ފައްލޫޖާގެ ސިޓީ ހޯލު ހިފާފައިވާ ކަމަށް އިރާގު ސިފައިން މިދިޔަ ހަފުތާގައި ބުނެފައިވޭ. --ފޮޓޯ:ބީބީސީ
22 ޖޫން 2016 - 14:34
ވޮޝިންޓަން (ޖޫން 22) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ފައްލޫޖާގެ ބޮޑު ސަރަހައްދެއް ހިފައިފި ކަމަށް އިރާގުން ބުނި ނަމަވެސް އެ ސިޓީން އަދި ހިފުނީ ތިންބައިކުޅަ އެއްބައި ކަމަށް އެމެރިކާގެ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.
ކާނަލް ކްރިސްޓޮފާ ގާވާ ވިދާޅުވީ އިރާގު ސިފައިންނަށް ފައްލޫޖާ އިން އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެކަމަކު އިރާގުގެ ކޮމާންޑަރުން ބުނެފައި ވަނީ ފައްލޫޖާގެ 80 ޕަސެންޓް އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވެސް ވިދާޅުވެފައި ވަނީ ސިޓީ ހޯލް އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނައުމާ އެކު އެ ސިޓީ މިހާރު މިނިވަން ކުރެވުނީ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްތަކުގައި ފައްލޫޖާގައި ތިބި އައިއެސްގެ މަދު ހަނގުރާމަވެރިންތައް ނެރެލާނެ ކަމަށް އަބާދީ ވިދާޅުވި އެވެ.
އިރާގު ސިފައިން ހުކުރު ދުވަހު ބުނެފައި ވަނީ ސިޓީ ކައުންސިލް އޮފީހުގައި ގައުމީ ދިދަ ނަގާފައިވާ ކަމަށެވެ. އަދި ފައްލޫޖާ އިން 2،500 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށް ވެސް އިރާގު ސިފައިން ބުނެ އެވެ
ފައްލޫޖާ ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން މީގެ މަހެއްހާ ދުވަސްކުރިން ފެށި ފަހުން މިހާތަނަށް އެ ސިޓީ ދޫކޮށް 83،000 މީހުން ހިނގައްޖެ ކަމަށް އދ. އިން ބުނެ އެވެ. ވެރިރަށް ބަޣުދާދުގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ ފައްލޫޖާ އަކީ އައިއެސްގެ ބާރުގެ ދަށުގައި އެންމެ ގިނަ ދުވަހު އޮތް ސިޓީ އެވެ. އިރާގު ސިފައިން ބުނެފައި ވަނީ ފައްލޫޖާ އަށް ފަހު ދެން އޮތީ އުތުރުގެ މޮސޫލް ހިފުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy