ހަރުބީ މިދިޔަ އަަހަރު މިސްރުގެ ފެސްޓިވަލަށް ކުރި ދަތުރުގެ ތެރެއިން.
13 ޖޫން 2017 - 21:51
މިސްރުގެ ކަލްޗަ މިނިސްޓްރީން އިންތިޒާމުކޮށްގެން އަންނަ އޮގަސްޓް މަހު ބާއްވާ "އިސްމައިލިއާ ފެސްޓިވަލް ފޮ ޓްރެޑިޝަނަލް އާޓްސް" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ މިއުޒިކް ގްރޫޕްތަކަށް ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އޮގަސްޓް މަހުގެ 20-25 އަށް ބާއްވާ ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވާން ޝައުގުރިވާ ގްރޫޕްތަކަށް، ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
އެކަމަށް އެދޭ ފޯމް އެންސީއޭ އިން މިހާރު އަންނަނީ ދޫކުރަމުންނެވެ.
ބައިވެރިވާ އެދި ހުށަހަޅާ ގްރޫޕްތަކަކީ އެޑްމިނިސްޓްރޭޓަރަކާ އެކު 13 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށް ވާން ޖެހެ އެވެ.
އެންސީއޭ އިން ބުނީ ފެސްޓިވަލަށް ދާން ހޮވޭ ގްރޫޕެއްގެ މެމްބަރުންނަށް އެކޮމަޑޭޝަން، ކެއުން އަދި ލޯކަލް ޓްރާންސްޕޯޓް ހަމަޖައްސައި ދޭނީ މިސްރުގެ ކަލްޗަ މިނިސްޓްރީން ކަމަށެވެ.
ހަބޭސް މިދިޔަ އަހަރު މިސްރުގެ ފެސްޓިވަލަށް ކުރި ދަތުރުގެ ތެރެއިން.
އެހެން ނަމަވެސް ދަތުރު ހަރަދު އަދި ހެލްތު އިންޝުއަރެންސް ހަމަޖައްސަން ޖެހެނީ އަމިއްލައަށެވެ.
މިދިޔަ އަހަރު މިސްރުގެ ކަލްޗަ މިނިސްޓްރީން ބޭއްވި "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ރާއްޖޭން ބައިވެރިވީ މަޝްހޫރު ބޮޑުބެރު ބޭންޑް ހަބޭސް އެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މިސްރުގައި ބޭއްވި "އިސްމައިލިއާ އިންޓަނެޝަނަލް ފޯކްލޯރް ފެސްޓިވަލް" ގައި ރާއްޖޭން ބައިވެރިވީ ބޮޑުބެރު ބޭންޑް ހަރުބީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy