ވެޓެރަންސް ކަޕްގެ މެޗެެއްގެ ތެރެއިން މާޒިޔާގެ ނާދު (މ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ޖޫން 2017 - 09:13
ވެޓެރަންސް ކަޕްގައި އިއްޔެ ކްލަބް އީގަލްސް އަތުން 7-0 އިން ހޯދި ބޮޑު މޮޅާ އެކު މާޒިޔާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މާޒިޔާ ސެމީން ޖާގަހޯދީ ދެ ވަނަ ބުރުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މާޒިޔާ ފުރަތަމަ މެޗުން މޮޅުވީ ދިވެހި ސިފައިންގެ ކްލަބް އަތުންނެވެ.
އިއްޔެ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާގެ ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި އަހުމަދު ނާޝިދު (ނާދު) ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދީ ނާދު އެވެ.
އަނެއް ލަނޑުތައް ކާމިޔާބުކުރީ އިސްމާއިލް މުހައްމަދު (އިއްސެ) ދެ ލަނޑާއި މުހައްމަދު ޝިނާން (ނާނި) އާއި އިބްރާހިމް ޝާފިއު ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާ އެވެ. މި މެޗުން ގްރީން ސްޓްރީޓްސް ބަލިވެއްޖެނަމަ މި ގްރޫޕުން ސެމީ ފައިނަލަށްދާ ޓީމުތައް ކަށަވަރުވާނެ އެެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުން ވެލެންސިއާ ވަނީ ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.
ފުރަތަމަ ސެމީ ފައިނަލުގައި ކުޅޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ އެއް ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ތިން ވަނަ ސެމީ ފައިނަލަށެވެ. ތިން ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ސެމީން ބަލިވި ޓީމާއި ގްރޫޕް އޭގެ ދެ ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމު ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ
ނިއު އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy