ތިމަރަފުށިން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން އެ ރަށު ބަޔަކު ރޭ މަގުމަތީގައި.
28 މެއި 2017 - 12:16
ތ. ތިމަރަފުށީގެ އިންޖީނުގޭގެ ޖަނެރޭޓަރަކަށް ގެއްލުން ދީފައިވާތީ، އެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވީ ފަހުން ރޭ ދަންވަރު އަލުން ކަރަންޓް ދީފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ތިމަރަފުއްޓަށް ކަރަންޓު ނުލިބި ދިގުލައިގެން ދިޔައީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. އެ ރަށުގެ ބަޔަކު، އިންޖީނުގޭގައި ތިބި މުވައްޒަފުންގެ އެހީގައި ޖަނަރޭޓަރަކަށް ގެއްލުންދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހުކުރުދުވަހު ހަވީރު ތިމަރަފުށިން ކަރަންޓު ދިޔަ ގޮތަށް އެ ރަށަށް ކަރަންޓު ލިބުނީ ފެނަކައިން ބުނި ގޮތުގައި ރޭ ދަންވަރު ދޭއް ޖަހާކަން ހާއިރު އެވެ. އެ ރަށުގައި ބަހައްޓާފައި ހުންނަނީ 600 ކިލޯވޮޓް ޖަނަރޭޓަރަކާއި 250 ކިލޯވޮޓް ޖަނަރޭޓަރެއް އަދި 160 ކިލޯވޮޓް ޖަނަރޭޓަރެކެވެ.
"ރީޖަނަލް އިންޖީނިއަރު ތިމަރަފުއްޓަށް ގެންގޮސްގެން ޖަނަރޭޓަރު ރަނގަޅު ކުރީ،" އަމިއްލަ ރަށުން ކަރަންޓު ކެނޑުނު މައްސަލާގައި ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިމަރަފުށީގައި ބަހައްޓާފައި ޖަނަރޭޓަރުގެ ތެރެއިން ގެއްލުން ދީފައި ވަނީ 600 ކިލޯވޮޓް ޖަނަރޭޓަރަށެވެ. އޭގައި ހުރި ނަރުތަކެއް އެހެން ދިމާލަކަށް ބަދަލުކޮށްފައި ހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސިޔާސީ ބޭނުންތަކުގައި ރަށުގައި ދިރިއުޅޭ މީހުންނަށް ލިބެން ޖެހޭ ހިދުމަތްތަކުން މަހްރޫމް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"މީހުންނަށް ލިބެން ޖެހޭ ހިދުމަތްތަކުން ސިޔާސީ ސަބަބުތަކާ ހެދި މަހްރޫމް ވުމަކީ އެދޭ ކަމެއް ނޫން. ހިދުމަތްތައް މެދުކަނޑާލައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ތިމަރަފުށީގެ ފެނަކަ ބްރާންޗުގައި ތިބި އިންޖިނިއަރުންނާއި ޓެކްނީޝަނުން ވަނީ އެހެން ރަށަކަށް ބަދަލުކުރަން ނިންމައިފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ޝަރީފް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުނިކުންނަ ނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.
ތިމަރަފުށިން ކަރަންޓު ކަނޑާލި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 1،800 މީހުން އުޅެމުން އަންނަ ތިމަރަފުށިން ކަރަންޓު ދިއުމުން އެ ރަށު މީހުން ދިރިއުޅުނީ ވަރަށް ހާލުގަ އެވެ. ހާއްސަކޮށް ރޯދަމަސް ފެށުނު ދުވަހާ މިކަން ދިމާވުމުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޖާ
28 May 2017
24 ގަޑިއިރު ކަރަންޓް ޔަގީންވީމާ 24 ގަޑިއިރުފަހުން ކަރަންޓް ލިބުނީމާ ރަގަޅެވެ
އިންޑިއާ މީހާ
28 May 2017
ފުރަތަމަ ޝަރީފް. ޕީޕީއެމްއަށް ކައުންސިލްތައް ނުލިބުމުން ކުއްލިއަކަށް މީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރި މީހަކީ ޝަރީފް. ކަރަންޓު ވާގަނޑު ވެސް އެހިސާބުން ސިޔާސީ ވާނެ. ކަރަންޓު ދޭންހުރި މީހާ ސިޔާސީ ވީމާ ނަރުތައް ކީއްކުރަން ސްވިޗް ބޯޑުތައްވެސް ސިޔާސީވާނެ. ދެން ފެންނާނީ ބިލްތައް ސިޔާސީވެފައި ހުރިތަން.
ބޯސަކަރާތް
28 May 2017
މުޅި ފެނަކަ ސިޔާސީކުރި ބޭފުޅަކީ ތިޔަ ޝަރީފް. އިންޖީނުގެ ތަކުގަ ތިބޭ ރަގަޅު ޓެކްނިކަލް މުވައްޒަފުންނަށް ވެސް މީނަ ބޭނުންގޮތެއް ހަދަނީ. އެމީހުނަށްވެސް އަބަދު ބިރު ދައްކާފަ ތިބެނީ. ސްކޫލެއްގެ ޓީޗަރުންނަށާ ދަރިވަރުންނަށް ބިރުދައްކައިގެން ޕްރިންސިޕަލްކަން ކުރާހެން ފެނަކައެއް ނުހިންގޭނެ. ވަގުތުން މީނަ ބަދަލުކުރައްވަން ކަމާބެހޭ ފަރާތުގަ ދަންނަވަން.
ހަސަންމަނިކު
28 May 2017
ފުރަތަމަ ސުވާލު: ހިނގަހިނގާ ހުންނަ ޖަނަރޭޓަރަކުން ކަރަންޓު ނަރު ބަދަލުވޭތަ؟ ދެވަނަ ސުވާލު: 600 ކިލޯވޯޓްގެ ޖަނަރޭޓަރު ނިއްވާލާފަ، އަނެއް 2 ޖަނަރޭޓަރުން ކަރަންދީފަ، އަނެއްކާ އެ 2 ޖަނަރޭޓަރު ނިއްވާލާފަ 600 ކިލޯވޯޓުގެ ޖަނަރޭޓަރު ހިންގީމަ އޭތި އެނދީޔޯ؟ ސުވާލަކީ ކުރިން ހިންގާފަ ހުރި ޖަނަރޭޓަރުން ކަރަންޓު ނުދެވުނީ ކީއްވެތޯ؟
ސަމްތިނގް
28 May 2017
އިންޖީނުގެ ފޫކޮޅު ނިވާވާވަރައް އެއްޗެހި އޮޅާފަ ބަހައްޓާ.އޭރުން ނަރުތައްވެސް ނުފެންނާނު
ޑޯން
28 May 2017
ބޯދަމާގަނޭ