ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިންނާ އެކު އާލާ (ވ-5) އަށް. އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރުމަށް ފުލުސް އޮފީހަށް ވަނީ ހުށަހަޅާފައި. -ފައިލް ފޮޓޯ
15 އެޕްރީލް 2017 - 14:15
ރާއްޖެ ޓީވީން މީހެއްގެ އަބުރާ ބެހުނު ކަމަށް ބުނެ، އެ ސްޓޭޝަންގެ ކުރީގެ ނޫސްވެރިޔާ އާލާ އިބްރާހިމްގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ކަން ހިނގި ގޮތް އޮޅުންފިލުވުމަށް އެއްވެސް ބަހެއް ހޯދުމަކާ ނުލައި ކަމަށާއި މިއީ ހަމަ އެކަނި އާލާ ޒިންމާވާންޖެހޭ މައްސަލައެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.
ރޭޕް މައްސަލައެއްގެ ހަބަރެއް ލިއެގެން މީހެއްގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ މިދިޔަ މަހު ބްރޯޑްކޮމް އިން ވަނީ އާލާ 50،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ހަބަރުގެ މައްސަލާގައި ރާއްޖެ ޓީވީ ވެސް 200،000ރ. އިން ޖޫރިމަނާކުރި އެވެ. އެ ފައިސާ ރާއްޖެ ޓީވީން ދައްކާފައި ވިޔަސް އާލާ ދައްކަންޖެހޭ ފައިސާ، ދިން މުއްދަތުގެ ތެރޭގައި ނުދެއްކުމުން އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރަން، އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ހަދާފައިވާ ގާނޫނުގެ ދަށުން ވަނީ ފޮނުވައިފަ އެވެ.
އާލާ މިއަދު ނެރުނު ބަޔާނުގައި ބުނީ ޖަވާބުދާރީ ވުމުގެ ފުރުސަތެއް ނުދީ ކޮމިޝަނުން މައްސަލަ ނިންމާފައިވާ ގޮތާމެދު ކަންބޮޑުވާ ކަމަށާއި އޭނާގެ މައްޗަށް ދައުވާކުރުމަށް ފޮނުވި މައްސަލަަޔަކީ އެހެން ބަޔަކު ވެސް ޒިންމާ ނަގަންޖެހޭ މައްސަލައެއް ކަމަށެވެ.
ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް މިދިޔަ އޮގަސްޓަމަހު އަމަލުކުރަން ފެށި ގާނޫނުގައި، އަބުރު ގެއްލޭ ގޮތް ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފައި ވާއިރު، އަބުރާ ބެހުނު ކަމުގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ މީހަކު އަދި މީޑިއާ އަކުން ނަމަ އެ މީޑިއާއެއް ޖޫރިމަނާކުރާނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ ޖަލު ހުކުމެއް އަންނާނެ އެވެ.
އާލާ ބުނީ ފައިސާ ނުދެއްކުމުގެ ސަބަބުން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އައި ކަމުގައި ވިއަސް އެއީ ހައްގުން ދިން އަދަބެއް ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ.
"ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އެއީ އަޅުގަނޑުގެ ސިކުނޑިއަށާއި ހިތަށް ގެންނަން ވަރަށް ވެސް ދަތި އެކަމަކު، ކެތްކުރެވިދާނެ ކަމެއް ނަމަވެސް އެއީ ނުހައްގު އަދަބެއް ކަމަށް ގަބޫލުކުރެވޭތީ އާއި މިކަމުގައިި ޒިންމާވާ އިތުރު ފަރާތްތަކެއް ހިމެނޭތީ އެކަން ހާމަކުރުމަށް މިއަދު އަޅުގަނޑު ހިތްވަރާއެކު ކުރިމަތި މިލަނީ އެތައް ބައެއްގެ ނުރުހުން އަމާޒުވާނެކަން އެނގި ހުރެ އެވެ،" އާލާ ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ހަބަރަށް ބޭނުންވާ މައުލޫމާތު އެއްކުރަން ހަތަރު ދުވަސް ވަންދެން މަސައްކަތް ކުރިކަން އާލާ ފާހަގަކޮށްފައިވެ އެވެ. އަބުރާ ބެހެވުނު ކަމަށް ބުނާ މީހާގެ ނަން ޚަބަރުގައި ނެތުމުން ނެތުމުން، ހަބަރު އެޑިޓްކުރި ނިއުސް ޑިރެކްޓަރު އާލާއާ އެ ސުވާލު ކުރި ކަމަށާއި ނަން އިތުރުކުރީ އެޑިޓްކުރި ފަރާތުން ކަމަށް އާލާ ބުންޏެވެ.
"ފުރިހަމަ ނަން ހިމަނާފައި ނެތުމުން، ހަބަރު އެޑިޓްކުރި ނިއުސް ޑިރެކްޓާ އެ ސުވާލުު ކުރުމުން އަޅުގަނޑު ދެންނެވީ މަސްލަހަތަށްޓަކައި ނަން ނުޖެހީ އޭނާގެ ބަހެއް އަދި ނުލިބޭތީ ކަމަށެވެ. އެހެން ނަމަވެސް ނަން ޖަހަންވާނެ ކަމަށް ވިދާޅުވެ، ނިއުސް ޑިރެކްޓަރު އަމިއްލައަށް ނަން ޖެއްސެވުމަށްފަހު ހަބަރު ޕަބްލިޝް ކުރެއްވީ އެވެ." ބަޔާނުގައިވެ އެވެ.
އާލާ ބުނި ގޮތުގައި މައްސަލާގައި މިހާތަނަށް އެއްޗެކޭ ނުބުނެ ހުރީ ރާއްޖެ ޓީީވީ އަށާއި އެ ސްޓޭޝަންގެ މުވައްޒަފުންނަށް ގަދަރުކުރާތީ އެވެ. ނަމަވެސް ދައުވާކޮށްދިނުމަށް އެދި ފޮނުވުމުން އެކަން އެންމެ ފުރަތަމަ ވެސް ހިއްސާކުރީ ރާއްޖެ ޓީވީގެ މެނޭޖްމަންޓާ ކަމަށާއި ދެއްކި ވާހަކަތަކުން އެ ސްޓޭޝަނުން ޒިންމާއެއް ނަގަން ތައްޔާރު ނޫންކަން އެނގުނު ކަމަށް އާލާ ބުންޏެވެ.
"އަދި އިންސާފު ހޯދައިދިނުމުގެ ވިސްނުމެއް ވެސް ނުނގެންގުޅޭކަން އެނގިގެން ދިއަ އެވެ،"
އަބުރު ހިމާޔަތްކުރުމުގެ ނަމުގައި ހެދި ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޖިނާއީ ދައުވާއަކާ ކުރިމަތިވި އާލާގެ ވާހަކަތަކާ ގުޅިގެން ރާއްޖެ ޓީވީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންޑުއަބުރު
16 April 2017
މަހިތަށް އަރާ އަބުރުގެ މުހިންމުކަން މީޑިއާތަކަށް އެނގޭނީ ކޮން އިރަކުން ބާއޭ! އިސްލާމް ދީނުގައި އެއް އަޚް އަނެއް އަޚެއްގެ އަބުރަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއް! އަބުރު ރައްކާކުރެވެން އޮތީ މި ގޮތަށް ކަމަށް ވަންޏާ މިހެން ވެސް ހަދަންވީ... އަހަރެން ގޮވާލަން މީސްމީހުންގެ އަބުރު މީޑިއާތަކުން ނަގާލާ ޖޫރިމަނާކުރުމުން އެޖޫރިމަނާ ދެއްކުމަށް ފާޑުފާޑު ގެ ނަންނަމުގަ ފަންޑުފޮށި ހުޅުވައިގެން ޢާންމު ރައްޔިތުން ފެލަމުންދާ ދިއުން ހުއްޓުވަން! ކޮންފަދަކަމެއްތަމީ
25
16 April 2017
ރާއްޖެ ޓީވީ އިން މީހުން އަތުން ސަލާން ޖަހައިގެން ލާރި ހޯދާފަ އެކުއްޖާ ފަކީރު ގެ ޖޫރިމަނާ ލާރި ނުދައްކާ އެ ޓީވީ ގެ ލާރި މިދެއްކީ. މަ ވެސް ދިނިން ލާރި އެފަނޑަށް މަ ހީކުރީ ޖޫރިމަނާ ކުރާ ސްޓާފުންގެ ލާރި ވެސް ދައްކާނެ ކަމަށް.
ތައްޚާނު
16 April 2017
މައްސަލައަކީ މަޖިލީހުން ފާސްކުރާ ތާކުންތާކު ނުޖެހޭ ގާނޫނުތަކުގެ މައްސަލައެވެ. ސަރުކާރުން ކަންތައްކުރާގޮތުގެ މައްސަލައެވެ. މިހާރު މިގައުމުގެ ކަންތައް ހުރިގޮތުން އަބުރުގުގެ ގާނޫނާއި ، ޓެރެރިޒަމްގެ ގާނޫނު ބޭނުން ކޮށްގެން ސަރުކާރުން ކުއްވެރި ކުރަން ބޭނުން ކޮންމެ މީހަކު ކުއްވެރި ނުވާނެ ގޮތެއް އެބައޮއްތޯއެވެ ؟ ދިވެހި ރައްޔިތުންނަޢް ލިބެމުންދާ އަނިޔާތަކަށް މަޖިލިސް މެމްބަރުން ޒިންމާ ނަގަންޖެހޭނެއެވެ. ރައްޔިތުންގެ މަޖިލީހޭ ކިޔަންވެސް ލަދުގަންނަން ޖެހޭނެއެވެ.
ބޭބެ
16 April 2017
މީ މިދައްކާ ވާހަކަ އަކީ ... އާލާ އެބުނަނީ ތެދުކަމުގައި ވާނަމަ މިކަމުގަ ޒިންމާ އެޑިޓަރު ފުރިހަމަ ނަގަން ޖެހޭ .... މިއީ ރާއްޖޭ ޓީވީ ގެ ފެންވަރަކީ ....
މީޑިޔާ
16 April 2017
ތިއަބުރުގެ ޤާނޫނު ހެދީވެސް ވަކި ޓީވީ ސުޓޭޝަނެއްގެ ބަޔަކު ޖޫރިމަނާކޮށް ޖަލަށްލާން.. ދެން އާލާ މައްސަލައިގަ ބުނަން އޮތީ މިނިވަން މީޑިޔާއަށް ސަރުކާރުން ހުރަސް އަޅާ ކަން ބޭރު ދުނިޔެއަށް ދެއްކުން އެއީ ވަރަށް ބޮޑުކަމެއް.. ދެން އަންހިން ނޫސްވެރިޔަކު މިސަރުކާރުން ލިޔުނު ޙަބަރަކާއި ގުޅިގެން ޖަލަށް ލުމަކީ މިސަރުކާރުގެ އަގުވެއްޓޭނެކަމެއް.. ދެން އާލާގެ ޖޫރިމަނާ ރާއްޖެ ޓީވީ ދައްކަދޭނެ.. އަދި އަލާ ފަންޑުގެ ނަމުގަ ފަންޑެއްވެސް ހުޅުވާނެ... އެކަމް ބޮޑު މަންޒަރު ބޭރުދުނިޔެއަށް ދައްކާލާފަ
ހުކުމް
16 April 2017
ނޫސްވެރިޔާ ސަލާމަތްކުރުމަކީ ރ ޓީވީ ގެ ޒުއްމާއެއް.
މިރު
16 April 2017
އެއީ ދިވެހި ދައުލަތުގެ ަޒިންމާއެއް . މިފަދަ ގާނޫނު ތައް ހެދިގެން ނުވާނެެ
ދިވެހިދަރި
16 April 2017
މިއަކީ ރާއްޖެޓީވީގައި އެކަނި ހިނގާ ކަމެއް ނޫން. ސަރުކާރު އަދި އަމިއްލަ އެކިއެކި ކުންފުނިތަކުގައި ފްރަންޓްލައިންގައި މަސައްކަތް ކުރަންތިބޭ ޖޫނިއަރ މުވައްޒަފުންގެ ބޮލަށް ކަންކަންޖެހުމަކީ އަޅުގަނޑުމެންތެރޭ އާއްމު ކަމެއް. އަޅުގަނޑަކީ މީޑިއާއެއްގައި ދުވަހަކުވެސް މަސައްކަތް ކުރި މީހެއްނޫން. އެކަމު ލިޔެފަ ދޭ ހަބަރެއް އެޑިޓްވެސް ކުރެވިގެން ޓެލެކާސްޓިންއާ ހިސާބަށް ގޮސް އެ ހުށަހެޅީމަ ހަމައެކަނި ހުށަހެޅި މީހާ ޒިންމާ ކުރުވުން އެއީ އެކަން ޒިންމާދާރުކުރުވާ ބަޔަކުގެވެސް ދޯދިޔާކަން ކަން އަޅުގަނޑަށްވެސް އިނގޭ.
ފަޅުވެރިން
15 April 2017
ތިޔައިންވެސް އެނގެނީ މިނިވަން ނޫސްވެރިކަމޭ ކިޔައިގެން އަޑުއުފުލާ މީހުންގެ ވިޔާނުދާކަން. ނޫސްވެރިޔާ އަމިއްލައަށް ޒިންމާ ނަގަން ނުޖެހޭ ކަމެއްގައިވެސް ސްޓޭޝަނުން އެތިބީ އަޅައިވެސް ނުލާ އޭނައަށް ވާގޮތެއްވާން ދޫކޮށްލާފައި. ރާޓީވީ ފަދަ ތަންތަނުގައި ވަޒީފާ އަދާކުރުމާމެދު ކޮންމެ މީހަކުވެސް ވިސްނަންޖެހޭ ފަދަ ކަމެއް ތިޔައީ! ސްޓޭޝަނުގެ ބޭނުން ފުދުނީމާ ކެޔޮކައިފައި ތޮށިގަނޑު އެއްލައިލާ ބީދައިން މުއައްޒަފު ފަކީރު ގޮނޑަށް އެއްލާލަނީ! ހެޔޮނުވާނެ! ޑިމޮކްރެސީގެ ނަޢުރާ އުފުލާ މީހުންގެ އިޚްލާޞްތެރިކަމެއް ނެތްކަން ތިޔައިންވެސް ސާބިތުވަނީ!
ބޯލަބޭ
15 April 2017
ތިޔަ ކަމުގަ ޢާލާ ގެ ވިސްނުން ވަރަށް މޮޅު. ރާއްޖެ ޓީވީ ބޮލަށް ތިޔަ މައްސަލަ ކަނޑާލުމުން ގާތްގަނޑަކަށް ތިޔަމަޅިން ސަލާމަތްވީހެން ހީވަނީ. އަޅެ ބަލަންތިބެމާދޯ؟
އަބުރު
15 April 2017
ރާއްޖެ ޓީވީން ކުރި ކަމެއްކަން އެނގެން އޮތް ކަމެއްގައި ބޮލައް ކަނޑަނީ ކީއްކުރަން. ބޮލަށް ނުކެނޑިއަސް ރާއްޖެޓީވީން ޒިންމާވާން ޖެހޭނެ.
ކަލޯ
15 April 2017
ބަލަ އަބުރަކީ އެހެން މީހަކު ރައްކާތެރި ކޮށްދޭންޖެހޭ އެއްޗެއްނޫނޭ. .މިހާރު އޮތް ޗަރުކޭސް ކޮމިޝަނަށް އެގެނީ އެހެންމީހުންގެ ހައްގުތަކަށް އަރައިގަންނަންަ.