އާސެނަލްގެ ސަންޗޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
24 އެޕްރީލް 2017 - 09:16
ލަންޑަން (އޭޕްރިލް 24) - އަލެކްސިސް ސަންޗޭޒްގެ ލަނޑުން ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އާސެނަލް ހޯދައިފި އެވެ.
އަންނަ މަހު 27 ގައި ކުޅޭ ފައިނަލުގައި އާސެނަލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. މިއީ އާސެނަލް އެފްއޭ ކަޕް ފައިނަލުން ޖާގަ ހޯދި 20 ވަނަ ފަހަރެވެ. މިއީ ރެކޯޑެކެވެ. އަދި އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމެވެ. މި ދެ ޓީމުން ވަނީ މި މުބާރާތް 12 ފަހަރު ކާމިޔާބު ކޮށްފަ އެވެ.
އާސެނަލަށް ފަހަކަށް އައިސް ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ޓީމުގެ ކޯޗު އާސެން ވެންގާ އާއި ގިނަ ކުޅުންތެރިންތަކެއްގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެކަމު ރޭގެ މޮޅާ އެކު އެ ޓީމުގެ ކަންތައްތައް ހަމައަކަށް އެޅޭނެ ކަމަށް މެޗަށް ފަހު ވެންގާ ވެސް ވަނީ ބުނެފަ އެވެ.
"ފާޑުކިޔުންތަކާ ދެކޮޅަށް ކުޅުންތެރިން ނުކުމެ ކުރި ހިތްވަރު ފެނިއްޖެ. އަހަރެން ބޭނުމެއް ނޫން ކްލަބްގައި އަހަރެންގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކަން. ބޭނުންވަނީ މި ސީޒަނުގައި ވެސް ކާމިޔާބު ހޯދޭތޯ މަސައްކަތް ކުރަން،" ވެންގާ ބުންޏެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ސިޓީންނެވެ. މެޗުގެ 62 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ސާޖިއޯ އަގުއޭރޯ އެވެ. އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި ނަޗޯ މޮންރެއާލް އެވެ.
ސަންޗޭޒް އާސެނަލް މޮޅުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފްގަ އެވެ. މެޗުގެ 101 ވަނަ މިނިޓްގައި މެސުޓް އޮޒިލް ހިލޭޖެހުމަކުން ނަގައިދިން ބޯޅަ އޭރިއާ ތެރެއިން ލިބުމުން ސަންޗޭޒް ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އެފްއޭ ކަޕުން ކެޓުމާ އެކު މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާ ފުރަތަމަ ސީޒަން ހުސްއަތާ ނިންމާލުމުގެ ބިރުވަނީ ބޮޑުވެފަ އެވެ. އެ ޓީމު ވަނީ އިނގިރޭސި ލީގު ކަޕާއި ޗެމްޕިއަންސް ލީގުން ވެސް ކަޓައިފަ އެވެ. އަދި ޕްރިމިއާ ލީގު ހޯދުމުގެ ވެސް އަމިއްލަ ބާރު އެ ޓީމަށް ނެތްއިރު އޮތީ ވަރަށް ހަނި ފުރުސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނުއަލިފް
24 April 2017
ވެންގާބޭ އަދި މަރެއްނުވޭ! ވެންގާބޭ އަދި މަރެއްނުވޭ.
ރީތިރަށް
24 April 2017
ކެކެކެކެ،، ފައިނަލަށް ގޮސްގެން ރެކޯޑު ހަދާ ބަޔަކާ އަދި މިދިމާވީ...... ދުވަހަކުވެސް ތައްޓެއްގަ އަތްލާކަށް ނުލިބޭ،،، ވެންގާ އިސްތިއުފާ....
ސިންދު
25 April 2017
"އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމެވެ. މި ދެ ޓީމުން ވަނީ މި މުބާރާތް 12 ފަހަރު ކާމިޔާބު ކޮށްފަ އެވެ." މިލިއުމުގަި ހިމަނާފައިވާ މިޔަންކޮޅު ނުފެނުމަކީ އެއީ މައްސަލައެއް. ލޮލަކށް ނުގޮވަން
އަހުމަދުބެ
24 April 2017
ވެންގާ ބޭރު ކުރަން ޖެހޭ ވަގުތު ޖެހިއްޖެއެވެ.