ވެމްކޯއިން ކުނި އުކާލުމަށް ގެނައި ޓްރަކުތަކެއް. އެ ކުންފުނިން ވަނީ ހުޅުމާލޭގައި ކުނި އުކާ ދިނުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
14 މެއި 2017 - 10:49
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މުޅި ހުޅުމާލެ އިން ކުނި އުކައިދިނުމުގެ ހިދުމަތް ފަށަން ނިންމައި، އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވެމްކޯ އިން ބުނި ގޮތުގައި ކުރިއަށް އޮތް ހަތަރު ދުވަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އޭގެ ފަހުން ވެމްކޯގެ އޮފީހާއި ވެބްސައިޓުގެ އިތުރުން އެޗްޑީސީން ވެސް ރަޖިސްޓްރީ ފޯމު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.
އެޗްޑީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ފާތިހު ވިދާޅުވީ މި މަހުގެ 21 އިން ފެށިގެން ހުޅުމާލޭގައި ކުނި އުކާ ދިނުމުގެ ހިދުމަތް ފަށާނެ ކަމަށެވެ. އެކަމުގެ ބޭނުމަކީ އެހެން ތަންތަނެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް އެއް އުސޫލެއްގެ ދަށުން، އެއް ކުންފުންޏެއް މެދުވެރިކޮށް ހަރުދަނާ ގޮތެއްގައި ކުނި މެނޭޖް ކުރެވޭނެ ނިޒާމު ގާއިމު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ހުޅުމާލޭގައި އުޅޭ އާންމުންގެ އެއްބާރުލުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ވެމްކޯ އިން ކުނި އުކާދިނުމުގެ ހިދުމަތް ފެށުމާއެކު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބަހައްޓާފައި ހުރި ޑަސްބިންތައް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޗައިނާ ފްލެޓްތައް ހުންނަ ނިރޮޅުމަގުގައި ހުންނަ ޑަސްބިނާއި ހިތިގަސް މަގުން ސިންތެޓިކް އެތުލެޓިކްސް ޓްރެކް ކައިރީ ހުންނަ ޑަސްބިނެވެ.
ވެމްކޯ އިން ހިދުމަތް ހޯދަން ބޭނުންނުވާ ފަރާތްތަކުން ދެން ޖެހޭނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ކުރިމަތީގައި ހުންނަ ބޮޑު ގޮނޑަށް ކުނި އުކާލާށެވެ. އެޗްޑީސީން ވެސް ބުނި ގޮތުގައި ހުޅުމާލޭގައި އުޅޭ އާންމުންނަށް އޮތީ ރަޖިސްޓްރީވުން ނުވަތަ ހުޅުމާލެ ބޮޑު ގޮނޑަށް ކުނި އުކާލުމެވެ. ހުޅުމާލެ ބޮޑު ގޮނޑު ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގަ އެވެ.
ކުނި އުކާލުމުގެ ހިދުމަތް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް އެޗްޑީސީގައި ބެހެއްޓި ޑެސްކެއް. - ފޮޓޯ: މިހާރު
ވެމްކޯ އިން ވަނީ ވީހާ ވެސް އަވަހަކަށް އާންމުން ރަޖިސްޓްރީ ކުރަން އެދިފަ އެވެ. އަދި ހުޅުމާލޭން ކުނި އުކާލަދޭނީ މާލޭގައި ވެސް އެކަން ކުރަމުން އަންނަ އުސޫލުން އެއް އަގެއްގައި ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ވެމްކޯ އިން ކުނި އުކައިދޭން ނަގަނީ ގޭބިސީއަކުން މަހެއްގެ މައްޗަށް 150ރ. އެވެ. އިމާރާތަކުން ނަމަ 100ރ. އެވެ. ވިޔަފާރިކުރާ ތަންތަނުން ކުނި އުކައިދެނީ ޑަސްބިންގެ ސައިޒުން ލީޓަރަކަށް 10ރ.ގެ މަގުންނެވެ. އެއީ މިސާލަކަށް 10 ލީޓަރުގެ ޑަސްބިންއެއް ނަމަ 100ރ. އަށެވެ.
ހުޅުމާލޭގައި ކުނި އުކާލުމުގެ ހިދުމަތް ދިނުމަށް ވެމްކޯ އިން ނިންމިއިރު، މާލެ އާއި އައްޑޫގައި ކުނި އުކާދިނުމުގެ ހިދުމަތް އެ ކުންފުނިން އަންނަނީ ދެމުންނެވެ.
ކުނި އުކާލުމުގެ މައްސަލަ ބޮޑު މާލޭގައި ފަސޭހަކަމާ އެކު އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ވެމްކޯއިން ވަނީ ކޮމްޕެކްޓަ ޓްރަކް، ޑަމްޕް ޓްރަކް އަދި ޓްރައިސިކަލް ފަދަ އުނޅަދުތައް ހޯދައިފަ އެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި އީޕީއޭގެ މިންގަނޑުތަކަށް ފެތޭ އުނޅަދުތަކެއް ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނިމީހާ
14 May 2017
ކުނިނައްތާލަނީ ކިނިނެއްބާ. ކުނި ލީޓަރަކައް 10ރ ބޮޑުވަރުދޯ 1.5 ލީޓަރު ފުޅިޔެއް އެލާލަން 15ރ
ބްރިޖް
14 May 2017
މިގޭ ކުނި އުކާލާކަށް އެންމެ ރުފިޔާއެއްވެސް ޚަރަދު ކުރާކަށް ނުޖެހެއެވެ. ކޮންމެ ރެޔަކު ހުންނަ ކުނި ކޮތަޅު ހިނގާލައިފާ ގޮސް މިތާ މިހުންނަ ޑަސްޓްބިނަށް ވައްޓާލީމާ ނިމުނީއެވެ. އެކަމަކު މިހާރު އެ ޑަސްޓްބިންތައް ނަގާފައި ރަށުގެ އަނެއްކޮޅަށް ކުނި އުކަން ދާން ޖެހުނީމާ ދެން ތިޔަ ބަޔަކާއި ހަވާލު ކުރުން ނޫން ގޮތެއް ނެތެވެ. އަނެއްކާވެސް މުސާރައިން އިތުރުކަމެއް ކުރަންޖެއްސީއެވެ. މިހާރުވެސް ގިނަމީހުން މިއުޅެނީ ދެކޮޅު ނުޖެހިގެންނެވެ. މިޔަށް ދިވެހި ބަހުން ކިޔަނީ ޓެކުމެވެ.
މަރީ
14 May 2017
މަށެއް ފައިސާ ދީފައި ބައިވެރިއެއް ނުވާނަން. މިގެއިން ދެ މިނިޓުން ދެވޭ ތަނެއްގައި ޑަސްބިން ހުންނަނީ މިހާރު. ދެން އެ ނަގައިފިއްޔާ އަހަރެން ދަންވަރު މިތާ މައްޗަށް އުކާލާނީ... މި ބުނީ ސީދަލަށް.
ހުރާގު
15 May 2017
ދެން އެންމެ މީހަކަށްޓަކައި މުޅި ގައުމުގެ ކުނި ނިޒާމު ތިގެ ވަށައިގެން ބަށްޓަންކޮށްދޭންވީ؟ މައްސަލައެއް ނޯންނާނެ އިނގޭ.
ހަމަ ތެދެއް
14 May 2017
މީ އަނެއްކާ ދެން ޖެހުނު ކަންތައް. އެންމެ ފުރަތަމަ ތަނުގެ ފޯނު ކޯލު ތަކަށް ޖަވާބު ނުދެވޭ ބަޔަކަށް ދެވޭނީ ކޮން ޚިދުމަތެއް؟؟ އެމީހުން ބުނެފައި އެވާ ރަސްމީ ގަޑީގައި، ހެނދުނު 8:30 އިން ފެށިގެން ރަސްމީ ގަޑި ނިމެންދެން ގުޅާގުޅާ ވަރުބަލިވެއްޖެ. ފޯނަކަށް ޖަވާބެއް ނުދިން. އަދި ތަނުގެ ޕިކަޕް ނަންބަރޭ ކިޔާފައި ދީފައި އިން ނަންބަރު 1666 އަށް ގުޅާ ގުޅާ ވަރުބަލިވެއްޖެ. ފޯނަކަށް ޖަވާބެއް ނުދިން. ދެން އިން މޯބައިލް ނަންބަރަށް ގުޅާލި އިރު ފޯނު ނިއްވާފައި. މިވަރުގެ ބަޔަކަށް ކިހިނެއް ބަޔަކަށް ޚިދުމަތެއް ފޯރުކޮށްދެވޭނީ؟؟؟ އަދި ކުނިވެސް ނަގާކަމަށް މިވަނީ ހަފްތާއަކު ދެދުވަހު ނުވަތަ ތިން ދުވަހު. ދެން ހުންނަ ދުވަސްތަކުގައި މިޖެހެނީ ކުނިތަށް ކޮޓަރީގައި ބަހައްޓައިގެން ނިދަން. އަހަރެމެން ބަންގާޅީ މިއާއަށް މަހަކު 150 ރުފިޔާ ދިނީމާ ކޮންމެ ދުވަހަކު ކުނިއުކާ.
ނަސިންޓޭ
14 May 2017
ވެމްކޯއިން ކުނި އުކާލާއިރު ދުވާލަކު ކިތައްފަހަރު ކުނި ކަލެކްޓްކުރަން އަންނާނެތޯއެވެ؟ އަހަރުމެންނަށް ކުނިއުކާލަން ދިއުމަކީ ދަތި އުދަގޫ ކަމެއް ނޫނެވެ. އެހެންކަމުން ކުނި އުކާލަން ކޮންމެހެން ވެމްކޯއަކަށް ދޭކަށް ބޭނުމެއް ނޫނެވެ. ބޭނުން ނޫންވިއަސް މި ޖެހެނީ ވެމްކޯ އާއި ޙަވާލުކުރާށެވެ.
ޢަލީ
14 May 2017
ރާއްޖޭގެ އާބާދީ ބޮޑެތިރައްރަށުގަ މިކަން އަވަސްކުރަންޖެހޭ ގްރީންޓެކްސްގެ ގޮތުގަ ފަތުރުވެރިޔަކު ހޭދަކުރާ ކޮންމެދުވަހަކައް ބޮލަޖައް ބާރަ ޑޮލަރު ދައްކާ މިފައިސާއިން މުޅިރާއްޖޭގަ މިކަންކުރެވެންޖެހޭ ރައްޔިތުން ލޮލުގަ އަނދުންއަޅުވައިގެން މާކަންތައްވާބަޔަކައް ހެދޭނިކަމެއްނެތް
ވިސްނާތި
14 May 2017
ވެމްކޯ އިން ހުޅުމާލޭގައި ކުނި އުކާލަން ފަށަނީ އެވެ. މީ ސަރުކާރުން ކުރައްވާ ވަރަށް ރަނގަޅު ކަމެކެވެ. މާލެ ސަރަހައްދުގައި ކުނި ތައް ނައްތާލުމަށް ޓަކައި ވެމްކޯ އާއި ސަރުކާރުން ހަވާލު ކުރުން އެއީ ގައުމަށް ވަރަށް ފައިދާ ކުރަނިވި އުސޫލުން މި ސަރުކާރުން ކުރެއްވި ކަމެކެވެ. ކުރިއަށް އޮތް 5 އަހަރު ދުވަސް ނިމޭ އިރު ވެމްކޯ އަކީ ވަރަށް ފައިދާ ނެރޭ ކުންފުންނަކަށް ވާނެއެވެ. ކަން މިހެން ހުރުމުން ސަރުކާރުން މާލެ ސަރަހައްދުގައި ފްލެޓްސް ތައް އިމާރާތް ކުރުމަށް ޓަކައި އެމްޓީސީސީ އާއި މިސަރުކާރުން ހަވާލު ކުރައްވަންވީ ނޫންތޭ އަހަރަކު މަދުވެގެން 12 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ތައް މާލެ ސަރަހައްދުގައި އިމާރާތް ކުރުމަށް ބީއެމްއެލް އިން ލޯން ނަގައިގެން. މިއުސޫލުން މިކަން ކޮށްފިނަމަ ރާއްޖޭގައި ބޯހިޔާ ވައްސެއް ބޭނުންވާ އެންމެންނަށް މާލެ ސަރަހައްދުން ބޯހިޔާ ވައްސެއް ލިބިގެން ދާނެ ނޫންތޭ. މިފަދަ ކަންކަމާއި މެދު ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނަން ޖެހޭނެއެވެ.
ދިސްވޭ
15 May 2017
މި މަންޖެއަށް ވެއްޖެ މިނިސްޓްރީ އޮފް ފްލެޓްސް ހަދާފަ ހަވާލުކުރަން. ކުރާކޮންމެ ކޮމެންޓެއްގައި "މާލެ ސަރަހައްދުގައި ފްލެޓްސް ތައް އިމާރާތް ކުރުމަށް ޓަކައި އެމްޓީސީސީ އާއި މިސަރުކާރުން ހަވާލު ކުރައްވަންވީ ނޫންތޭ އަހަރަކު މަދުވެގެން 12 ހާސް ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ތައް މާލެ ސަރަހައްދުގައި އިމާރާތް ކުރުމަށް ބީއެމްއެލް އިން ލޯން ނަގައިގެން." މިފަދަ ބަސްތައް ހިމަނާ. ފިސާރި ހިންގާލާނެ ކަމަށް ފެނޭ.
ޑަސްބިން ބުޅާ
14 May 2017
ތިޔަޖެހުނީ އަނެއް 6 ކަންތައް. މިހާރުވެސް ހުޅުމާލޭގެ އެކަހެރި ހިސާބުތަކާ ފަޅު ގޯތިތައް ހީވަނީ ބޮޑު ގޮނޑެއްހެން. ޑަސްބިންތައް ނެގުމުން ދެންވާނެގޮތް ވިސްނާ ފިކުރުކޮށްލާ. ކުރިއަށް އޮތީ ދިވެހިންގެ އިސްރާފުގެ މަސް. މެމްކޯ އިން 150 ނަގާއިރު މަހަކު 50ރ އަށް ކުނިއުކައިދޭ ބޮންދުން އަބަދު އެތިބެނީ އެއްގޭން އަނެއްގެއަށް ހިނގާލަ ހިނގާލަ ގޭގެ ހަވަނަ ބުރި އަށް އަރައިގެން ކުނިކޮތަޅު ގެންގޮސްދެނީވެސް އުފަލުން. ވެމްކޯ އަކަށް އެގޮތަށް އެ ޅިދުމަތެއް ނުދެވޭނެ.
އިބޫ ހުޅުމާލެ
14 May 2017
އަދިވެސް އަހަރުމެންގަ ގޭގަ ކުނި އުކާލަދޭ މީހުންމާ އަގު ހެޔޮ.. އެހެންވީމާއި ތި ވެމްކޯ ބޭނުމެއްނޫން... ރައްޔިތުންނަށް ކަންކަން މަޖުބޫރު ކުރުވުމުގެ އުސޫލު ދޫކޮށްލާ.... ތިބުނަނީ މަބުނާގޮތް ނަހަދާފިއްޔާ އަލިފާނަށޭލާނީ
ހުރާގު
15 May 2017
ތިގޭ ބަންގާޅު ސޮރު ތިގެއިން ކުނި ނަގައިގެން ގެންގޮސް ބަހައްޓަނީ ދެން ތިބޭ މީސްމީހުންގެ ގޭގޭގެ ދޮރުމަތީގައޭ، ތޮގެއިން ނެރެވެނިކޮށް ހެޔޮ ދޯ.!