ދިރާގާއި މައިކްރޯސޮފްޓް ގުޅިގެން "އޮފީސް 365" ރާއްޖެ އަށް ތައާރަފުކުރަނީ
04 ޖުލައި 2017 - 15:44
ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮފީސް މަސައްކަތްތައް ފަސޭހައިން ކުރެވޭ ގޮތަށް އެމެރިކާގެ މައިކްރޮސޮފްޓް އިން ތައްޔާރުކޮށްފައިވާ "އޮފީސް 365" ދިރާގާ ގުޅިގެން ރާއްޖޭގައި މިއަދު ތައާރަފްކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެކަން އިފްތިތާހުކޮށްދެއްވީ މައިކްރޮސޮފްޓުން ދެކުނު އިރުމަތީ އޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޗީފް މާކެޓިން އޮފިސަރު ރީނާ ޗައި އާއި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ ވިދާޅުވީ މައިކްރޮސޮފްޓް ފަދަ ދުނިޔޭގެ ބޮޑު ކުންފުންޏަކާ ގުޅިގެން ހިދުމަތް ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑުކުރިއެރުމެއް ކަމަށެވެ. އަދި އެ ހިދުމަތް ރާއްޖޭގައި ދިނުމަށް މައިކްރޯސޮފްޓްއާ އެކު މަސައްކަތްކުރާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކީ ވެސް އޮފީސް 365 ބޭނުންކުރާ 50 މިލިއަން މީހުންގެ ތެރެއިން އެކެއް. އަޅުގަނޑަށް އެނގޭ އެ ސޮފްޓްވެއާގައި ހުރި ފަސޭހަކަން. އެ ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން އަޅުގަނޑުގެ މަސައްކަތުގެ ދުވެލި ވަނީ އެތައް ގުނައެއް އިތުރުވެފައި،" އިސްމާއިލް ވިދާޅުވި އެވެ.
މައިކްރޯސޮފްޓް އޮފީސް 365 ތައާރަފްކުރަން ބޭއްވި ހަފުލާގައި ދިރާގުގެ ސީއީއޯ ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަޙީދު /މިހާރު
އޭނާ ވިދާޅުވީ އެ ހިދުމަތް ބޭނުންކުރަން ފެށި ފަހުން ޕެންޑްރައިވް ފަދަ ޑިވައިސްއެއް ގެންގުޅެން ނުޖެހޭ ކަމާއި ހުރިހާ މައުލޫމާތެއް ރައްކާކުރެވިފައި ވަނީ ހުންނަނީ މައިކްރޯސޮފްޓް ވަންޑްރައިވްގައި ކަމަށެވެ. އަދި އަތްމަތީގައި ގެންގުޅޭ ކޮންމެ ޑިވައިސްއަކުން ވެސް އެ ހިދުމަތް ބޭނުންކުރެވޭތީ ވަރަށް ބޮޑަށް ފަސޭހަ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
"އެއީ ވަރިހަމަ ގޭގައި ހުއްޓަސް ނުވަތަ ދަތުރެއްގައި އުޅެމުން ވެސް އޮފީސް ފައިލްތައް ބޭނުންކުރެވޭ. އަދި އޭގެ އިތުރުން އޮފީސް މީހުންނާ ގުޅިގެން މަސައްކަތް ވެސް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއެއް މިއީ. އަދި ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭ ސޮފްޓްވެއާއެއް މިއީ،" އޭނާ ވިދާޅުވި އެވެ.
ރީނާ ވިދާޅުވީ އޮފީސް 365 ސޮފްޓްވެއާ އަކީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އޭގެ ބޭނުން ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުން ފުރިހަމައަށް ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގޭ ރާއްޖެއަކީ ވަރަށް ބޮޑަށް މުއާސަލާތީ ގޮތުން ގުޅިފައި އޮތް ގައުމެއްކަން. ރާއްޖޭގައި މޮބައިލް ފޯނު ބޭނުންކުރާ މީހުންގެ އަދަދު ވަނީ 200 ޕަސެންޓަށް އިތުރުވެފައި. އަދި އޭގެ އިތުރުން އާބާދީގެ 80 ޕަސެންޓް މީހުން ސޯޝަލް މީޑިއާ ބޭނުންކުރޭ،" ރީނާ ވިދާޅުވި އެވެ.
މައިކްރޯސޮފްޓް އޮފީސް 365 ތައާރަފްކުރަން ބޭއްވި ހަފުލާގައި މައިކްރޯސޮފްޓުން ދެކުނު އިރުމަތީ އޭޝިޔާ އަށް ކަނޑައަޅާފައި ހުންނަވާ ޗީފް މާކެޓިން އޮފިސަރު ރީނާ ޗައި ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަޙީދު /މިހާރު
މައިކްރޯސޮފްޓުން ތައާރަފްކުރި "އޮފީސް 365"އަކީ އިންޓަނެޓް މެދުވެރިކޮށް އޮފީހުން ބޭރުގައި ހުރެގެން މަސައްކަތްތައް ކުރެވޭ ސޮފްޓްވެއާއެކެވެ. މި ސޮފްޓްވެއާ ޑެސްކްޓޮޕް ކޮމްޕިއުޓަރުގެ އިތުރުން މޮބައިލް ފޯނާއި އައިޕެޑް އަދި ލެޕްޓޮޕް ފަދަ ތަކެތިން ވެސް ބޭނުންކުރެވެ އެވެ.
އެ ރަސްމިއްޔާތުގައި ވަނީ މައިކްރޯސޮފްޓް "އޮފީސް 365" ބޭނުންކުރާ ގޮތް ދައްކާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ާއަހުމަދު މޫސާ
05 July 2017
ޥަރަށް ހިތްހަމަޖެހޭ ދޯ ދެން !!
ބީވައިޢޯޑީ
04 July 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި މަައިކްރޯ ސޮފްޓާ ގުޅިގެން އޮފީސް365 ގެ ޚިދުމަތް ބޭނުންކުރާތާ މީ ދެވަނަ އަހަރު. އެގޮތުން ކިޔަވާއިދިނުމުގަޔާ އަދި އިދާރީ ހިންގުމުގައިވެސް އޮފީސް365 ގެ ޕެކޭޖް ގެ އެޕްތައް ދަނީ ބޭނުންކުރަމުން. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ކޮންމެ ސްޓާފެއް އަދި ކޮންމެ ދަރިވަރަކަށް އޮފީސް ޕެކޭޖް 10 ޑިވައިސްސް ގަ ބޭނުން ކުރުމަށް ފްރީކޮށްލިބޭ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަކީ ރާއްޖޭގެ އެންމެފުރަތަމަ މަައިކްރޯ ސޮފްޓާ ޝޯކޭސް ސްކޫލް.
ހޯރަ
04 July 2017
މަ އޮފީސް 365 ބޭނުން ކުރާތާ ދުވަސް ގަނޑެއް ވެއްޖެ. މީގަ ދިރާގު މެދުވެރި ވަނީ ކިހިނެއް ކަމެއް ނުވިސްނުނު. އޮފީސް 365 އަކީ ހަމަ އެހެން އޮފީސް އެކޭމާބޮޑު ތަފާތެއް ހުރި އެއްޗެއް ނޫން. ކްލައުޑް ސްޓޯރޭޖް އަކަށް ވަންޑްރައިވް އިން 1 ޓީބީ އިނދޭ ދީފަ ހޯމް ޕެކޭޖް ގަ. ކޮންމެ އިންޓަރނެޓް އެއް ހުއްޓަސް ވާނެ.
ބޭބެ
04 July 2017
މީގެ އަހަރު ތަކެއް ކުރިން ތިހިދުމަތް ލިބުންނަމައޭ ހިތަށް އަރާ. މިހާރު މިވަނީ ގޫގުލްގެ ޑްރައިވް އަދި އެމީހުންގެ އެޕްސްތަކައް ބަދަލުވެ ނިމިފަ. ދެން ބަދަލުވާންވީ ސަބަބެއް އަދި ތިޔަކުންޏަކަށް ނުދެއްކޭ.
ޣފޖގބޖފގ
04 July 2017
ދިރާގުންތަ 500 އަށް ސިމް ވިއްކީ؟