ރިޕޯޓް / އައްޑޫ

އައްޑޫން ސަރުކާރަށް ލިބުނު ބަލި، ހަގީގަތަކީ ކޮބާ؟

ފޭދޫ ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިދިޔަ މަހު އިފުތިތާހު ކުރަނީ.---ފޮޓޯ: ޕީޕީއެމް

މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީ އަށް ލިބުމުން، ވެރިކަން ކުރާ ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވަނީ އެއީ އާ ކަމެއް ނޫން ކަމަށެވެ. މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަކީ ދުވަހަކު ވެސް ޕީޕީއެމްގެ ސަރުކާރަށް ކާމިޔާބު ނުވާ ދެ ތަން ކަމަށް ވުމުން، މި ފަހަރު ވެސް އެއީ އާ ކަމެއް ނޫނެވެ. ޕީޕީއެމްގެ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ ތަރައްގީގެ އެތައް ކަމެއް އައްޑު އަށް ވެސް މި ސަރުކާރުން ވަނީ ކޮށްދީފަ އެވެ. މި ނާކާމިޔާބީއާ ތަރައްގީ ނުގުޅުވޭނެ ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ހަމައެކަނި ހުޅުމީދުއަށް ބަލާލިޔަސް އެ ދެ ރަށުގެ އެކި ކަންކަމަށް މި ސަރުކާރުން ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް މިހާރު ވެސް އެބަ ހިންގާ. މިއީ ހަމައެކަނި ހުޅުމީދޫ. އެހެންވީމާ އައްޑޫގެ ތަރައްގީ އަށް ކަމެއް ކޮށް ނުދީގެނެއް ނޫން ސަރުކާރަށް ސިޓީ ކައުންސިލް ކާމިޔާބު ނުކުރެވުނީ،" ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވި އެވެ.

ޝާޑުގެ ދާއިރާ އަށް އެކަނި ބެލިކަމުގައި ވިޔަސް ލޯކަލް އިންތިޚާބުގައި އެ ދާއިރާގެ ގޮނޑި 240 ވޯޓުގެ ތަފާތުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝުކުރީ އެވެ. ޝާޑަކީ މި އިންތިޚާބުގެ ކެމްޕެއިނަށް އެކަނި ވެސް އަށެއްކަ ފަހަރު ދާއިރާ އަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެ ދާއިރާގެ ނުފޫޒު ގަދަ ބޭފުޅެކެވެ. އެކަމަކު އަމިއްލަ ދާއިރާގެ ގޮނޑި ނުނެންގެވުނެވެ.

ރައްޔިތުންގެ މަޖިލިހުގައި އައްޑޫގެ ހަތް ދާއިރާގެ ތެރެއިން ޕީޕީއެމް ތަމްސީލް ކުރަނީ ޝާޑުގެ ހުޅުދޫ ދާއިރާގެ އިތުރުން ފޭދޫ ދާއިރާ އެވެ. ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ (އައިބީ) އަކީ ހަމަ ޝާޑެކޭ އެއްފަދައިން ރައީސް ޔާމީންގެ ވަރަށް އަރިސް އަދި ފޭދޫގައި ވެސް މި ކެމްޕެއިންގައި އެތައް މަސައްކަތެއް ކުރެއްވި ބޭފުޅެކެވެ. އޭނާގެ ގިނަ ވަގުތު ހޭދަކުރެއްވީ ދާއިރާ އެވެ. މުޅި ރަށް ކަހަލަ ގޮތަކަށް ޕީޕީއެމްގެ ކުލަ އަށް ބަދަލުކޮށް، އެ ކުލައިގެ ބެނާތަކުން ފޭދޫ ޖަރީކޮށްލި އެވެ. އެކަމަކު ނަތީޖާ އެނބުރުނީ ހަމަ އެމްޑީޕީ ކޮޅަށެވެ.

މިދިޔަ ލޯކަލް އިންތިޚާބުގައި މަރަދޫފޭދޫގައި ވޯޓުލަނީ: މި ފަހަރު ވެސް އައްޑޫ ސިޓީ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީން ކާމިޔާބުކުރީ ބޮޑު ތަފާތަކުން.---މިހާރު ފޮޓޯ: އަހުމަދު އަދުޝަން

ފޭދޫ ދާއިރާ އަށް ޕީޕީއެމުން ވާދަކުރެއްވި އަލީ ހާނިޒަށް 1،045 ވޯޓު ލިބިވަޑައިގަތް އިރު، އެ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ވެސް އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އަލީ ފަހުމީ ކާމިޔާބު ކުރެއްވި 1،349 ވޯޓުންނެވެ. ދެ ބޭފުޅުންގެ ދެމެދުގައި 304 ވޯޓުގެ ތަފާތު ހުއްޓެވެ.

މި ސަރުކާރުގައި މަޖިލިހުގެ ދެ މެމްބަރުން ތިއްބެވި އައްޑޫގެ ދެ ދާއިރާގެ ގޮނޑި ވެސް ލޯކަލް އިންތިޚާބުގައި ކާމިޔާބު ނުކުރެވުމަކީ ވަރަށް ބޮޑު ބައްޔެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ. ޚާއްސަކޮށް އައްޑޫގެ އެހެން ދާއިރާތަކާ ޚިލާފަށް ފޭދު އަށާއި ހުޅުދު އަށް ސަރުކާރުން ބޮޑެތި ކަންތައްތަކެއް ކޮށްދެމުން ދާ ކަމަށް އެ ދެ ދާއިރާގެ މެމްބަރުން ގަބޫލުކުރައްވާއިރު، ކާމިޔާބު ނުވުމަކީ މައްސަލައެކެވެ.

އައްޑޫގެ މޭޔަރު އަދި މި ލޯކަލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ޝަފާއަތު މުހައްމަދާ ވާދަކުރައްވައި 788 ވޯޓުގެ ތަފާތުން ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވި ގޮތުގައި އައްޑޫ އިން ސަރުކާރަށް ނާކާމިޔާބުވީ، ރައްޔިތުން ގަބޫލުކުރާ މިންވަރާ ގާތަށް ވެސް ތަރައްގީގެ ކަންކަން އައްޑު އަށް ކޮށްދީފައި ނުވާތީ އެވެ.

"އެންމެ ކުޑަމިނުން 2011 ގައި [އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު] އައްޑޫގައި ފެށި ތަރައްގީގެ އެންމެ ޕްރޮޖެކްޓެއް ވެސް މި ސަރުކާރުގައި މިހާތަނަށް ނިންމައެއް ނުދެވުނު. ހަމައެކަނި މި ސަރުކާރެއް ނޫން. ރައީސް ވަހީދުގެ ސަރުކާރުން ފެށިގެން މިހާތަނަކަށް ނެތް 2011 ގައި ފެށި އެއްވެސް މަޝްރޫއެއް ނިންމައި ދެވިފައެއް. އޭރު އެ ފެށި މަޝްރޫއުތައް ނިންމައި ދިން ނަމަވެސް އައްޑޫގެ ރައްޔިތުން ޕީޕީއެމަށް ވޯޓު ދިނީސް،" މިދިޔަ ތިން ދައުރުގައި ވެސް އައްޑޫގެ މޭޔަރު ކަމުގައި ހުންނެވި ސޯބެ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިން ބަޔަކާ އެކު ބޭއްވި ބައްދަލުވުމެއް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ކުރިއަށް ގެންދަވަނީ.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އޭނާ އެ ފާހަގަކުރައްވަނީ މުޅި އައްޑޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި އެ ސިޓީގެ މަގުތަކުގައި ތާރު އެޅުމާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތް އަދި ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްރޫއުތަކުގެ ވާހަކަ އެވެ.

"ދެހާސް އެގާރަވަނަ އަހަރު ނިމުނުއިރު، އައްޑޫގެ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ތާރު ގެނެސް އަދި މީހުން ވެސް ތަމްރީން ކޮށްފައި ހުރީ. އެކަމަކު އެކަމެއް ވެސް މި ސަރުކާރުން އައްޑޫ ރައްޔިތުންނަށް ކޮށެއް ނުދެވުނު. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަން 20 މިލިއަން ޑޮލަރަށް ވުރެ ގިނައިން ފަންޑް ލިބިފައި ހުންނަތާ ކިހާ ދުވަހެއްތޯ؟ އެކަން ދުވަހަކު ވެސް ވާ ކަމަކަށް ނުވި. މިކަންކަން އައްޑޫގެ ރައްޔިތުން ތިބީ ބަލަން. އޭގެ ހިތި ރަހަ ރައީސް ޔާމީންގެ ކަރުގައި މިލީ،" މޭޔަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ތަރައްގީގެ އެއްވެސް ކަމަކަށް އައްޑޫ ސިޓީ ކައުންސިލުން ދުވަހަކު ވެސް ހުރަހެއް ނާޅާ ކަމަށެވެ. އެކަމަކު އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް މި ސަރުކާރުން ހުރަސްއަޅާ ކަން ސޯބެ ފާހަގަކުރެއްވި އެވެ.

"އައްޑޫ ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލި ސަބަބަކީ ވެސް 2014 ގައި އައްޑޫގެ ގެސްޓް ހައުސް ވެންޗާ މަޝްރޫއު ފަށަން ސިޓީ ކައުންސިލުން ނިންމުމުން. އެއީ އައްޑޫގެ ތަރައްގީ އަށް ފަށަން ނިންމި ބޮޑު މަޝްރޫއެއް. އެ މަޝްރޫއަށް ބޭންކް ލޯނު ހަމަޖެހިފައި އޮއްވައި އެކަން ހުއްޓުވާލީ. ގެސްޓް ހައުސް މަޝްރޫއަށް ވެސް އެންމެ ގިނައިން ޝަރުތު ހަމަވަނީ ހަމަ ޕީޕީއެމްގެ މީހުން. އެ މަޝްރޫއު ކުރިއަށް ގެންދެވުނު ނަމަ އައްޑޫގެ ތަރައްގީ އާއި އިގުތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރީސް،" ސޯބެ ވިދާޅުވި އެވެ.

"އައްޑޫގައި ހިންގާ ޝަންގްރިއްލާ އާއި ހެރަތެރަ އާއި އީކުއޭޓަ ވިލެޖް އެއްކޮށްލީމާ ވެސް 1،000 ކޮޓަރި ހަމަނުވޭ. ގެސްޓް ހައުސް މަޝްރޫއު ފަށަން އުޅުނީ އެ ސަބަބާ ހެދި. ސިޔާސަތުތަކަށް ބަދަލުތަކެއް ގެނެސްގެން މިކަން ވީސް."

އައްޑޫގައި ހިންގާ ޝަންގްރިއްލާ ރިސޯޓް: އައްޑޫގައި ހިންގަން ނިންމި ގެސްޓް ހައުސް ވެންޗާ މަޝްރޫއަށް ހުރަސްއެޅީ ވެސް ސަރުކާރުން ކަމަށް މޭޔަރު ސޯދިގް ވިދާޅުވި.---ފޮޓޯ: ޝަންގްރިއްލާ

ސޯބެ ވިދާޅުވީ ގަން އެއާޕޯޓުގެ ތަރައްގީއާ މި ސަރުކާރާ ވަރަށް ބޮޑަށް ގުޅުވި ނަމަވެސް އެކަމުގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޗަމްޕާ ހުސެއިން އަފީފް މެދުވެރި ނުވި ނަމަ އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ނުފެށުނީހެވެ.

ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ ބިޔަ މަޝްރޫއު ހިންގާފައި ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހިއްސާގެ 30 ޕަސެންޓް ކާސާ ހޮލްޑިން އަށް ވިއްކުމަށް ފަހު އެވެ. އެއީ ވެސް އެ މަޝްރޫއު ހިންގުމުގެ ކުޅަދާނަކަން ސަރުކާރުގެ ކިބައިގައި ނެތުމުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ލޯކަލް އިންތިޚާބުގައި ސަރުކާރަށް އައްޑޫން ނާކާމިޔާބުވީ ތަރައްގީގެ މަޝްރޫއުތައް ނުހިންގައިގެން ކަމަށް ސޯބެ ވިދާޅުވިޔަސް ހުޅުދޫ ދާއިރާގެ މެމްބަރު ޝާޑް އެކަން ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް މިހާ ގިނައިން ހިންގާ އެހެން ދުވަސްވަރެއް ނެތެވެ.

ބަލިވީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި

ޝާޑު ވިދާޅުވީ އައްޑޫ އިން ޕީޕީއެމަށް ނާކާމިޔާބުވުމާ އެ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މިހާރު ވެސް ހުޅުމީދު އަށް ސާފު ބޯފެން ފޯރުކޮށްދޭން ފަށާފައިވުމާއި އެ ދެ ރަށުގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތައް ތައްޔާރު ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މަސް ފެކްޓަރީގެ މަސައްކަތް އަންނަ އޮގަސްޓް ނުވަތަ ސެޕްޓެމްބަރުމަހު ފަށަން އެ ދަނީ ތައްޔާރުވަމުން. މިހާރު ދަނީ މެޝިނަރީޒްތައް ރޭވުމުގެ މަސައްކަތް. މަސް ފެކްޓަރީ ހުޅުވުމާ އެކު 200 ވަޒީފާ އެތަނުން ލިބޭނެ. ހުޅުމީދު އާއި ފޭދުއާ ދެމެދު ދަތުރުފަތުރުގެ ފަސޭހަކަން އެ އޮތީ ގާއިމްކޮށްދީފައި. މީގެ ކުރިން ދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަން ޖެހުނަސް އެކަން ވެސް މި ސަރުކާރުން އެ އޮތީ ލުއިކޮށްދީފައި،" ޝާޑް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޝާޑް (ކ) ބައިވެރިވެވަޑައިގަންނަވަނީ: ލޯކަލް އިންތިޚާބުން ޕީޕީއެމަށް ނާކާމިޔާބުވީ ޕާޓީގެ އެތެރޭގެ މައްސަލަތަކާ ހެދި ކަމަށް އޭނާ ވިދާޅުވި.---މިހާރު ފޮޓޯ

އޭނާ ވިދާޅުވީ މި ސަރުކާރުން ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ނިންމައިދީފައިވާ ކަމަށާއި އަދިވެސް އެ ރަށަށް ތަރައްގީގެ އެތައް ކަމެއް ކޮށްދެމުން އަންނަ ކަމަށެވެ. އަދި ސާކް ސަމިޓް ބޭއްވުމަށް ހެދި ކޮންވެންޝަން ސެންޓަރު އައްޑޫގެ އާ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ވެސް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެހެން އާ ތަނެއްގައި ހޮސްޕިޓަލެއް ނޭޅިޔަސް އެކަން ވެސް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ 2018 ވަނަ އަހަރު އާ ހޮސްޕިޓަލެއް ވެސް އައްޑޫ ރައްޔިތުންނަށް ފެންނާނެ. އައްޑޫ އެއާޕޯޓުން ސީދާ މިހާރު ލަންކާ އަށް ދަތުރުކުރެވޭ ގޮތް ވުމަކީ ވެސް ބޮޑު ފަސޭހައެއް. ލަންކާ އިން ސީދާ އައްޑު އަށް ކާގޯގެ ޑިމާންޑް އެހާ ބޮޑު މިހާރު. މިހާރު ވެސް ކާގޯ ނުގެންދެވިފައި އެ އޮންނަނީ،" އައްޑުއަށް އަންނަ ތަރައްގީއާ ގުޅޭ ގޮތުން ޝާޑް ވިދާޅުވި އެވެ.

އައްޑޫން ޕީޕީއެމަށް ސޮއިކުރި 500 އަށް ވުރެ ގިނަ މީހުންގެ ފޯމު ހަވާލުކުރުމަށް މިދިޔަ ފެބްރުއަރީމަހު މާލޭގައި ބޭއްވި ރަސްމިއްޔާތުގައި އޭގެ ތެރެއިން ބައެއް މީހުން ރައީސް ޔާމީނާ އެކު ފޮޓޯއެއް ނަގަނީ.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

އޭނާ ވިދާޅުވީ އައްޑޫގެ ފެނާއި ނަރުދަމާގެ ކަންކަން ވެސް މި ސަރުކާރުން ކޮށްދޭނެ އެވެ. އަދި އިސްމެހެލާހެރައިގެ މަޝްރޫ އާއި އައްޑޫގެ މަގުތަކުގައި ތާރުއެޅުން ވެސް ކުރިއަށް އޮތް ތަނުގައި ފަށާނެ ކަމަށް ޝާޑް ވިދާޅުވި އެވެ.

"އައްޑޫގެ އެއްވެސް މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި ސަރުކާރަކުން ނުހުއްޓާނެ. އައްޑޫ ސިޓީ ކައުންސިލް އަޅުގަނޑުމެންނަށް ކާމިޔާބު ނުވުމާ އެއަކާ ގުޅުމެއް ނެތް. އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ މައްސަލަތަކާ ގުޅިގެން މިފަހަރު މިހެން މިވީ،" ޝާޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން އެ ޕާޓީއާ މިދިޔަ އޮކްޓޯބަރުމަހު ހަވާލުވެވަޑައިގެންނެވިއިރު، ޕީޕީއެމްގެ މެމްބަރުންގެ ލިސްޓެއް އަދި ސާމާނެއް ވެސް ނެތް ކަމަށެވެ. އެހެންވެ ލޯކަލް އިންތިޚާބާ ދެމެދު ޕާޓީގެ މަސައްކަތް މުޅިން އަލުން ފަށަން ޖެހުމަކީ ޕީޕީއެމަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ޝާޑް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަށައިގަތް އިރު ޕާޓީގެ އޮފީހެއް ނެތް. ޕާޓީގެ މެމްބަރުންނަކީ ކޮބައިކަމެއް ނޭނގޭ. މައުމޫންގެ ފަރާތުން ބޮޑެތި ގޮންޖެހުންތަކެއް އައީ ކުރިމަތިވަމުން. އިންތިޚާބަށް އެންމެ ރަނގަޅު ކެންޑިޑޭޓުން ހޯދުމަށް ވެސް ވީ ވަރަށް ބޮޑު ދައްޗަކަށް. އައްޑޫން ވެސް އެކަން ކުރިމަތިވި. މި ހުރިހާ ހުރަސްތަކާއި ގޮންޖެހުންތަކާ އެކު އަޅުގަނޑުމެންނަށް މި ހިސާބަށް މި އާދެވުނީ،" ޝާޑް ވިދާޅުވި އެވެ.

އައްޑޫން ޕީޕީއެމަށް ސޮއިކުރި 500 އަށް ވުރެ ގިނަ މީހުންގެ ފޯމު ހަވާލުކުރުމަށް މިދިޔަ ފެބްރުއަރީމަހު މާލޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީނާއި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރު އަދި އަބްދުއްރަހީމް.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

އެމްޑީޕީ ސަރުކާރު ފިޔަވައި އައްޑޫގެ ކަންކަމަށް އަޅާލާ އެހެން ސަރުކާރެއް ނެތް ކަމަށް ވަރަށް ގިނަ ފަހަރު އައްޑޫ މީހުން ބުނެ އެވެ. ފެންނަން ހުރި ހަގީގަތްތަކަށް ބަލާއިރު އެއީ މުޅިން ދޮގަކަށް ނުވާނެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެއީ ދިރިހުރި މިސާލެކެވެ. އެއީ އައްޑޫ މީހުންގެ ރުޅިވެރިކަން އިންތިހާ އަށް ބޮޑުވާ އެއް ސަބަބެވެ. "ކޮތަރު ކޮއްޓެއް" ހެން ހަދާފައި ހުރި ހޮސްޕިޓަލް ބާވެ، ޚިދުމަތް ދިނުމުގައި އެތައް ތަކުލީފެއް އުފުލަމުންދާއިރު ވެސް ހައްލެއް ހޯދައެެއް ނުދެވުނެވެ.

އައްޑު އަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީ ކަމަށް ވާއިރު، މި ތަރައްގީގެ ޒަމާނުގައި ވެސް މިއުޅެނީ ބޯފެނާއި ނަރުދަމާގެ ނިޒާމު އައްޑޫގެ ރައްޔިތުންނަށް ފުރިހަމަކޮށް ނުދެވިގެންނެވެ. މި ފަހަރު ވެސް ލޯކަލް އިންތިޚާބު ބޯމަތިވުމާ އެކު އައްޑޫގެ އިތުރު ތިން ރަށެއްގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ސަރކާރުން އިފުތިތާހު ކުރި އެވެ. އެ މަޝްރޫއުގައި ފަންނީ އެތައް މައްސަލައެއް އެބަހުރި ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެ އެވެ.

އައްޑޫގެ ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަޝްރޫއު ސިއެރާ ކޮންސްޓްރަކްޝަނާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ޓްވިޓާ މެދުވެރިކޮށް އިއުލާން ކުރެއްވޭ ވަރުވީ ވެސް މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް އިންތިޚާބުގެ ވޯޓުލާން 15 ވަރަކަށް ގަޑިއިރަށް ވެފައި ވަނިކޮށެވެ.

އިންތިޚާބުތަކުގައި ޕީޕީއެމަށް އައްޑޫން ނާކާމިޔާބުވުމަކީ، އެ ޕާޓީގެ ބައެއް އިސް ވެރިން ވިދާޅުވާ ގޮތަށް، އާ ކަމެއް ނޫނެވެ. އައްޑޫ ކަހަލަ ބޮޑު އާބާދީއަކަށް ބޭނުންވާ ކަންކަން ކޮށް ނުދީ، ހުސް ވައުދުތައް ވުމަކީ އާންމު ކަމަކަށް ވުމުން، އިންތިޚާބުން ބަލިވުމަކީ ވެސް ވަކި އާ ކަމަކަށް ނުވެދާނެ އެވެ. ކޮންމެ އިންތިޚާބަކާ ގުޅުވައިގެން އެތައް މަޝްރޫއެއް އިއުލާންކޮށްފައި އެބަހުއްޓެވެ. އެކަމަކު އެ އިންތިޚާބުގައި ހޮވޭ މީހުންގެ ދައުރު ހަމަވެ އާ އިންތިޚާބަކަށް ދާއިރު ވެސް ހަމަ ދައްކަން ޖެހެނީ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ނުކުރެވޭ ވާހަކަ އެވެ. ސަތޭކަ އެނދުގެ އާ ހޮސްޕިޓަލްގެ ވާހަކަ އެވެ.

54 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 9%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޔ

22 May 2017

އަޅުގަޑަކަށް ހީއެއްނުވޭ މާލޭގައި އޮންނަ އެއްވެސް ސަރުކާރަކުން މާބޮޑަކަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރައްތަށް ތަރައްޤީ ކުރާނެހެން ސަރުކާރުގެ ވިސްނުން ހުރީ މީހުން ބޮޑެތި އާބާދީހުރި ބޮޑެތި ރައްތަކަށް ހިޖުރަކުރުން އެގޮތުން ބޮޑަށް މާލެ ސަރަހައްދު ތަރައްޤީ ކުރުން!

The name is already taken The name is available. Register?

ސަޖެޝަން

22 May 2017

ތިޔައީ ސުވާލެއް ނޫން! އަސްލު ސުވާލަކީ "އައްޑޫ- މާލެ - އަދި މިނޫންވެސް އާބާދީ އެންމެ ބޮޑަށް ތަރައްޤީ ވެފަ ހުރި ހިސާބުތަކާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ސަރުކާރު ހިންގާ ޕާޓީއަށް ތާއީދު ނުކުރަނީ ކީއްވެހޭ" މީގައި ކޮންމެވެސް ހިކުމަތެއް އޮންނާނު! މިކަމުގެ ރަނގަޅު ރިސާޗެއް ކޮށްލާފަ ނިކަން "މިހާރު" ނޫހުގެ ލިޔުންތެރިން އާޓިކަލްއެއް ލިޔެލަބަލަ...

The name is already taken The name is available. Register?

ޗިއްލޫ

22 May 2017

ތިދެން ކަމެއްތައް/// ފޭދޫ ބަނދަރުގަވެސް ތިގޮތައްދެފޫޓުވަރުގެ ތަނެއްގަ ތާރު އަޅާފައެއޮތީ، އެތަންކޮޅުގަވެސްއޮންނަނީ ވަޅުގަނޑުތައް ހެދިފަ

The name is already taken The name is available. Register?

މޯ

21 May 2017

ވޯޓު ބޭނުންތަ؟ އެހެންވިއްޔާ 350000 ވުރެން މަތީގަ މިއޮތް އާބާދީގެ އަސާސީ ބޭނުން އިހުލާސްތެރިކަމާއެކު ކޮއްދީ. އަހަރުމެންނަށް މުހިއްމީ ޔާމީން އެއް ނަޝީދެއް ނޫން. ހިތުގެ އަޑިން ބުނި އެއްޗެއް މީ

The name is already taken The name is available. Register?

ޙަސަން

21 May 2017

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެޅީ އެމް.ޑީ.ޕީ ސަރުކާރުންތަ؟ ރާއްޖެތެރޭގައި ހުރި ހުރިހާ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ވީރާނާކޮށްލީ އެމް.ޑީ.ޕީ ސަރުކާރުން. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އެމް.ޑީ.ޕީ ސަރުކާރުން މަރާމާތު ނުކުރީ ކީއްވެބާ؟ އައްޑޫގެ ފެނާއި ނަރުދަމާގެ ނިޒާމު އެމް.ޑީ.ޕީ ސަރުކާރުން ޙަވާލުކުރީ އަންނިގެ ގާތް ބަޔަކާ. އެމީހުންނަށް އެއްވެސް މަސައްކަތެއް ނުކުރަނީސް ލާރިގަނޑެއް ދިނީ ކޮން ބައެއް؟

The name is already taken The name is available. Register?

ރޮށި

21 May 2017

ދިވެހިސަރުކާރައް ދެއްވަން އޮތްނަސޭހަތަކީ މާބޮޑައް އައްޑޫއާހެދި ތެޅިނުފޮޅުމައް ރާއްޖޭގެ ދެންހުރި ރައްރަށައްވެސް ކަންކަން ކޮއްދެއްވުން އެމީހުން މާބަސްއަހާނެ މައުމޫނުވެސް އައްޑޫ އާހެދި ތެޅިނުފޮޅުނީ އެއީ އެމީހުންގެ ވައްތަރުން މީލައްކަވާހަކަ

The name is already taken The name is available. Register?

ރޮށީ އަންމަ

22 May 2017

ކަލޭތީ ހާދަ ގަމާރު މީހެކޭ!

The name is already taken The name is available. Register?

ކކ

21 May 2017

ސަރުކާރު ފަޅީގެ މީހުނަށް ކެމްޕޭން ކުރަން ނޭގުން، ރައްޔިތުންގެ ރުހުން ހޯދަން ނޭގުން!

The name is already taken The name is available. Register?

ޜ

21 May 2017

ޢައްޑޫމީހުންބޭނުންވަނީ އަނެއްދިވެހިރާއްޖެަށް ދާން

The name is already taken The name is available. Register?

އަލިތައްކާނު

21 May 2017

އެބުނާހެން ޕީޕީއެމް އަކީ ކޮބައިކަން ވޯޓުލާމީހުން އަދި ޕީޕީއެމްއަކަށްވެސް ނޭގޭ... ސަރުކާރާއި ދެކޮޅަށްވެސް އޮތީ ޕީޕީއެމް އަދި ސަރުކާރުކޮޅުގައިވެސް މިއޮތީ ޕީ.ޕީއެމް.... ފުރަތަމަ ޕީޕީއެމްގައި ތަސައްރަފު ފުދިފައިތިބި ބަޔަކު އެބަޖެހޭ ތިބެން... ބޮޑު ޖޯކަރުންތަކެއްހެން ދެކޮޅުގައިތިބެގެން ކާމިޔާބުވާނެ އިންތިހާބެއް ނޮއޮންނާނެ.... ދެންކޮން ތަރައްގިއެއް ގެނެވޭނީ އެކަހަލަ ބަޔަކަށް... ވަރަށް ފަހުން ޕާޓީއަށް ގުޅުނުމީހުންނަށް ވީގޮތެއްވެސް އެބަޖެހެއެއްނޫން ހޯދާ ބަލަން... ފޯމުތައް ދީފައި އެމީހުން ފިލީކަންވެސް ނޭގެއެއްނޫން.... އިދިކޮޅުމީހުންނަށް ހަޖޫޖަހާއިރު ތިމަންމެންގެ ހާލު އޮތްގޮތެއް ނުވެސް ބަލާކަން މިކަންކަމުން އެގެނީ...

The name is already taken The name is available. Register?

މުލައް

21 May 2017

އައްޑޫ ރައްޔިތުންގެ ކަށީގައި ހިފާފައި ހުންނަ ކަމެއް ސަރުކާރުތަކާ ދެކޮޅުހެދުން. ޔާމީން ކޮންމެ ފަދަ ކަމެއް ކޮށްދިނަސް މ8ކަމެއް ބަދަލެއް ނުވާނެ. އަތޮޅުގެ މުއްސަނދިން އެތިބީ މާލެއަށް ހިޖުރަކޮށް ބިންވެެރިންނަށް ވެފައި. އަތޮޅަށް ލޯބިހުރިބައެއްނޫން އެއީ. ސަރުކާރުތަކާ ދެކޮޅު ޚިޔާލަށް އައްޑޫ މީހުން ކިޔަނީ ތަހުޒީބޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454