން އެވެ.

އަ ޖެންޓްލް ކްރީޗާ

މިއީ ޔުކްރެއިންގެ ޑައިރެކްޓަރު ސަރްގޭ ލޮޒްނިޓްސާ ޑައިރެކްޓްކޮށްފައިވާ ރަޝިއާ ބަހުން އުފައްދާފައިވާ ފިލްމެކެވެ.

ރިޑައުޓަބަލް

މިއީ "ދަ އާޓިސްޓް" ފަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ކުޅަދާނެ ޑައިރެކްޓަރު މައިކަލް ހަޒަނަވިޝަސް ފްރާންސްގެ ޑައިރެކްޓަރު ޖީން-ލިކް ގޮޑާޑްގެ ލޯބީގެ ކުޅިގަނޑެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގައި ދައްލުވައި ދޭނީ ޖީން އާއި 17 އަހަރުގެ އަންހެން ކުއްޖަކާ ދެމެދު ހިނގާ ލޯބީގެ ކަންތައްތަކެކެވެ.

މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ލުއިސް ގެރެލް އެވެ.

ލަވްލެސް

މިއީ ރަޝިއާގެ ޑައިރެކްޓަރު އެންޑްރީ ވިގެންސިވް ޑައިރެކްޓްކޮށްފައިވާ ފިލްމެވެ. މީގައި ދައްކުވައި ދޭނީ ވަރިފަށަށް އަރާފައިވާ ދެމަފިރިއެއްގެ ދަރިއަކުން ކުއްލިއަކަށް ގެއްލުމުން އޭނާ ހޯދަން ކުރާ މަސައްކަތެވެ.

ރޭޑިއަންސް

މިއީ ޖަޕާން ބަހުން އުފައްދާފައިވާ ފިލްމެވެ. މިއީ ލިޔުންތެރިއަކާއި ފޮޓޯގްރާފަރަކާ ދެމެދު ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ދަ ޑޭ އަފްޓާ

މިއީ ކޮރެއާ ފިލްމެކެވެ. ފިލްމުގެ މުހިއްމު ތަރިންނަކީ މިން-ހީ ކިމް އާއި ހައޭ-ހިއޯ ވޮން އެވެ.

120 ބެޓަމެންޓްސް ޕަ މިނިޓް

މިއީ 1990 ގެ އަހަރުތަކުގެ ތެރޭގައި ޕެރިހުގައި ފެތުރުނު ގޮތް ނޭނގޭ ބައްޔެއްގެ ހަގީގަތް ހޯދަން އެކްޓިވިސްޓުންތަކެއް ކުރާ މަސައްކަތް ދައްކުވައިދޭ ފްރާންސް ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރޮބިން ކެމްޕިލޯ އެވެ.

މިއީ މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި ވާދަ ކުރާ ފިލްމްތަކެވެ. ކޮންމެ އަހަރަކު ވެސް ފެސްޓިވަލްގައި ދައްކާ ފިލްމްތަކަށް ކްރިޓިކުންގެ ފަރާތުން ވެސް ފާޑު ކިޔުންތައް އޮހެ އެވެ.

އެހެންވެ ބެލުންތެރިންނަށް ވެސް ރީތި އަދި މޮޅު ފިލްމެއް ހޮވައިލަން ކާންސް ފިލްމް ފެސްޓިވަލަކީ ވަރަށް މުހިއްމު ފެސްޓިވަލަކަށްވެ އެވެ.

ކާންސް ފިލްމް ފެސްޓިވަލް ކުރިއަށް ދާނީ އަންނަ މަހުގެ 17-28 އަށެވެ.

މި ފަހަރުގެ ފެސްޓިވަލްގައި 29 ގައުމެއްގެ ޖުމްލަ 49 ފިލްމް ދައްކާނެ އެވެ. މި ފަހަރު ދައްކާ ފިލްމުތަކުގެ ތެރެއިން 12 ފިލްމެއް ޑައިރެކްޓްކޮށްފައި ވަނީ އަންހެން ފަންނާނުންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454