ޔުވެންޓަސްގެ ކޯޗު އެލެގްރީ ޕްރެކްޓިހުގައި. --ފޮޓޯ: އޭއެފްޕީ
03 ޖޫން 2017 - 11:43
ކާޑިފް، ވޭލްސް (ޖޫން 3) – ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސް އަށް އެންމެ މުހިއްމު ކަމަކީ ޗެމްޕިއަންކަން ހޯދޭނެކަން އަމިއްލަ ނަފުސަށް ގަބޫލުކުރުން ކަމަށް އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.
މުބާރާތް 1985 އަދި 1996 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް ވަނީ ހަ ފަހަރު ފައިނަލުން ބަލިވެފަ އެވެ. އެ ޓީމުން 1996 ވަނަ އަހަރު ތަށި ހޯދި ފަހުން ޖެހިޖެހިގެން ދެ އަހަރު، 1997 ގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން އަދި 1998 ގައި ރެއާލް މެޑްރިޑް އަތުން ބަލިވީ އެވެ. އަދި 2003 ގައި އޭސީ މިލާން އަތުން އަދި 2015 ގައި ބާސެލޯނާ އަތުން ވެސް ބަލިވެ ތަށި ވަނީ ގެއްލިފަ އެވެ.
"އަހަރެމެންނަށް ޔަގީންވާން ޖެހޭނެ އަހަރެމެން ތަށި ގެޔަށް ގެންދަން އުޅޭކަން. އަނެއް ޓީމަށް ވުރެ އަހަރެމެންގެ ހިތުގައި ޔަގީންކަން އޮންނަން ޖެހޭ. އަދި މާބޮޑަށް ގުރުބާންވާން ޖެހޭނެ. އަހަރެން އަޑުއެހިން އަހަރެމެން ވަރަށް ގިނަ ފައިނަލްތަކުން ބަލިވި ވާހަކަ. މާދަމާ (މިއަދު) އެކަން ނިމޭނެ. މީގެ 50 އަހަރު ކުރިން ހިނގި ކަމަކާ ވިސްނާކަށް ނުޖެހޭ،" އެލެގްރީ ބުންޏެވެ.
އޭނާ ބުނީ މި އަހަރު ޔުވެންޓަސް ތަފާތު ކަމަށާއި މި ފަހަރު އޮތް ވަރަށް އިތުބާރު 2015 ގައި ނެތް ކަމަށެވެ.
"އަހަރެމެން މެޗުތަކާ ކުރިމަތިލާ ގޮތް ތަފާތު. އަހަރެމެން ވަރަށް ބޮޑަށް ކުރިއަރައިފި. މުޅި އަހަރު އަހަރެމެން މަސައްކަތްކުރީ މިކަމަށް. ސީޒަނުގެ ތެރޭ ލިބުނު މޮޅު ތަކަކީ ހަމައެކަނި ތަމްރީން ސެޝަންތަކެއް،" ޗެމްޕިއަންސް ލީގުގެ ތަށްޓަށް އަމާޒުކޮށްގެން މި ސީޒަނަށް ބޮޑު ހަރަދުތަކެއް ކުރި ޓީމުގެ ކޯޗު ބުންޏެވެ.
ކުޅުނު ދުވަސްވަރު އެލެގްރީ އަކީ ނަން މަޝްހޫރު ކުޅުންތެރިއަކަށް ނުވި ނަމަވެސް އިދިކޮޅަށް ނުކުންނަ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާނަކީ އެލެގްރީގެ ދުވަސްވަރު އިޓާލިއަން ލީގުގައި ރަސްކަންކުރި މިޑްފީލްޑަރެކެވެ. އެކަމަކު ކޯޗެއްގެ ގޮތުގައި އެލެގްރީ ވަނީ ކުރި ހޯދައިފަ އެވެ. އޭސީ މިލާނަށް އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ކޯޗު ވަނީ ޔުވެންޓަސްއާ ހަވާލުވެ އިޓާލިއަން ލީގު ތިން ފަހަރު ހޯދައިދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ގެންގޮސްދީފަ އެވެ.
ވޭލްސްގެ ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމުގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
. ރިއަލް މެޑރިޑް
03 June 2017
.ރިއަލް މެޑރިޑް މޮޅު ވާނެ އރާދަކުރްވިއްޔާ. . . . . ޙަލަ މެޑްރިޑް
ރަދީފް
03 June 2017
ގުޑް ލަކް 2 ޓީމަށް ވެސް. ނަމަވެސް ޔުވެންޓަސް މޮޅުވެއްޖެނަމަ އެއީ ލިބޭ އިތުރު އުފަލެއް ކަމުގަވާނެ. ވ.ވެދުން
ޢަޒްވީން
03 June 2017
ފޯޒާ ޔުވެންޓަސް