27 އެޕްރީލް 2017 - 10:22
މިއުނިކް (އޭޕްރިލް 27) - ޖަރުމަނު ކަޕް ސެމީ ފައިނަލްގައި ބަޔާން މިއުނިކް 3-2 އިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ ޖަރުމަނު ކަޕް ފައިނަލަށް ޖެހިޖެހިގެން ޑޯޓްމަންޑް ދަތުރުކުރި ހަތަރު ވަނަ އަހަރެވެ. މިއީ ރެކޯޑެކެވެ. މިދިޔަ ތިން ފައިނަލުގެ ތެރެއިން ދެ ފައިނަލުން ބަޔާން އަތުން ބަލިވިއިރު، އަނެއް ފަހަރު ބަލިވީ ވުލްފްސްބާގް އަތުންނެވެ.
އަންނަ މަހު 27 ގައި ކުޅޭ ޖަރުމަނު ކަޕް ފައިނަލުގައި ޑޯޓްމަންޑް ބައްދަލުކުރާނީ އެއިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށެވެ.
ރޭގެ މެޗުން ބަލިވުމާ އެކު ކާލޯ އަންޗެލޮޓީގެ ބަޔާން މިއުނިކަށް ވަނީ ޖަރުމަނުގެ ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު ވަނީ ދާދި ފަހުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ކަޓައިފަ އެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ޑޯޓްމަންޑުންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ މާކޯ ރެއުސް އެވެ. އޭގެ އަށް މިނިޓް ފަހުން ބަޔާނަށް އެއްވަރުކޮށްދިނީ ހަވީ މާޓިނޭޒް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނަށް ލީޑުނަގައިިދިނީ ކުރިން ޑޯޓްމަންޑަށް ކުޅުނު މެޓް ހަމެލްސް އެވެ.
ޑޯޓްމަންޑަށް މެޗުގެ 69 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް އެވެ. އޭގެ ފަސް މިނިޓް ފަހުން ޑޯޓްމަންޑް މޮޅުކޮށްދިން ލަނޑު ޖެހީ ޒުވާން މިޑްފީލްޑަރު އޮސްމާން ޑެމްބެލޭ އެވެ.
ޑޯޓްމަންޑް އެންމެ ފަހުން ހޯދި ކާމިޔާބީ އަކީ 2011-2012 ވަނަ އަހަރު ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ޖަރުމަނު ލީގާއި ކަޕް އެވެ. ރޭގެ މެޗަށް ފަހު ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިއީ ތަށްޓެއް ހޯދުމަށް ކުރަމުން އަންނަ އިންތިޒާރަށް ނިމުމެއް ގެނެވޭނެ ފަހަރެއް ކަމަށެވެ.
ބަޔާން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ. އެ ޓީމުގެ ކޯޗު އަންޗެލޮޓީ ބުނީ މި ހާލަތުން އަރައިގަންނަން ކުރިއަށް ހުރި މެޗުތަކުން ދެ ގުނަ މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
27 April 2017
ބުންޑަސްލީގާގެ ވާދަވެރި ހުރިހާ ޓީމެެއް ސުންނާފަތި ކޮށްލައި ދުނިޔޭގަ ތިބި މޮޅެތި ކުޅުންތެރިންތަކަކާ މިވަގުތު ދުނިޔޭގަހުރި އެންމެ މޮޅު އެެއް ކޯޗް ލައިގެންވެސް މިބައިގަނޑަށްވާ ކަމެއް ނޯވޭ، ބޮޑުޚަރަދު ކޮށްގެން މިލިބެނީ ބުންޑަސްލީގާ އެކަނި