މިސްރުގެ ސާއިދު މުހައްމަދު އޭނާ ތައްޔާރު ކުރި މުސްހަފު ކައިރީ. --ފޮޓޯ:ރޮއިޓާސް
04 މެއި 2017 - 12:26
ގާހިރާ (މެއި 4) - ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މަސައްކަތުން 700 މީޓަރުގެ ދިގު މުސްހަފެއް އަތުން ލިޔެ މިސްރު މީހަކު ދުނިޔޭގެ ރެކޯޑެއް ހަދަން ތައްޔާރުވެއްޖެ އެވެ.
ސްކޫލުން ކަނޑާލި އާދައިގެ ދަރިވަރެއް ނަމަވެސް، އަތު ލިޔުމަށް މޮޅު ސާދު މުހައްމަދު ވަނީ ގުރުއާންގެ އާޔަތްތައް 700 މީޓަރު (2،296 ފޫޓު) ދިގު މިނުގައި ކަރުދާހުގައި ލިޔެފަ އެވެ. މިއީ 381 މީޓަރުގެ އުސް އެމްޕަޔާ ސްޓޭޓް ބިލްޑިންގެ ގާތްގަނޑަކަށް ދެ ގުނަ އުސް މިނެވެ. ގާހިރާގެ އުތުރުގައި ދިރިއުޅޭ މުހައްމަދު މި މަސައްކަތަށް ޚަރަދުކޮށްފައި ވަނީ އޭނާ އަމިއްލަ އަށެވެ.
މިސްރުގެ ސާއިދު މުހައްމަދު އޭނާ ތައްޔާރު ކުރި މުސްހަފު ކައިރީ. --ފޮޓޯ:ރޮއިޓާސް
މުހައްމަދު ގަބޫލް ކުރާ ގޮތުގައި އޭނާގެ މަސައްކަތް ދުނިޔޭގެ ރެކޯޑް ފޮތަށް އަރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އެކަމަކު އެކަން ކާމިޔާބު ކުރުމަށްޓަކައި ގިނިސް ވޯލްޑް ރެކޯޑްސް އަށް ހުށަހަޅަން ކޮންމެވެސް ބަޔަކު އެހީވާން ޖެހޭ ކަމަށް މުހައްމަދު ބުނެ އެވެ.
"މިއީ 700 މީޓަރު ދިގު މުސްހަފެއް. އެއީ ވަރަށް ގިނަ ކަރުދާސް،" ރޮއިޓާސް ޓީވީ އަށް މުހައްމަދު ބުންޏެވެ. "މި ކަމަށް ޚަރަދު ކުރީ އަޅުގަނޑު އަމިއްލަ އަށް. އަޅުގަނޑު އަތުގައި މާ ގިނަ ފައިސާއެއް ނެތް. މިއީ ހަމަ އެވްރެޖް މީހެއް."
މިސްރުގެ ސާއިދު މުހައްމަދު އޭނާ ތައްޔާރު ކުރި މުސްހަފު ކައިރީ. --ފޮޓޯ:ރޮއިޓާސް
ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނީ ޕްރިންޓްކޮށްފައިވާ އެންމެ ބޮޑު މުސްހަފުގެ ރެކޯޑެއް އޮތް ނަމަވެސް އަތުން ލިޔެފައިވާ އެންމެ ބޮޑު މުސްހަފުގެ ރެކޯޑެއް މިހާތަނަށް އެކަކު އަތުގައި ވެސް ނޯންނަ ކަމަށެވެ.
- ދުނިޔޭގައި މިހާރު އޮތް އެންމެ ގިނަ ދުވަސްވީ މުސްހަފުގެ ގޮތުގައި ބެލެވިފައި ޚަލީފާ އުސްމާންގެފާނުގެ ޒަމާނުގައި ލިޔުއްވި މުސްހަފެއް. މި މުސްހަފުގެ 705 ސަފުހާ މިހާރު އޮތީ އުޒްބެކިސްތާނުގައި.
މިސްރު މީހަކު އަތުން ލިޔެ ތައްޔާރު ކުރި މުސްހަފުގެ ލިޔުން. --ފޮޓޯ:ރޮއިޓާސް
- އަތުން ލިޔެފައިވާ އެންމެ ބޮޑު މުސްހަފު އަފްޣާނިސްތާނުން 2012 ވަނަ އަހަރު ވަނީ ދައްކާލާފައި. އެ މުސްހަފުގެ ދިގު މިނުގައި 3.2 މީޓަރު އަދި ފުޅާ މިނުގައި 1.55 މީޓަރު އަދި 218 ސަފުހާ ހިމެނޭ. މި މުސްހަފް ވަނީ 21 ބަކަރީގެ ހަމުން ތައްޔާރުކޮށްފައިވާ ކަވަރަކަށް ލާފައި. ގާތްގަނޑަކަށް 500 ކިލޯގެ ބަރު ދަނުގެ މި މުސްހަފު ތައްޔާރު ކުރަން ފަސް އަހަރު ހޭދަވި. ނަމަވެސް ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފައެއް ނުވޭ.
މިސްރު މީހަކު އަތުން ލިޔެ ތައްޔާރު ކުރި މުސްހަފުގެ ލިޔުން. --ފޮޓޯ:ރޮއިޓާސް
- އެންމެ ކުޑަ މުސްހަފުގެ ގޮތުގައި އެއްވެސް ފަރާތަކުން ހުށަހަޅައިފައެއް ނުވޭ. ނަމަވެސް ޔޫއޭއީ މީހަކު 2012 ވަނަ އަހަރު ވަނީ 5.1 ސެންޓިމީޓަރު ދިގު، 8 ސެންޓިމީޓަރު ފުޅާ އަދި 550 ސަފުހާގެ މުސްހަފެއް އޮތް ކަމަށް ބުނެފައި. އަދި އެއީ ދުނިޔޭގެ އެންމެ ކުޑަ މުސްހަފު ކަމަށް ބުނެފައިވޭ. ގުދުސް އިން ލިބުނު ކަމަށް ބުނާ އެ މުސްހަފަށް 400 އަހަރުވެފައިވާ ކަމަށް ބުނޭ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy