ވީޑިއޯ ގޭމްގެ ވިޔަފާރި އަންނަނީ ވަރަށް ބާރަށް ކުރިއަރަމުން. --- ފޮޓޯ: ހަފިންގްޓަން ޕޯސްޓް.
02 މެއި 2017 - 05:58
މުޅި ދުނިޔޭގައި ވީޑިއޯ ގޭމްގެ ވިޔަފާރީގެ ފައިދާ މި އަހަރު 108.9 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ތަފާސް ހިސާބުތައް އެއްކުރާ ނިއުޒޫ އިން ބުނެފި އެވެ.
ނިއުޒޫ އިން ބުނީ މި ފައިދާގެ 42 ޕަސަންޓަކީ މޯބައިލް ފޯނާއި ޓެބްލެޓް ގޭމްތަކުން ލިބޭނެ ފައިދާ ކަމަށެވެ. އެއީ 46.1 ބިލިއަން ޑޮލަރެވެ.
ނިއުޒޫ އިން މިގޮތަށް ލަފާކޮށްފައި ވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސް ހިސާބަށް ބިނާކޮށެވެ. އެމީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ތިން އަހަރު ތެރޭ ގޭމް ވިޔަފާރީގެ ދެބައި ކުޅަ އެއްބައި ފައިދާ އަކީ ސްމާޓް ފޯނާއި ޓެބްލެޓް ގޭމްތަކުގެ ސަބަބުން ލިބޭ ފައިދާއަށް ވާނެ އެވެ.
ގޭމް ވިޔަފާރީގެ ފައިދާ ނިއުޒޫ އިން އަންދާޒާކޮށްފައިވާ ގޮތް ދައްކައިދޭ ޗާޓެއް. -- ނިއުޒޫ
ނިއުޒޫގެ "ގްލޯބަލް ގޭމްސް މާކެޓް ރިޕޯޓް" ގައި ބުނާ ގޮތުން ގޭމް ގަންނަ މީހުންގެ އަދަދު 2.2 ބިލިއަނަށް މިހާރު ވަނީ އަރައިފަ އެވެ. މި އަހަރުގެ ގޭމް ވިޔަފާރި މިދިޔަ އަހަރަށް ވުރެ 7.8 ޕަސެންޓް ކުރި އަރާނެކަން ޔަގީން ކަމަށް ނިއުޒޫގެ ރިޕޯޓުގައިވެ އެވެ.
ގޭމް ވިޔަފާރިން އެންމެ ބޮޑު ފައިދާއެއް ހޯދަނީ އޭޝިއާ ޕެސިފިކް ސަރަހައްދުންނެވެ. މި އަހަރު ގޭމް ވިއްކައިގެން ޗައިނާއަށް 27.5 ބިލިއަން ޑޮލަރު ފައިދާ ހޯދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިދިޔަ އަހަރު ދުނިޔޭގެ ގޭމް ވިޔަފާރިން 101.1 ބިލިއަން ޑޮލަރުގެ ފައިދާ ހޯދި އެވެ. ފޯނު ގޭމްތަކަށް ކުރިއެރުން ލިބި، ޕީ.ސީ ގޭމްތަކުން ލިބޭ ފައިދާ ދަށަށް ދިޔަ އެވެ. ނަމަވެސް ކޮންސޯލް ގޭމްތަކުގެ ވިޔަފާރި ދާދި އެއްވަރެއްގައި ހުރީ ހިފެހެއްޓިފަ އެވެ. ޑިޖިޓަލް ގޭމްގެ ޑިމާންޑް މައްޗައް ދިޔަ ނަމަވެސް، ކޮންސޯލް ގޭމްގެ ޑިމާންޑް މި އަހަރު މާ ބޮޑަށް ވެއްޓޭނެ ކަމަކަށް ނުބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާއިލް
02 May 2017
ރާއްޖޭގައިވެސް ގޭމް އުފައްދާ ކުންފުންޔެއް ހަދާނަމަ