މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. އެލްޖީއޭގެ ބޯޑަށް މެމްބަރުން ތިން މެމްބަރަކު އައްޔަން ކުރަން ރައީސް ޔާމީން ވަނީ މިއަދު މަޖިލިހަށް ހުށަހަޅުއްވާފައި. - ފޮޓޯ: މަޖިލިސް
05 ޖޫން 2017 - 11:36
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމެވި ތިން ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.
އެއީ ޖެންޑާ އިކުއަލިޓީގެ ދާއިރާ އިން ފ. ނިލަންދޫ، ހަތިކޮޅު މިންނާ ރަޝީދާއި މަދަނީ ޖަމިއްޔާގެ މެމްބަރެއްގެ ހައިސިއްޔަތުން ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަން (ޗާނދަލިޔާ ހަސަން) އަދި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ގއ. ކަނޑުހުޅުދޫ ހެޕީ ކޯނާ އާމިރު އަލީ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވަނީ، ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވައިފަ އެވެ.
މީގެ އިތުރުން ރާއްޖޭން ތައިލެންޑަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވުމާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށާއި ރާއްޖެ އާއި ޔޫއޭއީ އާއި ދެމެދު ޕްރޮމޯޝަންސް އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްގައި ދިވެހި ސަރުކާރުން ސޮއިކުރުމުގެ މައްސަލަ ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައި ވަނީ އެލްޖީއޭގެ ބޯޑު އެކުލަވައިލުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށެވެ. އެ ގާނޫނު ތަސްދީގުކޮށް، އަމަލްކުރަން ފެށުމާ އެކު އެލްޖީއޭގެ ބޯޑު އުވުނީ އެވެ.
މިހާރު އޮތް ގޮތުން އެލްޖީއޭ ބޯޑުގައި އެއްވެސް ކައުންސިލަަރަކު ނުހިމެނޭނެ އެވެ. ކުރިން އެލްޖީއޭގައި، ހަ ކައުންސިލަރުންނާ އެކު، ނުވަ މެމްބަރުން ތިބެ އެވެ. ނަމަވެސް އަލަށް ފާސް ކުރި ގާނޫނުގައި އޮންނަ ގޮތުން އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.
އެއީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ތަޖުރިބާކާރަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން ޗީފް އެގްޒެކްޓިވް އޮފިސަރު އެވެ. އެކަމަކު މަޖިލިހަށް ރައީސް ޔާމީން ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި ޗީފް އެގްޒެކްޓިވް އޮފިސަރަކަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަމެއް ނެތެވެ.
އެލްޖީއޭގެ ބޯޑުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައް ކަނޑައަޅުއްވާނީ ވެސް، ގާނޫނުގައި ބުނާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އެވެ. މެންބަރުންގެ މުއްދަތަކީ ފަސް އަހަރެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ގާނޫނަށް ގެނައި މި ބަދަލަކީ ރައްޔިތުން އިތުރަށް އަޅުވެތި ކުރަން ކުރި ކަމެކެވެ.
އެލްޖީއޭގެ ބޯޑަށް ރައީސް ޔާމީން ފޮނުއްވި ނަންތައް ދިރާސާ ކުރަން ކޮމެޓީ އަށް ފޮނުވިއިރު، ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ވަނީ ތިން ސިޓީ ކައުންސިލްގެ އިތުރުން އާބާދީ ބޮޑެތި ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު
05 June 2017
ވާނުވާގެ
މިޝަން
05 June 2017
އަލީ އާމިރު ގަވަރަނަންސް ދާއިރާއިން ކޮން ތަޖުރިބާއެއް ލިޔެވުމެއް ކިޔެވީ؟ ދިވެހި ޑިގުރީއެއް ހެއްޖަކަސް އަދި ނުވާނެ
ޝިޔާމް
05 June 2017
އެލްޖީއޭގެ ބޯޑުގައި ކުރިން ވެސް ތިއްބެވި 2 ބޭފުޅުން ބޯޑަށް ގެނައުން. މިހާރު ނޫހުން ދިރާސާކޮށްލުން ރަނގަޅު ކަމެއް. މިއީ އެތަނުގައިގައި އޮތް ސަގާފަތް ކުރިން އޮތްގޮތަށް ބާއްވަން ބާރުލިބުން.
ނިޔާޒް
05 June 2017
އާމިރު އާއި އަހުމަދުހަސަން އަކީ އެލްޖީއޭގައި ކުރިން ވެސް ތިބި ދެ މީހުން. މިކަމުން އެނގެނީ މިނިސްޓަރ އަޒްލީން މިކަމަށް ނުފޫޒުފޯރުވާފައިވަރު. މި ދެ ބޭފުޅުންގެ ހުރީ ތިޔަފަދަ ބޯޑެއްގައި ތިއްބަވަން 1- ކިހާ ތައުލީމެއްތޯ؟ 2- ކިހާ ތަޖުރިބާއެއްތޯ؟ 3- ގައުމީ ފެންބަރުގެ ތަނެއް ހިންގަން އުޅުނުތޯ؟ 4- އެލްޖީއޭ ބޯޑުގައި ތިއްބަވައިގެން ކުރިން ކުރީ ކޮންކަމެއްތޯ؟ 5- މިބޭފުޅުންގެ ބޮލުގައިހުރީ ކިހާ ބުއްދިއެއްތޯ މިކަންކަމަކީ ބަލަންޖެހޭ ކަންތައްތައް.
އަދުލީ
05 June 2017
މިކުރަނީ ހަމައެއް ކަމެއް. ތިން ބޭފުޅުންގެ ތެރެއިން 2 ބޭފުޅުންނަކީ ކުރިން ވެސް ބޯޑުގައި ތިއްބެވި 2 ބޭފުޅުން. އާމިރު އާއި އަހުމަދުހަސަން. ބުނިހާ ގޮތެއް ހަދާ ދެ ބޭފުޅުން. ޒަމާނަށް ލޯހުޅުވިފައިވާ ދެ ބޭފުޅުން ކަމަށް ނުބެލެވޭ. މިއަށް ކިޔަނީ ބާރުތައް ހިފެހެއްޓުން.
އުމަރު
05 June 2017
ރާއްޖޭގެ ލާމަރުކަޒީ ޤާނޫނު ހަދައި އެތަކެއް ބޮޑެތި ހަރަދުތަކެއްކޮށް، އަދި ސިޓީތަށް ހަދައި އެތަންތަނަށް މޭޔަރުންނާއި ކައުންސިލަރުން އައްޔަންކޮށް އެމީހުންގެ މައްޗަށް މިލީ ކޮންބައެއް، ރައްޔިތުން ހޮވާ ބައެއްނޫން، އެހެންކަމުން އަނެއްކާވެސް ރައްޔިތުން ވޯޓްދީގެން ހޮވިމީހުން ކޮންޓްރޯލްކުރާނެ އަތޮޅު އޮފީހެއް މިހެދީ ރާއްޖޭގެ ހުރިހައި ރަށްތަކުގެ ކަންކަން މެނޭޖުކުރުމަށް، ދެން ރަށްތަށް ތަރައްޤީވާނެމިންވަރު ބަލާ
>>>ހަމަ އެކަނި މަޖިލީހަށް އޮންނާނީ ބޭކާރު އަނގަ ތެޅުން
05 June 2017
އެެންމެ ފަހުގެ ނިންމާނީ ސްޕްރީމް ކޯޓުންނެވެ!
ނިންމާލާ
05 June 2017
އެލްޖީއޭގެ ބޯރޑަށް ރައީސް އައްޔަން ކުރައްވާ ބޭފުޅުންނަށް ނުޖެހޭނެ ރައްޔިތުންގެ މަޖްލީހުގެ ރުހުން ހޯދަން. މަޖްލީހުގެ ރުހުން ހޯދުމުގެ ބޭނުމަކީ ކޮބާ. މަޖްލީހަކީ އެއީ އެއްވެސް ކަމަކަށް ޒިންމާދާރު ވާ ބަޔެއް ނޫން ދޯ. އެމީހުން ޒިންމާވާން ނުޖެހޭ ދޯ ދައުލަތުގެ ބަޖެޓަށް ވެސް. އެއްގޮތަކަށް ވެސް މަޖްލީހުގެ ރުހުން އެލްޖީއޭ ބޯރޑަށް ހޯދަން ޖެހޭނެ ކަމަށް މަމެން ޕިންކީން ނުދެކެމެވެ. ސްޕްރީމް ކޯޓަށް ހުށައަޅައިގެން މިކަން ވެސް ބަދަލު ކޮށްލަންވީ ރައީސް އެލްޖީއޭ ބޯރޑަށް މެމްބަރުން އައްޔަން ކުރެއްވީމާ ނިމުނީ އެވެ.