ރޯދަ ވިއްލާ ގަޑިއަށް ސީހައުސް ކެފޭ ތައްޔާރުވެފައި: ރެސްޓޯރަންޓުތަކުން ރޯދަ މެނޫގެ އަގު ބޮޑަސް، ގިނަ ރެސްޓޯރަންޓުތައް އޮންނަނީ ފުރިފައި. -- ފޮޓޯ: ސީހައުސް
20 ޖޫން 2016 - 14:15
ރޯދަމަސް ކައިރިވާ ވަރަކަށް އެންމެ ގިނަ މީހުން ކުރާ އެއް ކަމަކީ ރޯދަ ވީއްލަން ދާނެ ތަނެއް ހޯދުމެވެ. ގޭގައި ރޯދަ ވީއްލުމުގެ ބަދަލުގައި މާހައުލު ބަދަލުކޮށް ލެވޭނެ ގޮތެއް ހޯދާށެވެ. ރެސްޓޯރަންޓުތަކުގެ ރޯދަ މެނޫ ހޯދައި، ދާނެ އެންމެ ރަނގަޅު ތަނެއް ކަނޑައަޅަ އެވެ. އެކި މީހުންނަށް ކަމުދަނީ އެކި ތަނެވެ.
އެކަމަކު، އެންމެން ވެސް ބަލާ އެއް ކަމެއް އޮވެ އެވެ؛ މެނޫގެ އަގެވެ. ރޯދަ މެނޫތަކުގެ އަގު އަހަރުން އަހަރަށް މި ދަނީ މަތިވަމުންނެވެ. މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި އާދަޔާ ހިލާފަށް އަގުތައް އަރައިގެން ގޮސް މިހާރު އުޅެނީ 200ރ. އިން މަތީގަ އެވެ. އެއީ ވެސް މަދު ތަނެއްގަ އެވެ. ގިނަ ރެސްޓޯރަންޓުތަކުގެ އަގުތައް މި ފަހަރު ހުރީ އެވްރެޖުކޮށް 250ރ. ގަ އެވެ. މިހެންވެ، ރެސްޓޯރަންޓުތަކުގެ ވިޔަފާރި މި ފަހަރު ދަށަށް ހިނގައިދާނެ ކަމަށް އޮތީ ބެލެވިފަ އެވެ.
ގިނަ ޒުވާނުންގެ މެދުގައި މަގުބޫލް ސީހައުސް އަށް ލިބޭ ތަރުހީބު ވެސް ވަރަށް ބޮޑެވެ. މާލޭގައި ހުރި ސީހައުސްގެ ދެ ރެސްޓޯރަންޓާއި އައްޑޫގައި ހުންނަ ތަނަށް ވެސް މީހުން އޮންނަނީ ފުރި ބާރުވެފަ އެވެ. ހުކުރު ދުވަހެއް ނަމަ ތަރުހީބު މާ ރަނގަޅެވެ.
"މިދިޔަ އަހަރުތަކާ އަޅައިބަލާއިރު އެއްވެސް ވަރަކަށް ދަށެއް ނޫން. ފެށުނީއްސުރެ މިހާތަނަށް އައިރު ވެސް ތަރުހީބު ވަރަށް ރަނގަޅު،" ސީހައުސްގެ ސީއީއޯ އިސްމާއިލް ފަސީހް ވިދާޅުވި އެވެ.
"ވަރަށް ގިނަ ބަޔަކަށް ކަމުދޭ އިންޑިއަން ފުޑްސް. އެއީ އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަމަކީ."
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތަކެއް ރޯދަ ވީއްލާ ގަޑީގައި އޮތަސް އެ ކަމުގެ އަސަރު ނުކުރާ ކަމަށް ފަސީހް ވިދާޅުވި އެވެ. އެ ގަޑީގަ އާއި އެ ނޫން ވެސް ހުރިހާ މެޗެއް ސީހައުސް ކެފޭގައި ދައްކާތީ އާއްމުންގެ ފަރާތުން ލިބޭ ތަރުހީބު ކުރިއަށް ވުރެ ވެސް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝެލްބީންސްގެ މިއަހަރުގެ ރޯދަ މެނޫ
މާލޭގައި މިހާރު ހުރި އެންމެ ބޮޑު ރެސްޓޯރަންޓް ކަމަށްވާ ސިޓްރޮން ކޮންމެ ދުވަހަކުން އޮންނަނީ ފުރިފަ އެވެ. ރޯދަ މަސް ފެށިގެން ދެތިން ދުވަހު ކޮންމެވެސް ވަރަކަށް ޖާގަ ލިބުނަސް ކުރިން ބުކިން ނުހަދާ މިހާރު ޖާގައެއް ނުލިބެ އެވެ. ގާތްގަނޑަކަށް 450 މީހުންގެ ޖާގައިގެ މި ރެސްޓޯރަންޓަށް ލިބޭ ތަރުހީބު ވަރަށް ބޮޑެވެ.
"މިދިޔަ އަހަރާ އަޅައިބަލާއިރު ހަމަ ވަރަށް ރަނގަޅު،" ސިޓްރޮން އިން ހިންގާ ލެމަންގްރާސްގެ މާކެޓިން މެނޭޖަރު އަހުމަދު ޝިރުހާން ވިދާޅުވި އެވެ.
ސިޓްރޮންގެ އިތުރުން ލެމަންގްރާސް އިން މާލޭގައި އިތުރު ދެ ރެސްޓޯރަންޓް ހިންގަ އެވެ. އެ ދެ ތަނަށް ލިބޭ ތަރުހީބު ވެސް ވަކި ކުޑައެއް ނޫނެވެ. ގިނަ ދުވަސް ދުވަހު އެ ތަންތަން ވެސް ފުރެ އެވެ.
"މަހުގެ މެދު ތެރެއާ ރޯދަ މަސް ފެށުމާ މި ދިމާވީ. އެހެންވެ، މުސާރަ ލިބުމާ އެކީ ރޯދަ މަހުގެ ފަހުކޮޅު މިހާރަށް ވުރެ ވެސް ރަނގަޅު ވާނެ،" އޭނާ ވިދާޅުވި އެވެ.
ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އެއް ރެސްޓޯރަންޓަކީ ޝެލްބީންސް ކަމާ މެދު ދެބަސް ވާނެ މީހަކު މަދުވާނެ އެވެ. ރޯދަ ވިއްލާ ގަޑީގައި އެ ރެސްޓޯރަންޓު އޮންނަނީ ކޮންމެ ދުވަހަކު ވެސް ފުރިފަ އެވެ.
ޝެލްބީންސްގެ މާކެޓިން މެނޭޖަރު ހަމީދު ފަރީދު ވިދާޅުވީ މާލޭގައި ހުންނަ ޝެލްބީންސްގެ ގެ ދެ ރެސްޓޯރަންޓަކީ ޖާގަ އެހާ ބޮޑު ތަނަކަށް ނުވުމުގެ ސަބަބުން ކޭޓާ ކުރަން ބޭނުންވާ ވަރަށް ނުކުރެވޭ ކަމަށެވެ. ނަމަވެސް އެ ރެސްޓޯރަންޓުން މި ރޯދަ އަށް ހާއްސަކޮށްގެން ފެށި ޑެލިވަރީ ބޮކްސް ހިދުމަތުގެ ސަބަބުން އެތަނުގެ ވިޔަފާރި ރަނގަޅެވެ.
"ރޯދަ މަސް ވީމަ ދުވާލު ގަޑީގައި ރެސްޓޯރަންޓު ހުޅުވާފައި ނުހުންނާތީ ވިޔަފާރި ދަށް. އެކަމަކު، މިދިޔަ އަހަރުގެ ރޯދައާ އަޅައި ބަލާއިރު މި އަހަރު ވިޔަފާރި ރަނގަޅު" ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ރޯދަ ވިއްލާ ގަޑިއާ ޔޫރޯ ކަޕުގެ މެޗުތައް ދައްކާ ގަޑިއާ ދިމާވާތީ، ރެސްޓޯރަންޓުގައި މެޗު އަޅުވާފައި ހުންނާނެ ކަމަށެވެ.
އަގުތައް ކިތަންމެ މަތީގައި ހުއްޓަސް ރޯދަ ވީއްލަން ބޭރަށް ދާ މީހުންގެ އަދަދު ވަކި މަދު ވާ ހެންނެއް ހިއެއް ނުވެ އެވެ. ރޯދަ މަސް ދެ ބައިވެފައި ވާއިރު، ރެސްޓޯރަންޓުތަކުގެ ވެރިން ތިބީ އުފަލުންނެވެ. މި ރޯދަ މަހު ވެސް ވިޔަފާރި ހަމަ އެހާ ރަނގަޅީ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންޕުލަސް
21 June 2016
ދޮންޕުލަސް އަށް ރޯދަ ވިއްލުމެއް ދޭން ވީއެންނު!؟
ޒަބީބު
21 June 2016
ފާހަގަވަނީ ރޯދަމަހެވެ. އެހެނިހެން މަސްތަކުގައިވެސް ތިތަންތަނަށް ދާ މީހުން މަދެއް ނޫނެވެ. އެކަމަކު ހާލަކުން ފަހަރަކު މީހަކާއެކު ތިއިން ތަނަކަށް ވަދެވިއްޖެއްޔާ މަގޭ ހިތުގައި އުފެދޭ ސުވާލުތައް ގިނައެވެ. ކޮންމެ މީހެއްގެވެސް ޝަކުވާތައް ގިނައެވެ. ލިބޭ އެއްޗަކުން ދެކޮޅުނުޖެހެއެވެ. ލިބޭހާ ރުފިޔާ ކުއްޔަށް ދައްކާ ހުސްވެއެވެ. ޚާއްސަކޮށް މިހާރަކަށް އައިސް ސަރުކާރުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ފްލެޓެއް ގަނެގެން އުޅޭ މީހެއްނަމަ ޝަކުވާއިތުރުވެއެވެ. ޕޭމަންޓް ދެއްކުމަކީ އޮތްކަމެއް ނޫނެވެ. އެކަމަކު ދުވަހު ދެކޮޅު ތިފަދަ ތަންތަން ފުރާލާ މީސްމީހުންގެ ތެރޭ ގިނައީ މި މީސް މީހުނެވެ. ކަން މިހެން އޮތްއިރު ތިމާގެ ފެންވަރު ދަނެގެން ލިބޭ އެއްޗަކުން ހުރިހާކަމެއް ހަމަޖައްސައިގެން ޝަކުވާ ނުކޮށް އުޅޭ މީހުންވެސް ތިބިކަން ކަށަވަރެވެ. މިއީ ކެތްތެރީންނެވެ. މި މީހުނަށް ލިބެން ހުރި ހެޔޮޖަޒާ ގެ ބޮޑުކަން އަންދާޒާވެސް ނުކުރެވޭނެއެވެ.
މޮޔަ
20 June 2016
އެކަމު ދިވެހިން ބުނާ ގޮތުން ގޭގެ ކުލި ދައްކާފަ މުކޮސްވެސް ނޯވޭ.. ޓިޕިކަލް ދިވެހިން
އަލިފުއަލިފު
21 June 2016
ތިތަން ތަން ފުރާލަނީ ، ކުލި ލިބޭމީހުން. ކުލި ދައްކާ މީހުން އެދައްކާފަ ރޯދަވިއްލޭނެ ފަދަވެސް ނެތިފަ ތިބެނީ
ސަކީނާ
20 June 2016
މަށަށްދޯ މީގެ ތަނަކަށްވެސް ނުދެވެނީ. އަހަރެމެން އަތުގަ ފައިސާ ނެތަސް ފައިސާ ހުންނަ މީހުން ގިނައީ.
ޟަރީ
20 June 2016
އެމީހެއްގެ އަތުގައި އެވަރަށް ފައިސާ ހުރިއްޔާ ރޯދަވީއްލަން ބޭރަށް ދާންވީ. އެއީ ހަލާލު ފައިސާއިން ކަމުގައިވާނަމަ އޭގެ ޒާތުގައި މައްސަލައެއް ނޫން އެއީކީ. ތިންކް ޕޮޒިޓިވް، ތިންކް ހެޕީ.
ޢަބްދުﷲނާފިޒު
21 June 2016
ހެހެހެ، މިހާރު ނުހުންނާނެ ހަލާލު ނޫން ފައިސާއެއް، އަތުގަ ޖެހިއްޖެއްޔާ، އެހިސާބުން އެ ޙަލާލުވީ.
މެޑަމް ބިން ކަދުރު ފައުންޑޭޝަން
21 June 2016
ހުދު އަނބިމީހާވެސް ނާހާނެ ރޯދަ ތިވީއްލަނީ ހަލާލު ކަދުރުންތޯވެސް.
ޚިޔާލް
20 June 2016
ލާރިނެތޭ ކިޔަނީ ނަމަކަށެވެ، 250 ކީއްކުރަން ރިސޯޓްތަކަށްވެސް 750 ބޮލަކަށް ކަނޑައިލައިގެންވެސް ބަލަނީ ހަމަރޯދަވީއްލުން ގެއިންބޭރަށް ގެންދެވޭތޯއެވެ. މިއީ އަޅުގަނޑުމެންގެ އާދަކާދައެވެ، މިރޯދަވީއްލުން ކުރީގައި އޮންނަނީ އެއްގެއިން އަނެއްގެއިންނެވެ. ތަނަވަސްކަން ހުރިމީހުން މަދުމަދުން ރެސްޓޯރަންޓް ތަކުގައި ރޯދަވީއްލައެވެ. ނަމަވެސް އަހަރުމެންގެ ތަނަވަސްކަމަށާ ދިރިއުޅުމަށް މިއާ ބަދަލް އާއި އެކީ މުސްސަދިން ގޭގައި ބައިތިއްބައިފައި ނިކަމެތިމީހުން މިރޯދަވީއްލުމުގެ ކަންތަށް ގެންދާގޮތުން މިތިބެންޖެހެނީ އާސޯކް ވެފައެވެ. އަބަދުވެސް ހިތަންއަރާ ހާދަލާރިއެކޭ މިއަދު މިއެންމެން މިގެންގުޅެނީ، ކޮންތާކުންބާވައޭ މިހޯދަނީ..
އިއްސޭ
20 June 2016
ރޯދަ މެނޫތަކުގެ އަގު މާބޮޑަށްވެސް ކުޑައީ ބޮލަކަށް 2000 ރުފިޔާ ނެގިއަސް ތިހުރިހައި ރެސްޓޯރެންޓްތަށް ފުރި ބާރުވާނެކަން ޔަޤީން! ދަރައިވިކިގެންވެސް ރެސްޓޯރެންޓްތަކުން ރޯދަ ވީއްލެއްޖިއްޔާ އެނިމުނީ އޭރުން ތިމާމެންވަރުގެ މޮޅުބަޔެއް ނުތިބޭނެ
ަހަސަން
20 June 2016
އަނެއްކޮޅުން ގައުމުގެ އިގްތިސާދު ފުނޑެނީއޭކިޔާ ވެރިމީހާއަށް ހެޓަކަށްދެނީ.