ކުޅިވަރު / އިނގިރޭސި އެފްއޭ ކަޕް

ޓޮޓެންހަމަކީ އާދައިގެ ޓީމެއް ކަމަށް ނުދެކެން: ކޮންޓޭ

ލަންޑަން (އޭޕްރިލް 22) - ޓޮޓެންހަމް ހޮޓްސްޕާސް އަކީ އާދައިގެ ޓީމެއްގެ ގޮތުގައި މިހާރު ނުދެކޭ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކުރަމުން އަންނަ ޗެލްސީ އާއި ޓޮޓެންހަމް މިރޭ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ބައްދަލުކުރާނެ އެވެ. މިދިޔަ އަހަރު ވެސް ލީގަށް ވާދަކުރި ޓޮޓެންހަމަކީ ކޮންޓޭ ގަބޫލުކުރާ ގޮތުގައި އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ.

"ޓޮޓެންހަމަކީ އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއް. މިދިޔަ ތިން އަހަރެއްހާ ދުވަހަށް ބެލިޔަސް އެ ޓީމުން އަންނަނީ އަހަރަކަށް ފަހު އަހަރެއް ކުރިހޯދަމުން،" މިރޭގެ މެޗުގެ ކުރިން ކޮންޓޭ ބުންޏެވެ.

ކޮންޓޭ ސިފަކުރާ ގޮތުގައި ޓޮޓެންހަމުން މިހާރު ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެއް ކަމަށާއި ފުޓްބޯޅައިގައި ކާމިޔާބު ލިބޭނީ ވަގުތީ ފައިދާ އަށް ވުރެން ބޮޑަށް މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ.

"ޓޮޓެންހަމުން އަބަދުވެސް ވިސްނަމުންދަނީ ކުރިއަށް. ޒުވާން ކުޅުންތެރިން ގަނެގެން ޓީމެއް ބިނާކޮށްގެން ކުރިއަށްދިއުން އެންމެ މޮޅު ގޮތަކީ. ޓޮޓެންހަމްގައި ތިބި ގިނަ ކުޅުންތެރިން އެ ޓީމުގައި މަޑުކޮށްފިނަމަ އެހެން ޓީމުތަކުން ޓޮޓެންހަމް ދެކެ ޖެހިލުންވާން ޖެހޭނެ،" ކޮންޓޭ ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ކޮންޓޭ އަށް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނުފެނުނު ކީޕަރު ތިބައު ކޯޓުއާ އަށް ކުޅެވުމެވެ. ކޯޓުއާގެ ކުޑަހުޅަށް އަނިޔާވީ އިޝްތިހާރެއް ކުޅެން ބާސްކެޓްބޯޅަ ކުޅެން އުޅުމުގެ ތެރެއިންނެވެ.

"އިޝްތިހާރަކީ ވެސް ކްލަބަށް މުހިއްމުކަމެއް. އަހަރެން އެ ވާހަކަ އިތުރަށް ދައްކަން ނެތިން. އެއީ މި ވަގުތަށް ބަލާއިރު އެންމެ މުހިއްމު ކަމަކީ މި މެޗަށް ނުކުންނައިރު ކޯޓުއާ ފިޓްކޮށް ހުރުން،" ކޮންޓޭ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އިނގިރޭސި ޕްރިމިއާ ލީގަށް ބަލާއިރު ގަދަ ހަތަރަކީ ކާމިޔާބެއް ކަމަށެވެ.

"ވާދަވެރިކަމަށް ބަލާއިރު މި ވަގުތަށް ޓޮޓެންހަމަށް ގަދަ ހަތަރަކީ ކާމިޔާބެއް. އެކަމަކު އަހަރެމެން ތަށި ވެސް ބޭނުން. އެފްއޭ ކަޕަކީ އަހަރެމެންގެ ފެށުމަކަށް ހެދިދާނެ،" ޕޮޗެޓީނޯ ބުންޏެވެ.

އޭނާ ބުނީ ޓޮޓެންހަމުން މިސާލު ނަގަންވީ އެތުލެޓިކޯ މެޑްރިޑްގެ ކިބައިން ކަމަށެވެ.

"އެތުލެޓިކޯ އަކީ ޓޮޓެންހަމަށް ރަނގަޅު މިސާލެއް. ދުނިޔޭގެ އެންމެ ވަރުގަދަ ދެ ކްލަބް ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އޮތް ލީގެއްގައި. ސިމިއޯނީގެ ކޯޗުކަމުގައި އެތުލެޓިކޯ އިން އެ ހޯދާ ކާމިޔާބީ ޓޮޓެންހަމަށް ޕްރިމިއާ ތަކުރާރުކުރެވިދާނެ. ބޭނުންވަނީ ރަނގަޅު ޕްލޭނަކާ އެކު މަސައްކަތް ކުރުން،" އެސްޕަންޔޯލާ އެކު ސްޕެނިޝް ކަޕް ދެ ފަހަރު ހޯދި ޕޮޗެޓީނޯ ބުންޏެވެ.

އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި މިރޭ ޓޮޓެންހަމާއި ޗެލްސީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:15 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454