އައްޑު އަށް ފެނުގެ ހިދުމަތް ދިނުމަށް ބަހައްޓާފައިވާ މީޓަރަށް މަހަކު ޗާޖްކުރާ 30ރ. ނުނަގަން ނިންމާފައިިވާ ކަމަށް އައްޑު އަށް ފެނާއި ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އައްޑޫގެ މެނިފެސްޓޯ އެކުލަވައިލުމަށް އެމްޑީޕީން މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ތެރޭގައި، ސަޕްލައި ފެން ބޭނުން ނުކުރިޔަސް މީޓަރަކަށް ޗާޖްކުރާ 30ރ. ގެ މައްސަލައިގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
މޭޔަރު ވިދާޅުވީ، ފެނުގެ ހިދުމަތަށް އާންމުން ބޮޑު ހޭދައެއްކުރާ އިރު، ހަމައެކަނި މީޓަރުގެ ފީ އަށް 30ރ. ދައްކަން ޖެހުމަކީ ރައްޔިތުންނަށް ވަރަށް ދަތިވާ ކަމެއް ކަމަށެވެ. އަދި ފެން ބޭނުން ނުކުރިޔަސް، އެ ފީ ދައްކަން ޖެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ސޯބެ ވިދާޅުވި އެވެ
މި ވާހަކަތަކާ ގުޅިގެން ވޯކްޝޮޕް ތެރޭގައި، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ، މީޓަރަށް ނަގާ ފީ ނުނަގަން މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން ނިންމައި އެކަން އެ ކުންފުނީގެ ބްރާންޗްތަކަށް އަންގާފައި ވާނެ ކަމަށެވެ. އަދި އެކަމަކީ މި ސަރުކާރު އައުމާ އެކު،ކުރަން ނިންމާފައި އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސައީދު މިއަދު ވަނީ އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރަން ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، އިޔާދަކުރަނިވި ހަކަތަ އިން އައްޑޫގައި ކަރަންޓް އުފައްދަން ބޭނުންވާ ފްލޯޓިން ސޯލާ ސިސްޓަމް ގާއިމުކުރަން މި މަހުގެ ތެރޭގައި ބީލަމަށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.
ފެނަކަ އިން ވަނީ އައްޑޫގައި 10 މެގަވޮޓްގެ ފްލޯޓިންގް ސޯލާ ސިސްޓަމެއް އިތުރުން އެއްގަމުގައި ޖަހާ ޕެނެލްތަކުން އެއް މެގަވޮޓްގެ ހަކަތަ އުފައްދަން ނިންމައިފަ އެވެ. އެއާ އެކު އައްޑޫގައި އިޔާދަކުރަނިވި ހަކަތައިގެ 11 މެގަވޮޓްގެ ކަރަންޓްގެ އުފެއްދޭނެ ކަމަށް ބުންޏެވެ.