ކުޅިވަރު / މާލޭ ލީގް 2017

ވެލެންސިއާ ބަލިކޮށް ވިކްޓަރީ ހަމަނޭވާއެއްލައިފި

ވިކްޓަރީގެ ސަޑޭ (ކ) ގޯލަށް ބޯޅަ ފޮނުވާލާއިރު ވެލެންސިއާގެ ކުޑައްޓޭ ހުރަސް އަޅަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާ 3-1 އިން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ހަމަ ނޭވާއެއްލީއިރު، ވެލެންސިއާ ހާސްކަމެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ބޮޑު ހަރަދެއްކޮށް އާ ސީޒަނާ ކުރިމަތިލީ ވިކްޓަރީ ލީގުގައި ހޯދި ފުރަތަމަ މޮޅާ އެކު މިވަނީ ފަސް ޕޮއިންޓް ހަމަކޮށް ހަ ވަނަ އަށް ޖެހިލައިފަ އެވެ. މިއީ ގަދަ ހަތަރެއްގެ ތެރޭ ހިމެނި ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދުމަށް ވިކްޓަރީން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އުއްމީދެކެވެ. އަނެއްކޮޅުން ވެލެންސިއާ އެންމެ ޕޮއިންޓަކާ އެކު ފުލުގައި އޮތްއިރު އެ ޓީމުގެ ފުރުސަތު މިވަނީ ހަނިވެފަ އެވެ.

މި ބުރުގައި ވިކްޓަރީއަށް ދެން އޮތީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗެވެ. ވެލެންސިއާ އަށް އޮތީ ގަދަގަދަ މާޒިޔާގެ މެޗެވެ. ޕްރިމިއާ ލީގުން ފުރުސަތު ލިބޭނީ ދެ ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

ކުރިއަށް ދިއުމަށް މިރޭ މޮޅުވުން މަޖުބޫރު ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން މެޗުގެ ކުރިން ބުނިއިރު އެ ޓީމުން މެޗު ފެށީ ވެސް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. އެގޮތުން ފުރަތަމަ 20 މިނެޓުގެ ތެރޭގައި ހަތަރު ފުރުސަތު ހޯދި އެވެ.

އެންމެ ފުރަތަމަ މުހައްމަދު ރިސްވާން އަރިމަތިން ނެގި ނުރައްކާތެރި ހުރަސް ގޯލްކުރިމަތިން ހުރަސްވެގެން ދިޔައިރު، އޭރިއާ ތެރެއިން ކެރިޗް އަންދްރޭ އަށް ހުސްކޮށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.

އޭގެ ފަހުން 15 ވަނަ މިނެޓުގައި އިސްމާއިލް އާއި އަހުމަދު ނިޔާޒް އުފެއްދި ފުރުސަތެއްގައި އޭރިއާ ތެރެއިން ހަސަން އަދުހަމް (ސަޑޭ) ޖެހި ބޯޅަ ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ.

ވެލެންސިއާގެ އަހުމަދު ރިލުވާން (ރިލޭ) 28 ވަނަ މިނެޓުގައި ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވެ. އެކަމަކު އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް މަތަކުރި އެވެ.

ދެން ފެނިގެން ދިޔައީ ވިކްޓަރީން ލީޑު ނެގި ތަނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ވިކްޓަރީގެ އުއްމީދީ ޑިފެންޑަރު އަލީ ޝާމިސް ނެގި ހުރަސް، އޭރިއާ ތެރެއިން ބޮލުން ގޯލަށް ވައްދާލީ ކެރިޗެވެ.

ވިކްޓަރީގެ ސާގިބް (ކ) އާއި ވެލެންސިއާގެ ފުހެއިދު ބޯޅައަށް މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ވެލެންސިއާގެ އޮމަޑޫ ގޮޑްފްރޭ ވެސްޓް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ އޭނާ ގޯލުގެ އެތެރެއަށް ވައްދާލީ ބޭރު ރޮނގު ކައިރިން ޖަހަ އެވެ.

މި ގޯލާ އެކު ވެލެންސިއާ އިން ހަމަލާތައް އިތުރަށް ވަރުގަދަކުރި އެވެ. އެގޮތުން ވެސްޓް ވަނީ ވިކްޓަރީގެ ގޯލަށް ނުރައްކާތެރި ދެ ބޯޅަ އަމާޒުކޮށްފަ އެވެ. އެކަމަކު ދެ ބޯޅަ ވެސް ޔޫސުފް މަތަކުރި އެވެ.

ވެލެންސިއާ ކުރިއަށް ޖެހިފައި އޮއްވާ ވިކްޓަރީން ވަނީ 58 ވަނަ މިނެޓުގައި އަލުން ލީޑު ނަގައިފަ އެވެ. ރިސްވާން ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ގޯލަށް ވައްދާލީ އީސަ އެވެ. ވިކްޓަރީގެ ތިން ވަނަ ލަނޑަކީ 65 ވަނަ މިނެޓުގައި ވެލެންސިއާގެ ކެޕްޓަން އަހުމަދު ޝާފިއު (ޝާފީ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޝާފީ ކައިރިން ނައްޓާލުމަށް ފަހު ކެރިޗް ބޯޅަ ގޯލާ ދިމާލަށް ޖަހަން އުޅެނިކޮށް، އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލަން ޝާފީ ޖެހުމުން ގޮސް ވަނީ ގޯލުގެ ތެރެއަށެވެ.

މެޗުގެ ފަހުބައިގައި ވެލެންސިއާ އަށް ކުރިއަށް ޖެހިގެން ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް އެކަށީގެންވާ ފުރުސަތެއް ނުލިބުނެވެ. އަނެއްކޮޅުން ވިކްޓަރީން ކައުންޓާ އެޓޭކުގައި ވެލެންސިއާ އަށް ބާރުބޮޑުކުރި އެވެ.

ވިކްޓަރީގެ ކޯޗު ސުޒޭން ބުނީ މޮޅެއް ނުލިބި އެތައް ދުވަހެއް ވުމަށް ފަހު މިރޭ މި ލިބުނު މޮޅަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް މި ލިބުނީ. މޮޅުވުމުގެ އިތުރުން ވަރަށް ރަނގަޅު އެޓޭކްތަކެއްކޮށް ގިނަ ފުރުސަތުތަކެއް ވެސް ހޯދި. މިއީ ގަދަ ހަތަރަކަށް އަރަން ލިބުނު މުހިއްމު ތިން ޕޮއިންޓް. ކުރިއަށް އޮތް ޔުނައިޓެޑް ވިކްޓަރީ މެޗުން ތިން ޕޮއިންޓް ހޯދުމަށް ކެތްމަދުވެފައި މިތިބީ،" ސުޒޭން ބުންޏެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި ދިމާވާ މައްސަލައަކީ ލިބޭ ފުރުސަތުތައް ނިންމާނުލެވުން ކަމަށެވެ. އަދި މި ނަތީޖާއާ އެކު ގަދަ ހަތަރެއްގެ ފުރުސަތު ވަރަށް ހަނިވެއްޖެ ކަމަށާއި ވެއްޓިގެން މިދިޔައީ އުނދަގޫ ފައްތަރަކަށް ކަމަށް އޭނާ ބުންޏެވެ.

1 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 14%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނޫނުއަލިފް

02 May 2017

ސުޒޭނަށް ލައްކަ އެއްޗެތި ތި ލިބުނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454